ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއެކު 6 މަސް ދުވަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު މާލީ ގޮތުން ރާއްޖެ އޮތީ އިނދަޖައްސާލާފައިކަމަށެވެ. އަދި މާލީ ނިޒާމު ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން 3 އަހަރު ތެރޭ 8 ބިލިއަން ރުފިޔާ ޗާޕުކޮށް ކުރަން ނުޖެހޭ އެތަކެއް ޚަރަދުތަކެއް އޭރު ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ދިގު ތާރީޚުގައިވެސް ނުއުފެއްދޭ ވަރުގެ ދަރަންޏެއް އެންމެ ފަސް އަހަރުތެރޭގައި އުފައްދާފައިވާކަން ފާހަގަކުރެއްވިއެވެ. މިއިން އެއްވެސް ދަރަންޏަކުން އާމްދަނީ އިތުރުކުރެވޭނެ އެއްވެސް މަސައްކަތެއް ކޮށްފައިނުވުމުގެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް ދަރުވާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު މިއަހަރު މިހާތަނަށް 16 ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
" މިހުރިހާ ކަމަކާއެކުވެސް މި ދިޔަ 6 މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން 16 ބިލިއަން ރުފިޔާ ސަލާމަތްކޮށްފިން. އަދި ދަރަނި ދެއްކުމަށް އޮތް ސޮވެރިން ފަންޑުގައި މިހާރު 60 މިލިއަން ޑޮލަރު އެބަހުރި" ވަޒީރު ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތްތައް ދާދި އަވަހަށް ފަށާނެކަން ފާހަގަކުރެއްވިއެވެ. އަދި ފުނަދޫގެ ފައިނޭންޝަލް ސެންޓަރ ޤާއިމް ކުރުމުގެ މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާ ކަމަށާއި، އުތުރުގެ ބަންކަރިން ޚިދުމަތް މިއަންނަ މަހުގެ 12 ވަނަ ދުވަހު، ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިކަންކަމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން މިހާރު ލަފާ ކޮށްފައިވާ ވަރަށް ވުރެ، ބޮޑަށް ކުރިއަރާނެ ކަމަށެވެ. އަދި ސަރުކާރުން މިހުރިހާ ކަމެއްކުރަމުންދާއިރުވެސް އެއްވެސް ދަރަންޏެއް ޑިފޯލްޓުވެފައި ނުވާކަން ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.
"މިދަރަނި އަދާކުރަން ޖެހޭތީ ނޫންތޯ މިހުރިހާ ކަމެއް [ކުރައްވަނީ]. އަދި މިހާތަނަށް އެންމެ ޕޭމަންޓެއްވެސް ޑިފޯލްޓް ނުވޭ. އަދި ކާޑު އެތެރެކޮށް މިހާތަނަށް ކޮށްފައި ހުރި ހުރިހާ ކަމަކާއި ޑީލް އެބަކުރެވޭ" އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ސަރުކާރާއި ހަވާލުވިއިރު ބޮޑެތި ދަރަނިތަކެއް ދައްކަން ހުރި ނަމަވެސް، މިއިން އެއްވެސް ދަރަންޏަކީ މިވީ ދުވަސްތަކުގެ ތެރޭގައި އުފެއްދި ދަރަންޏެއް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މިފަދަ ހާލަތަކަށް ދެވަނަ ފަހަރަށް ދިއުމަށް ފުރުސަތު ނުދެއްވާނެކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވިއެވެ.