ޚަބަރު

ތެވެލި ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި


  • މިކޮންފަރެންސަށް 206 ކަރުދާސް ހުށައަޅައި 186 ކަރުދާސްވަނީ ބަލައިގެންފައި

  • އަމާޒަކީ ކަރުދާސް ހުށައަޅާ ފަރާތްތަކަށް ފަހިވާނެގޮތަށް ކަންކަން ބައްޓަންކުރުން

ދުއިސައްތައަށްވުރެ ގިނަ ދިރާސީ ކަރުދާސް ހުށަހަޅައި ތެވެލި ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިފަހަރުގެ ތެވެލި ކޮންފަރެންސަށް ގިނަ ގައުމުތަކުންވަނީ ކަރުދާސް ހުށަހަޅާފައެވެ. އެގޮތުން 206 ކަރުދާސް ހުށަހެޅިއިރު މީގެތެރެއިން 186 ކަރުދާސްވަނީ ބަލައިގެންފައެވެ.

ތެވެލި ކޮންފަރެންސާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސާރޗް ޑރ.މަރިޔަމް ޝަހުނީޒާ ނަސީރު ވިދާޅުވީ ގިނަ ގައުމުތަކަކުން ކަރުދާސް ހުށައެޅުމުން ދޭހަވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ތެވެލި ޕްލެޓްފޯމަކީ ދިރާސީ ކަރުދާސް ހުށައަޅަން ބަލައިގެންފައިވާ ފްލެޓްފޯމެއްކަމަށެވެ.

އޭނާ ވިދާޅުވީ ރެކޯޑް އަދަދަކަށް މި ފަހަރުގެ ކޮންފަރެންސަށް ކަރުދާސް ހުށައަޅާފައިވާކަމަށެވެ. އެގޮތުން ތަފާތު އެކި ދާއިރާތަކުން 206 ކަރުދާސް ހުށައަޅާފައިވާކަމަށާއި އޭގެ ތެރެއިން 186 ކަރުދާސް ބަލައިގެންފައިވާކަމަށް ވިދާޅުވިއެވެ.

ޝަހުނީޒާ ވިދާޅުވީ ފާއިތުވި އަހަރު 7 ގައުމަކުން ކަރުދާސް ހުށައަޅާފައިވީއިރު މިއަހަރުގެ ކޮންފަރެންސްއަށް 14 ގައުމަކުން ކަރުދާސް ހުށައަޅާފައިވާކަމަވެ. މީގެތެރޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮލިޓީ ކަރުދާސް ހުރިކަން ޝަހުނީޒާ ފާހަގަކުރެއްވިއެވެ.

"ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ހަދާގޮތަކީ ލިބޭ ފީޑްޕެކަށް ބަލާ އިމްޕްރޫވް ކުރުން. މިފަހަރުވެސް ބައިވެރިންނާއި މޮޑެރޭޓަރުންގެ ފީޑްބެކް ނަގަން. މިހާތަނަށް ވަރަށް ޕޮޒިޓިވް ފީޑްބެކް ލިބިފައިވަނީ. އަމާޒަކީ ކޮންމެ ފަހަރަކުވެސް ކަރުދާސް ހުށައަޅާ ފަރާތްތަކަށް ފަހިގޮތަކަށް ކަންކަން ބައްޓަންކުރުން" ޝަހުނީޒާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީން ކުރިއަށްގެންދާ ތެވެލި ކޮންފަރެންސަކީ ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކޮންފަރެންސެވެ. 2017 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މިކޮންފަރެންސް ބޭއްވި މިއީ 7 ވަނަ އަހަރެވެ.

ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، މި ކޮންފަރެންސްގެ އެންމެ ބޮޑު މަޤްސަދަކީ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ދާއިރާތަކުގެ ތަޖްރިބާކާރުންނަށް އެފަރާތްތަކުގެ ޢިލްމީ އަދި ދިރާސީ ހޯދުންތައް ހުށައަޅާ އެކަމުގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމަށް މަގުފަހިކުރުން ކަމަށެވެ.