ޔަމަނަށް ސުލްޙަ ގެނެވޭނެ ކަމުގެ އުންމީދު ކުޑަވަމުންދާތީ އެގައުމުގެ އިގްތިސާދު ހީނަރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އދ. ން އެގައުމަށް ކަނޑައަޅާފައިވާ މަންދޫބު އިސްމާއީލް ވުލްދިއްޝައިޚް ދެއްވައިފިއެވެ.
ކުވައިތުގައި ވާހަކަ ދައްކަވަމުން ވުލްދިއްޝައިޚް ވިދާޅުވީ ޔަމަންގެ އިގްތިސާދު ހީނަރުވެގެން ދިޔުމުން ސަލާމަތް ކުރުމަށް މަސައްކަތްކުރާނެ އިގްތިސާދީ ޚާއްސަ އިދާރާއެއް އުފެއްދުމަށް އޭނާ ހުށަހަޅުއްވާފައިވާނެ ކަމަށެވެ. ހަނގުރާމައިގެ ސަބަބުން ޔަމަންގެ އިގްތިސާދުގެ ބޮޑުތި ގެއްލުންތަކެއްވެ އެގައުމުގެ އެތަށް ސަރަހައްދަކުން ކާބޯތަކެތި ވަރަށްބޮޑަށް މަދުވެ ހުރިތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.
އދ. ގެ ބެލުމުގެ ދަށުން ކުވައިތުގައި ކުރިޔަށްދާ ޔަމަންގެ ސުލްހައިގެ ވާހަކަތަކުންވެސް އެއްވެސް ކުރިއެރުމެއް މިހާތަނަށް ލިބިފައެއްނުވެއެވެ. މި ވާހަކަތައް ބިނާވެފައިވަނީ ޔަމަންގެ އިދިކޮޅު ހޫޘީ ޖަމާއަތުން ހަތިޔާރު ބެހެއްޓުމާއި ސައޫދީ އަރަބިޔާގެ ތާއީދު ލިބިފައިވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރަށް އެޖަމާއަތުން އިޢްތިރާފްވުމަށެވެ. މީގެބަދަލުގައި ޔަމަންގެ ސަރުކާރުގައި ހޫޘީން ބައިވެރިކޮށް ސަރުކާރުގެ އިސް ބައެއް މަގާމުތައް ހޫޘީންނަށް ދީގެން ޔަމަންގެ ހަނގުރާމަ ހުއްޓުވުން މިވާހަކަތަކުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ޔަމަންގައި ކުރިޔަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެތަށް ހާސްބަޔަކު މަރުވެފައިވުމުގެ އިތުރުން މަދަނީ އިންފްރާސްޓްރަކްޗަރގެ ބޮޑުބައެއް ހަލާކުވެފައިވާއިރު ޔަމަންގެ އާބާދީގައި ހިމެނޭ ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް އދ. އިން ބުނެއެވެ.