ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޑިޖިޓަލް ސްމާޓް މީޓަރ ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލޭނެ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤު މިހެން ވިދާޅުވީ ދ.ކުޑަހުވަދޫގެ ހުރިހާ ގޭބިސީއެއްގައި ބޭނުންކުރާ ކަރަންޓު މީޓަރުތައް ޑިޖިޓަލް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުޑަހުވަދޫގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ގޭބިސީތަކުގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަށް ކުރިއަށްގެންދެވުނު މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާޢަތަށް ގެނެވުނު އިންޤިލާބީ ކުރިއެރުމެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމި ބޭނުންކުރަން ފެށުމާއެކު، ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތައް އެނގޭނެކަމަށެވެ. އަދި ގޭބިސީތަކުގައާއި ރަށުގެ ކޮންމެ ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވިނަމަވެސް އެނގޭނެކަމަށް ވިދާޅުވިއެވެ. މިއީ ކަރަންޓު ހެޔޮގޮތުގައި ބޭނުންކުރުމަށް ލިބޭ ބާރެއްކަމަށާއި މިމަޝްރޫޢު އެއްކޮށް ނިމޭއިރު ކަރަންޓުގެ އަގުހެޔޮވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގެ އެންމެ މުހިންމު އެއްކަމަކީ އެގޭބިސީއެއްގައި އެދުވަހަކު ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގިގެންދާނެ. މީގެ މާނައަކީ ހަކަތަ އިޤްތިޞާދު ކުރުމަށް އެޅިގެންދިޔަ ފިޔަވަޅެކޭ މިއީ. ކަރަންޓު ލީކެއް އުޅޭނަމަ މީގެ ސަބަބުން އެނގިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
ހަކަތައާ ބެހޭ ވަޒީރު ވިދާޅުވީ ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަޝްރޫޢެއްކަމަށެވެ. އެގޮތުން ފެނަކައާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގައި މިމަޝްރޫޢު ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއްކަމަށެވެ. އަދި ހުރިހާ ރަށެއްގައި މިނިޒާމު ޤާއިމުކުރެވުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު ބެލުމަށްފަހު "ޓައިމް އޮފް ޔޫސް ޓެރިފް" ތަޢާރަފްކުރެވޭނެކަމަށް ވިދާޅުވިއެވެ. މިއާއެކު ގޭބިސީތަކުގައި ކަރަންޓު މަދުން ބޭނުންކުރާ ގަޑިތަކަށް ޚާއްސަކޮށްގެން އަގު ހެޔޮ ބޭންޑުތަކެއް ތަޢާރަފްކޮށް ކަރަންޓު ގިނައިން ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ފެށޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަކަތައާއި ބެހޭ ވަޒީރުވަނީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އަހަރުން އަހަރަށް ކަރަންޓަށް އޮތް ޑިމާންޑު 10 އިންސައްތައިން އިތުރުވަމުންދާއިރު އެއާއެއްވަރަށް ކެޕޭސިޓީ އިތުރުކުރެވިފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.