ޖަޕާނުގެ މެދުތެރޭގައިވާ ރަށެއްކަމަށްވާ އައި-ޝިމާގައި ޖީ ހަތެއްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ފެށުމަށް ތައްޔާރުވެފައިވާއިރު، އެރަށާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފިއެވެ.
ޖަޕާނުން ލިބޭ ޚަބަރުތައް ބުނާގޮތުން އެޤައުމުގެ ސަލާމަތީ ބާރުތަކުގައި ހިމެނޭ އެތަށް ސަތޭކަ ބަޔަކުވަނީ ސަމިޓް ބާއްވާ ތަނާއި ޖީ ހަތެއްގެ ގައުމުތަކުގެ ޒައީމުން ތިއްބަވާ ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބުދަދުވަހު ޖަޕާނަށް ވަޑައިގެންފައިވާއިރު ކެނެޑާއާއި އިޓަލީއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން ރޭ ވަނީ ޖަޕާނަށް ވަޑައިގެންފައެވެ. އަދި ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކެލްއާއި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް، މިއަދު ހެނދުނު ވަނީ ޖަޕާނަށް ވަޑައިގެންފައެވެ.
ދެދުވަހުގެ މުއްދަތަށް ބާއްވާ މިސަމިޓްގައި ޖީ ހަތެއްގެ ގައުމުތަކުގެ ލީޑަރުން މަޝްވަރާކުރެއްވުމަށް އެޖެންޑާ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މަނީ ލޯންޑްރިންގެ މައްސަލަތަކާއި މާލީ ސިޔާސަތުތަކާ ގުޅިގެން ކުރިމަތިވާ މައްސަލަތަކާއި ދަރަނީގެ މައްސަލަތަކުގެ އިތުރުން ދުނިޔޭގެ މާލީ ބާޒާރަށް އަރަމުންދާ ލޮޅުންތަކުގެ މައްސަލަތައް ހިމެނެއެވެ. މީގެއިތުރުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަން ކުޑަކުރުމާއި އިންވެސްޓްމަންޓްތަކާ ބެހޭ މައްސަލަތަކާބެހޭ ގޮތުންވެސް ޖީ ހަތެއްގެ ލީޑަރުން މަޝްވަރާކުރައްވާނެ ކަމަށް ޚަބަރުލިބެއެވެ.
ޖީ ހަތެއްގައި ހިމެނެނީ ދުނިޔޭގައި ސިނާއީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހަތް ގައުމެވެ.