މަކުނު ވިދުރި ނުވަތަ މަންކީ ޕޮކްސް ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަތާ 65 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައްޔެކެވެ. މިބަލީގެ ނުރައްކާ އެކި ދުވަސްވަރު ބޮޑުވެ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުއްލި ނުރައްކަލުގެ ހާލަތު އެކި ދުވަސްވަރު ޢިއުލާން ކޮށްފައިވެއެވެ. މިބައްޔަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. އަދި ބައެއް ފަހަރު ޖަނަވާރުންގެ ފަރާތުންވެސް މިބަލި އިންސާނުންނަށް ޖެހިފައިވާކަން ރިކޯޑުކުރެވިފައިވެއެވެ.
މިބަލި ފެތުރުމުގެ ފުރުސަތު އޮންނަނީ ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑުން ބޭރުވާ ދިޔަ އެހެން މީހެއްގެ ހަށިގަނޑަށް ވާސިލުވުމުންނެވެ. މިގޮތުން ކެއްސާ ކިނބިހި އެޅުމާއި ޖިންސީ ގުޅުން ހިނގުމާއި ބަލި ޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ އެއްޗެއް ބޭނުންކުރުން ހިމެނެއެވެ. އޭގެތެރޭގައި އަންނައުނާއި ސިރިންޖު ފަދަ ތަކެތި ހިމެނެއެވެ.
މި ބަލިޖެހިފައިވާ މީހާގެ ހަށިގަނޑުގައި ތަދު އިހްސާސްކުރެވޭ ބިހިތަކެއް ނެގުމާއި ފޮޅުނެގުން ފަދަ ކަންކަން މެދުވެރިވެއެވެ. އަދި ހުންއައުމާއި ކަރުގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުން ހިމެނެއެވެ. މީގެއިތުރުން ހަށިގަނޑުގެ ދިފާޢީ ނިޒާމުގައި ހިމެނޭ "ލިމްފް ނޮޑްސް" ދުޅަވުމުގެ މައްސަލަވެސް ބައެއް ހާލަތުގައި ކުރިމަތިވެއެވެ. މިބަލީގެ އިންފެކްޝަސް މުއްދަތު ގައިންގަޔަށް އަރާ އެހެން ބަލިތަކަށްވުރެ ދިގެވެ. އެހެންކަމުން ހުންއަންނަ މުއްދަތުން ފެށިގެން ގައިގައި ނަގާ ފޮޅުތައް އެއްކޮށް ރަނގަޅުވުމާއި ހަމައަށް އެމީހާއާއި ބައްދަލުވާ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އޮންނަކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.
ބައެއް ފަރާތްތަކަށް ކުރިމަތިވާ ފުރަތަމަ އަލާމާތަކީ ކުދި ބިހިތަކެއް ނެގުމަށްފަހު، ބިހިތަކުގައި ދޮސްއެކުލެވޭ ފޮޅެއް ނެގުމާއި، ހިރުވުމުގެ އުނދަގޫ އިޙްސާސްކުރެވުމެވެ. ޢާއްމުގޮތެއްގައި އަތާއި ފައިތިލައިން ބިހިތައް ނެގިނަމަވެސް ބައެއް މީހުންގެ މޫނާއި އަނގަތެރެއާއި ކަރުތެރެއިންވެސް މިބިހިތައް ނެގުމުގެ ފުރުސަތު އޮވެއެވެ. ހަމައެއާއެކު ބައެއް ހާލަތްތަކުގައި މީހާގެ ކުރިމަތީ ފަރާތާއި ފުރަގަސް ފަރާތުގައިވެސް ބިހިނެގުމުގެ ފުރުސަތުއޮވެއެވެ. ބަލީގެ ޒާތުން ބޮޑުވަރު ނުވެ ގިނަ މީހުން ސަލާމަތްވީނަމަވެސް ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ފުރާނައަށް މީގެ ސަބަބުން ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ.
ބަލީގެ ޢަލާމާތްތަކަށް ބަލާއިރު ގައިންގަޔަށް އަރާ ބައެއް އެހެނިހެން ބަލިތަކާއި އެއްގޮތް ޢަލާމާތްތަކެއް ހުރުމުން ބަލި ދެނެގަތުމަށް ޓެސްޓުކުރުމަކީ މުހިއްމުކަމެކެވެ. ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ޓެސްޓުކުރުމެވެ.
މިބަލި މިވަގުތު ދުނިޔޭގެ ބައެއް ޤައުމުތަކުގައި އައުޓްބްރޭކް ލެވެލްގައި އޮތްއިރު މިބަލި ޢާއްމުވުމުގެ މައިގަނޑު އެއްސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ރައްކާތެރި ނޫންގޮތުގައި އަދި ނަހަމަގޮތުގައި ޖިންސީ ގުޅުންތައް ހިންގުމުންކަން ފާހަގަކޮށްލެވެއެވެ. ބައްޔާއި ދެކޮޅަށް މިވަގުތު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ޢާއްމު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައެވެ. މިވަގުތު ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ އެފްރިކާގެ ބައެއް ޤައުމުތަކުގައެވެ.