ޚަބަރު

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނާނީ ޒިންމާދާރުކޮށް: އިދާރީ ދާއިރާތަކާބެހޭ ވަޒީރު


  • އަވަސްވަހަށް ލާމަރުކަޒީ ޤާނޫނަށް ގެން އިޞްލާހު ބަލައިނުގަނެވޭ

  • ނިޒާމު ހަރުދަނާ ކުރުމަށް ހުރިހާ ފަރާތްތަކުގެ ހިޔާލު މުހިންމު

ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލެއް ގެނެވޭނީ ސިޔާސީ ވިސްނުމުން އެއްކިބާވެ ހުރިހާ އެންމެންވެސް ގުޅިގެން މަސައްކަތްކޮށްގެންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއިބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއިބެހޭ ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ގެނެވިފައިވާ އިޖުރާޢީ ބަދަލުތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ބަދަލުތަކުގެ ސަބަބުން ކުރީ ކޮން އަސަރެއްކަމެއް މިހާތަނަށް ދެނެގަނެވިފައިނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގިނަ އިސްލާހުތަކެއް އެ ޤާނޫނަށް ގެންނަން ޖެހުމަކީ ރައްޔިތުން އެކަމާއި މެދު ކަންބޮޑުވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރުވެސް މި ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް ރައްޔިތުން ބޭނުންވާކަން ސާފުވާކަމަށެވެ. ނަަމަވެސް ޤާނޫނަށް ބަދަލު ގެނައުމުގައި އިޚްލާސްތެރި ނިޔަތެއް އޮތުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށްވެސް ވެރިކަން ބަދަލުވާއިރު ސިޔާސީ އޮއިވަރުގައި ބަދަލުތަކެއް ގެނައި ނަމަވެސް، އެކަމުގެ މަންފާއެއް އެއްވެސް ސިޔާސީ ޕާޓީއަކަށް ނުކުރާކަމަށް ވާޒީރު ވިދާޅުވިއެވެ.

އެގޮތުން ބައެއް ހާލަތްތަކުގައި ލާމާރުކަޒީ ނިޒާމަށް ގެނެވޭ ބަދަލަކީ ޖަޒުބާތުގައި ގެނެވޭ ބަދަލުތަކަށް ވެފައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ލާމަރުކަޒީ ނިޒާމަށް ގެނެވޭ ބަދަލުތަކަކީ ޕާޓީ ނިޒާމު އެކަހެރިކޮށް ޒިންމާދާރުކަމާއެކު މުޅި ނިޒާމު ހަރުދަނާ ކުރުމަށް ގެނެވޭ ބަދަލުތަކެއްކަން ޔަޤީން ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރުކޮށް ދަންނަވާނަމަ، އެމްޑީޕީން އަންނަ ފަހަރު ވަކި އަދަދެއް. ޕީޕީއެމް ވެރިކަމަށް އަންނަ ފަހަރު ވަކި އަދަދެއް. އެމްޑީޕީން ނަންބަރުތައް ބަދަލުކޮށްގެން ދެވަނަ ފަހަރަކު ވެރިކަމަކަށް ނާދެވެނު. ޕީޕީއެމްވެސް ނަންބަރާއި ކުޅެލި. ޕީޕީއެމްއަކަށްވެސް ވެރިކަމަށް ނާދެވެނު. އެހެންވީމަ އޭގެ ޒާތުގައި ރައްޔިތުންނެއް ޤަބޫލެއް ނުކުރޭ އޭގެ ހެޔޮބަދަލުތަކެއް ގެނެވޭކަމަށް. އަޅުގަނޑު ދެކޭގޮތުގައި ޕާޓީ ނިޒާމު ހަޤީޤީ މާނާގައި ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވާ އެކަމަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއް. " ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް މިހާތަނަށް ގެނެވިފައިވާ ބައެއް ބަދަލުތަކަށް އިޝާރާތްކުރައްވާ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މިހާރު އޮތް ގޮތުން އަތޮޅު ކައުންސިލްތަކުގެ ބާރުތައް ހަނިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އަތޮޅު ކައުންސިލްތަކުން ދެވޭ ޚިދުމަތް ފުޅާކޮށް އަތޮޅު ފެންވަރުގައި ޤާނޫނީ އަދި ފަންނީ ފަރާތްތަކުގެ ޚިދުމަތް އަތޮޅު ކައުންސިލްތައް މެދެވެރިކޮށް ރަށު ކައުންސިލްތަކަށްދެވި، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އަތޮޅު ކައުންސިލްތަކުގެ ފެންވަރުގައި ނިޒާމެއް ޤާއިމް ކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން އިދާރީދާއިރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް މިހާރުވެސް ކުރެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެލްޖީއޭގެ މަސައްކަތުގެ ބޭރުން ކައުންސިލްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް ގުޅުވުމާއި، ރައްޔިތުންނާއި ކައުންސިލްތަކާ ދެމެދު އުފެދޭ ޚިޔާލުތަފާތުވުންތައް ހައްލުކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްތަކުން މިހާރު ސަރުކާރުން ނިންމާ ނިންމުންތަކާއި ގުޅޭ ކަންބޮޑުވުންތައްވެސް ވުޒާރާ މެދުވެރިކޮށް ހައްލުކުރުމުގެ މަސައްކަތް ކުރައްވާކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަގުޗާޓެއް އެކުލަވާލައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަޖިލީހުގައި އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކައުންސިލްތަކާއި ބައްދަލުކޮށް ހިޔާލު ހޯދުމަށް ވަނީ ނިންމާފައެވެ. އަދި މަޖިލީހުގައި ތިއްބެވި ކައުންސިލްތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިޔާލުވެސް ހޯއްދަވާނެ ކަމަށާއި، ޤާނޫނު އެކުލަވާލިއިރު މަޖިލީހުގެ ތިއްބެވި ފަރާތްތަކުގެ ޚިޔާލުވެސް ހޯއްދަވާނެ ކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.