ހަމައެކަނި ޓެކްސީތަކަށް ޚާއްސަކޮށް މާލެއާއި ހުޅުމާލޭގައި ޕާކިން ޒޯންތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ޓެކްސީތަކަށް ޚާއްޞަކޮށްގެން ވަކި ޕާކިންގ ޒޯނެއް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
އަމީން ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ޓެކްސީތަކަށް ހާއްސަކޮށްގެން މާލެ އާއި ހުޅުމާލޭގައި ތަރައްޤީކުރާ ޕާކިން ޒޯންތައް ކަނޑައެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން ޕާކިން ޒޯނެއް ތަރައްޤީކުރުމަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖެހިފައިވާކަމަށާއި މާލެއިންވެސް ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އަމީން ވިދާޅުވިއެވެ. އަދި މިއީ ޕާކިން މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޓެކްސީތަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ޕާކުކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ޓެކްސީ ބޯޑު ލިބިފައިވާ އުޅަނދުފަހަރަށް އެކަނިކަމަށެވެ. އަދި މި ސަރަޙައްދު ބޭނުންކުރުމާ ގުޅޭ ގޮތުން ވަކި ގަވާއިދެއް އެކުލަވާލައި، އާންމުކޮށް އިޢުލާނުކުރެވޭނެކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ހުރި އެހެނިހެން ހުސް ބިންތައްވެސް ވަގުތީ ޕާކިން ސަރަހައްދުތަކަށް ބަދަލު ކުރާނެއެވެ.
"ޓެކްސީ ހިދުމަތްދޭ ފަރާތްތަކަށް ކުޑަވަގުތަކަށް ޕާކު ކުރެވޭނެ ވަކި ތަންތަން ހަމަޖެއްސޭތޯ، އެ ތަންތަން ވެސް ހަމަޖައްސާނަން މާލެ އާއި ހުޅުމާލޭގައި ވެސް. އޭރުން އެ ބޭފުޅުންނަށް ވެސް ފަސޭހަ ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދަކީ އެންމެ ގިނަ އުޅަނދުފަހަރު ދުއްވާ، އެންމެ ތޮއްޖެހުން ބޮޑު ސަރަހައްދެވެ. މި ސަރަހައްދުގައި ޕާކުކުރާނެ އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން، އެކި ތަންތަނުގައި އުޅަނދުފަހަރު ޕާކުކުރުމަކީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ މައްސަލައެކެވެ. މީގެ އިތުރުން، ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ޖެހުމަކީވެސް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. މި ކަންކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ޕާކިންގ ބިލްޑިންގތައް އެޅުމާއި، ޕާކިންގ ޒޯންތައް ކަނޑައެޅުމާއި، ގަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމާއި، އަދި ރާއްޖެއަށް އެތެރެކުރެވޭ އުޅަނދުފަހަރުގެ އަދަދު ލިމިޓް ކުރުން ހިމެނެއެވެ.
ޕާކިން މައްސަލަ ހައްލުކުރުމުގެ ގޮތުން ޤަވާއިދާއި ހިލާފަށް ބައެއް ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި މިސްކިތްތަކާއި އާންމު ގިނަ މީހުން ވަދެނިކުމެ އުޅޭ ތަންތަނުގައި ބަހައްޓާފައިވާ އުޅަނދުތައް ހިމެނެއެވެ.