ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ބައެއް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ ކުރިއަށް އޮތް 3 ހަފްތާގެ ތެރޭގައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ކެބިނެޓް ފެންވަރުގައި މަޝްވަރާ ކުރެވި ގޮތްތަކެއް މިހާރު ނިންމިފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.
މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދެ ޤާނޫނަކަށް އިސްލާހު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕެންޝަނާއި ބެހޭ ޤާނޫނަށާއި ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.
"އެގޮތުން ޕެންޝަނާއިބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ހަމައެއާއި އެކީގައި އިންކަމް ޓެކްސް ނެގުމުގައި ޤާނޫނަށް ބައެއް ބަދަލުތަކެއް ގެންނާނެ. މިއާއެކު މީރާއާއެކު މަސައްކަތްކޮށް މިރާގެ ކަލެކްޝަން ރަނގަޅުކޮށް، މީރާގެ ޤަވާއިދުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ނަމަ ގެނައުމުގެ މަސައްކަތް ކުރާނަން " އުޝާމް ވިދާޅުވިއެވެ.
ސަރުކާރުން ގެންނަން ނިންމާފައިވާ ބައެއް ބަދަލުތަކުގެ ތަފްސީލް ހާމަކުރައްވާ ބަންޑާރަ ނައިބު ވިދާޅުވީ، މި ބަދަލުތަކުގެ އެއް ބޭނުމަކީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކަށް، ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދެއްކުމުގެ ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ޓެކްސް ޤާނޫނަށް ގެންނަ އިސްލާހުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކޭނެ ގޮތަށް ޤާނޫނު ބަދަލު ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އެފަދަ ކުންފުނިތަކުން ޑޮލަރުން މުސާރަ ދޭނަމަ، ޕެންޝަނަށް ޖަމާވާ ފައިސާވެސް ޑޮލަރުން ދޭ ގޮތަށް ހަމަޖެެއްސުމަށް ޕެންޝަން ޤާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ކަސްޓަމްސްއަށްވެސް ޑޮލަރުން ފައިސާ ދެއްކުމަށް ޤާނޫނު އިސްލާހުކުރުމަށް ނިންމަވާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މި ބަދަލުތައް ގެނައުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ބަނޑާރަ ނައިބު ވިދާޅުވިއެވެ.
"ވަރަށް ގިނަ ފަހަރަށް ސަރުކާރަށް ލިބޭ ޝަކުވާއެއް، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ކުޅުބާޒާރުގައި ޑޮލަރު މާރުކުރާ ވާހަކަ. މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ކެބިނެޓުން މިކަން މިއަދު ވަނީ ނިންމާވަފައި. މީގެ އިތުރުންވެސް ރާއްޖޭގެ ޑޮލަރު މައްސަލައަށް ހައްލުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އަޅުގަނޑުމެން މަޝްވަރާކުރާނަން " އުޝާމް ވިދާޅުވިއެވެ.
ސަރުކާރުން ވިދާޅުވީ މި ބަދަލުތައް ގެނައުމުގެ ގޮތުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ކުރިއަށް އޮތް 2 ނުވަތަ 3 ހަފްތާ ތެރޭގައި މަޖިލީހަށް ހުށަހަޅާނެއެވެ. އަދި ޤަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބަދަލުގެ ގެންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.