ޚަބަރު

ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ބޭންކިންގ ޤާނޫނަށް އިޞްލާޙު ގެންނަންޖެހޭ: މެންބަރުން


  • ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައި

ސްކޭމްގެ މައްސަލަތައް ހުއްޓުވޭނީ ބޭންކިންގ ޤާނޫނަށް އިސްލާޙު ގެނެސްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވެއްޖެއެވެ. އަޒާން މިފަދައިން ވިދާޅުވީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުންނެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ. މެންބަރު ހުށައެޅުއްވި އެ އިޞްލާހަކީ ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރަކާނުލައި އެކައުންޓުތަކުގައި ހުރިފައިސާ ވަގުތީގޮތުން ހިފެއްހެޓުމުގެ ބާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ދެވޭގޮތަށް ހުށައެޅި އިޞްލާޙެކެވެ.

އެ އިޞްލާޙަށް ވާހަކަ ދައްކަވަމުންހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވީ ޖިނަޢީ އިޖުރާޢަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއެކު ސްކޭމްގެ މައްސަލައަށް ޙައްލު ލިބިގެން ނުދާނެ ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ބޭންކްތަކުން ފައިސާ ދައުރުވާ ގޮތް ބަލާ ކަމަށާއި، އެގޮތުން އެކަމުގައި ޝައްކުކުރެވޭނަމަ ފައިސާ ހިފަހައްޓާކަމަށް އަޒާން ވިދާޅުވިއެވެ. އެހެންކަމުން އަޒާން ވަނީ ބޭންކިންގ ޤާނޫނަށް އިސްލާޙު ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ.

"މެންބަރު ހުށަހެޅުއްވި އިސްލާހަކީ ރަނގަޅު މަޤްސަދެއްގައި ހުށަހެޅުއްވި އިސްލާހެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އެހެންނަމަވެސް ސްކޭމްގެ މައްސަލައަށް ހައްލެއް ނުލިބޭ. ބޭންކިންގް ޤާނޫނަށް އިސްލާހު ގެނައުމުން މި މައްސަލަ ހައްލުވެގެންދާނީ. އަދި ރައްޔިތުން ވެސް ހޭލުންތެރި ކުރުވަން ޖެހޭ އިތުރަށް." މެންބަރު އަޒާން ވިދާޅުވިއެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވީ މިހާރު ހުށައަޅާފައިވާ އިޞްލާހުން އެކަނި ސްކޭމްގެ މައްސަލތައް ނުހުއްޓުވޭނެކަމަށެވެ.

"ބޭންކުތަކުން ޓްރާންސްސެކްޝަން ހިންގާއިރު ބްލޮކް ކުރެވިއްޖެނަމަ ނުވަތަ އެއްދުވަސް ނޫނީ ދެ ދުވަހަށް ހިފެހެއްޓިއްޖެނަމަ ފައިސާ ނުނުގެނޭ. އެ ބާވަތުގެ ސެކިއުރިޓީ ސިސްޓަމްތައް ވަރުގަދަ ކުރަންޖެހޭނެ. ވިސްނުމަށްފަހު ޤާނޫނަށް އިސްލާހު ގެންނަންޖެހޭ. މިހާރު އޮތް އިސްލާހުން ހައްލު ނުލިބޭކަމަށް ފެންނަނީ" ޤާސިމް ވިދާޅުވިއެވެ.

މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ވަނީ އަޒާންގެ ވާހަކަފުޅު ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ބޭންކިންގް ޤާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އަޅުގަނޑު ވެސް ޤަބޫލުކުރަނީ މެމްބަރު އަޒާން ފާހަގަ ކުރެއްވި ފަދައިން. ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހުގެ އިތުރު ބިލެއް ވެސް އެބައޮތް. ޖިނާއީ މައްސަލަތައް ހިންގުމުގައި އަމަލުކުރަން އޮތް އިޖުރާތާ ވަކިވަކިން ކުޅުމުގެ ބަދަލުގައި އެކު އެކީގައި އިސްލާހުތައް ގެނައުމަކީ މުހިންމު ކަމެއް" ހުސްނީ މުބާރިކް ވިދާޅުވިއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވަނީ އިސްލާހަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. ޒިޔާދު ވިދާޅުވީ މި އިސްލާހުން މުޅި ސްކޭމްގެ މައްސަލަ ނުހުއްޓުވުނަސް ކޮންމެވެސް މިންވަރެއްގެ ބަދަލެއް އަންނާނެ ކަމަށެވެ.

"ހުރިހާ މެންބަރުންވެސް ޖުމްލަކޮށް އިސްލާހަށް ތާއިދުކުރައްވާ. މި އިސްލާހަކުން މުޅި ސްކޭމްގެ މައްސަލަ ނުހުއްޓޭނެ. މުއައްސަސާތަކަށްވެސް ބަދަލު ގެންނަންޖެހޭނެ. ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ އިސްލާހާއެކު. ބޭންކިންގ ނިޒާމަށްވެސް ބަދަލު ގެންނަންޖެހޭ" ހުސައިން ޒިޔާދު ވިދާޅުވިއެވެ.

ބިލަށް ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ވިދާޅުވީ ޤާނޫނަށް ހުށަހަޅާ އިސްލާހުން ސްކޭމް ހިންގުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށެވެ.

"މިފަދަ ޤާނޫނުތަކަށް އިސްލާހު ގެނެސް މުޖުތަމައުގައި ހަމަޖެހުން އަންނާނެ. ސްކޭމް ހިންގާ މީހުންނަށް އުނދަގޫތަކެއް އަންނާނެ ސްކޭމް ހިންގުމަށް ހުރަސްއެޅޭގޮތަށް ޤާނޫނު ފާސްވެގެންދިޔުމާއެކު." ސައުދުﷲ ޙިލްމީ ވިދާޅުވިއެވެ.

ބިލް ހުށަހެޅުއްވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ސްކޭމްގެ މައްސަލަތަކުގައި އެތައް ރައްޔިތުންގެ ފައިސާ ގެއްލިގެން ހިނގައްޖެ ކަމަށެވެ. އަދި ރައްޔިތުން ސްކޭމްގެ މައްސަލަތަކަށް އިތުރަށް ހޭލުންތެރިވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ހަ މަސް ދުވަހުގެ ތެރޭގައި 1400 މައްސަލަ ހުށަހެޅިފައިވޭ. ރައްޔިތުން ބޮޑަށް ހޭލުންތެރިވާންޖެހޭ. މީހަކު ގުޅާފައި އެއްޗެއް ދޭނެ ކަމުގެ ފެހި ސިގްނަލް ދޭއިރަށް އެކަމުގައި ޖެހޭކަށް ނުޖެހޭ. ކުއްލިޔަކަށް މުއްސަނދިވާން ގެންގުޅޭ ވިސްނުން ރައްޔިތުން ދޫކޮށްލަން ޖެހޭ. އަވަސް ހައްލެއް މިކަމަށް ހޯދައިދިނުމަކީ މަޖިލީހުގެ ޒިންމާއެއް" މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ސްކޭމްގެ މައްސަލަތައް ހިނގާ ކަމަށާއި ނަމަވެސް ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ހިންގާ މިންވަރު އިތުރުކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. މުޖުތަމައުގައި ހިނގާ މިފަދަ ޢަމަލުތައް ހުއްޓުވެންޖެހޭ ކަމަށާއި، އެގޮތުން ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނެސްގެންނަމަވެސް އެކަން ހުއްޓުވޭނެ އަވަސް މަގެއް ހޯދަންޖެހޭކަމަށް މެންބަރުން ވިދާޅުވިއެވެ.