ޚަބަރު

ގުދުރަތީ ކާރިސާތަކުގައި ލިބޭ ގެއްލުމުން އަރައިގަތުމުގައި އިންޝުއަރެންސްގެ ނިޒާމަކަށް ދާންޖެހޭ


  • ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިންޝުއަރެންސް މުހިންމު

  • އިންޝުއަރެންސް ނިޒާމަށް އާންމުން އަދިވެސް އަހުލުވެރިވާންޖެހޭ

ގުދުރަތީ ކާރިސަތަކުގައި ލިބޭ ގެއްލުމުން އަރައިގަނެ އާންމު ހާލަތަކަށް ދިޔުމަށް ދެވޭ މާލީ އެހީއިން ދައުލަތަށް ލިބޭ ބުރަ ކުޑަކުރުމަށް އިންޝުއަރެންސްގެ ނިޒާމަށް އަހުލުވެރިވާންޖެހޭކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އިތޯރިޓީގެ ޗީފް އެގޒެކެޓިވް ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

ހިސާން ވިދާޅުވީ، ގުދުރަތީ އެކި ކާރިސާތަކަށް ބޭނުންކުރެވޭނެ އިންޝުއަރެންސްގެ ނިޒާމެއް ޤާއިމުކުރުމަށް ކުންފުނިތަކާއެކު ގިނަ މަސައްކަތްތަކެއް މިހާރު ކުރެވިފައިވާކަމަށެވެ.

މޫސުމީ އެކި ވިއްސާރައާއި އަލިފާނުގެ ޙާދިސާތަކާއި މިނޫންވެސް ގުދުރަތީ އެކި ކާރިސާތަކުގައި އާންމުންގެ ގެދޮރާއި މުދަލަށް ލިބޭ ގެއްލުމުން އަރައިގަނެ އާންމު ހާލަތަކަށް ރުޖޫޢުވުމަށް ދައުލަތުން ކުރާ ހޭދަ އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. މާލީގޮތުން މިކަމަށް ދައުލަތުން ކުރާ ހޭދަކުޑަކުރުމަށް އެހީ ފޯރުކޮށްދެވޭ ނިޒާމަށް ބަދަލުގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ކާރިސާތަކުން އަރައިގަތުމަށް ކުރާ ހޭދަ ކުޑަކުރުމަށް އިންޝުއަރެންސް ކުންފުނިތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކާރިސާތަކުން ލިބޭ ގެއްލުންތަކަށް ވަރަށް ރަނގަޅު ޕެކޭޖްތަކެއްވަނީ ތައްޔާރުކުރެވިފައި. އެގޮތުން އެކި ބާވަތުގެ ގެއްލުންތަކަށް ޚާއްސަ ޕެކޭޖްތަކެއް މީގެ ތެރޭގައި ހިމެނޭ." ހިސާން ވިދާޅުވިއެވެ.

އިންޝުއަރެންސްގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ގެއްލުންވެ ގެއިން ނުކުންނަންޖެހޭ ހާލަތްތަކުގައި ކުއްޔަށް ބަދަލުވާ ހާލަތްތަކުގައި ކުލި ކަވަރކުރާނެ ޕެކޭޖްތަކާއި، ފަރުނީޗަރާއި އެނޫންވެސް ސާމާނު ހަލާކުވެގެން އޭގެ ބަދަލު ލިބިދޭ ޕެކޭޖްތަކާއި ގުދަން އަދި އެކި ވިޔަފާރިތަކަށް ޚާއްސަ ޕެކޭޖްތައްވެސް މީގެތެރޭގައި ހިމެނޭކަން ހިސާން ފާހަގަކުރެއްވިއެވެ. އަދި މިވަގުތުވެސް ބޮޑެތި ވިޔަފާރިތަކުން މިކަމަށް އިސްކަންދޭކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ އިންޝުއަރެންސްގެ ނިޒާމަށް އާންމުން އަހުލުވެރިކުރުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ރާއްޖޭގައި މިހާރުވެސް އެކި ބާވަތުގެ ގިނަ އިންޝުއަރެންސްގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައާއި ގެދޮރުވެރިކަމުގެ ސިނާޢަތުގެ އިތުރުން ވިޔަފާރިތަކުގައި ފުޅާދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުންދާކަން ފާހަގަކޮށްލެވެއެވެ.