ޚަބަރު

ދިވެހި ބަހުގެ ނަމުގެ ބައިތަކާމެދު ޚިޔާލު ހޯދުމަށް ސެމިނާރެއް


ދިވެހި ބަހުގެ ޤަވާއިދުގެ ނަމުގެ ބައިތަކާމެދު މަޝްވަރާކޮށް ފަންނީ ބޭފުޅުންގެ ޚިޔާލު ހޯދުމުގެ ގޮތުން ސެމިނާރެއް ބާއްވައިފިއެވެ.

މިއަދު ބޭއްވި މި ސެމިނާރގެ މަޤްސަދަކީ ދިވެހި ބަަހުގެ ނަމުގެ ޤަވާއިދާ ގުޅޭ ގޮތުން  ބަހުގެ ޤަވާއިދު ކޮމިޓީން ތައްޔާރުކޮށްފައިވާ ޤަވާއިދަށް ފަންނީ ބޭފުޅުންގެ ލަފަޔާ ޚިޔާލު ހޯދާ މަޝްވަރާކުރުންކަމަށް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ބަހުގެ ކޮމިޓީން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ނިންމާފައިވާ ދިވެހި ބަހުގެ ނަމުގެ ޤަވާއިދު ނެރުމުގެ ކުރިން ފަންނީ ބޭފުޅުންގެ ޚިޔާލާ މަޝްވަރާ ކުރުމަކީ އެޤަވާއިދު އިތުރަށް ފުރިހަމަވާނެ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަޝްރަފް ވިދާޅުވީ، ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ ދަށުން ދިވެހި ބަހުގެ އެކަޑަމީއަށް މިފަދަ ޤަވާއިދުތައް އެކަށައަަޅުއްވާ ޢާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް  ލާޒިމްކުރާ ކަމަށެވެ. އަދި މިފަދަ ޤަވާއިދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކޮށް، ބަސް ބޭނުންކުރުމަަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އެދިވަޑައިގެންނެވިއެވެ.

ދިވެހި ބަހުގެ ނަމުގެ ބައިތަކާމެދު ޚިޔާލު ހޯދުމަށް ބޭއްވި ސެމިނާރގައި 13 ކަރުދާހެއް ހުށަހަޅާ މަޝްވަރާކޮށްފައިވެއެވެ. އޭގެ ތެރޭގައި ޚާއްސަ ނަން، ޢާންމު ނަން، މާއްދީ ނަން، މާނަވީ ނަން، ބަދަލު ނަން، ނަމުގެ ޖިންސު، ނަން އެކަހެރިކުރުމާއި ނަން ގިނަ ކުރުން އަދި ނަމަށް ގެނެވޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތު ދެއްވައެވެ.

ސެމިނަރގައި 25 ފަރާތަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ބަހުގެ ފަންނީ ބޭފުޅުންނާއި، ދިވެހި މުދައްރިސުންނާއި އަދި މީޑިޔާގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.