މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެ، ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން މޫސުން ގޯސްވެ ވައިގަދާނެތީ އެ އިދާރާއިން ވަނީ އުތުރާއި މެދުރާއްޖެތެރެއަށް ރީނދޫ ސަމާލުނެރެފައެވެ. މިއަދު މެންދުރު 13:00 އާ ހަމައަށް ނެރުނު އެ ސަމާލުގައި ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެ ސަރަޙައްދަށް މެންދުރު 13:00 އާ ހަމައަށް ނެރެފައިވާ ސަމާލުގައި ވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވެ ގެތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ސަރުކާރުން ވަނީ މި ޙާލަތާ ގުޅިގެން ޚާއްޞަ ޓާސްކުފޯހެއް އެކުލަވާލާ ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައެވެ.