ޚަބަރު

ޑިވެލޮޕްމަންޓް ބޭންކުގެ ޗެއަރޕާސަނަކަށާއި ސީއީއޯއަށް ބޭރުގެ ތަޖުރިބާކާރު ދެ ބޭފުޅުން


  • ބައިނަލްއަޤުވާމީ މާލީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގަންނަވާފައިވާ ދެބޭފުޅުން

  • ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމަށް މުހިންމު މަޝްވަރާތަކެއް ކުރެއްވި

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރޕަރސަންގެ މަޤާމަށް ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އަދި ސީއީއޯގެ މަޤާމަށް އިނގިރޭސިވިލާތުގެ ނޮއެލް ގްރެގަރ ޢައްޔަންކުރައްވައިފިއެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރޕަރސަން އަދި ސީއީއޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ދެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ބައްދަލުކުރައްވާފައެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރމަން އަދި ސީއީއޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ސިންދަފާތުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އިޤްތިޞާދީ އަދި މާލީ ދާއިރާގެ ތަޖުރިބާކާރު ދެބޭފުޅުންގެ އެހީތެރިކަމާއެކު ރާއްޖޭގެ އިޤްތިޞާދުކުރެއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމުގެ އުއްމީދީ ވާހަކަތަކެއް މިބައްދަލުވުމުގައި ކުރިއަށްދިޔަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރޕަރސަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީއަކީ މާލީ ދާއިރާގެ 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. މިގޮތުން ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ދާއިރާތަކަށްބަލާއިރު ދުނިޔޭގައި ކުރިއަރަމުން އަންނަ އިޤްތިޞާދުތަކަށް ދިމާވާ މައްސަލަތަކުން އަރައިގަތުމަށް އެމުއްދަތުގެ ތެރޭގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އޭނާ ވަނީ ސްރީލަންކާގެ އިޤްތިޞާދު ކުރިއެރުވުމަށްވެސް އެކި ގޮތްގޮތުން މަސައްކަތްކުރައްވާފައެވެ. އޭނާ ވަނީ ހަރވާޑް ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯސް ޙާސިލުކުރައްވާފައެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ނޮއެލް ގްރެގަރއަކީ ސަޢުދިޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑް ޤާއިމުކުރުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަޝްރޫޢުގެ ޗީފް އިންވެސްޓްމަންޓް އޮފިސަރގެ މަޤާމުގައި ހުންނަވާ މުހިންމު މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ. އަދި ނޮއެލް ގްރެގަރއަކީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑްގެ ޗެއާއެވެ. އޭނާ ގެންދަވަނީ ގްރީން ފައިނޭއިންސިންއާއި ޢުމްރާނީ ތަރައްޤީގެ ތަޖުރިބާއާއެކު ދެކުނު އިރުމަތީ އޭޝިއާގެ އިޔާދަކުރަނިވި ޙަކަތައިގެ މަޝްރޫޢުތައް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.

އޭނާވަނީ އެމް ފިލް މެނޭޖްމަންޓް ސްޓަރޑީޒްގެ ދާއިރާއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާސިލުކުރައްވާފައެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް ބޭފުޅުން ޕީސީބީން ޢައްޔަންކުރައްވާފައިވަނީ، މިމަހުގެ 21 ވަނަ ދުވަހުގައެވެ. މިބޭންކް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވަނީ މިއަހަރުގެ މޭއި މަހުގެ 16 ވަނަ ދުވަހުއެވެ.