ޚަބަރު

އޮންލައިންކޮށް ޞަދަޤާތް ކުރެވޭ ޚިދުމަތް އިފްތިތާހްކުރައްވައިފި


  • އޮންލައިންކޮށް ޞަދަޤާތް ކުރެވޭނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓްގައި

  • ދީނީ އެކިކަންކަމަށް ވީހާ ގިނަ ފަރާތްތަކުން އެހީތެރިވުމަށް ވަޒީރު އެދިވަޑައިގެންނެވި

އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާ އެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިފްތިތާހްކުރައްވައިފިއެވެ. އޮންލައިންކޮށް ޞަދަޤާތް ކުރެވޭނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ޞަދަޤާތް ކުރުމަށް ޚާއްސަ ޕޭޖެއް ޤާއިމްކޮށް އެކަން އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓް މެދުވެރިކޮށް ޞަދަޤާތުގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމާއި، މިސްކިތް ބިނާކުރުމާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުން ހިމެނެއެވެ.

މިރަސްމިއްޔާތުގައި އިސާލްމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ޞަދަޤާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ޞަދަޤާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމެއްކަމަށް ވިދާޅުވެ، ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވަޒީރު ޑރ.ޝަހީމް އެދިވަޑައިގެންނެވިއެވެ.

" ރާއްޖޭގެ ވަރަށްގިނަ ރަށްތަކުގައި އަދިވެސް ޤުރުޢާން ކްލާސްތައް ހިންގުމާއި ދީނީ ކަންތައްތައް ކުރިއެރުވުމުގައި މާލީ ދަތިކަމުގެ ސަބަބުން ގޮންޖެހުންތައް އެބަހުރި. ކުޑަކުޑަ އެހީއަކުންވެސް ރަށްރަށުގައި ހުރި މިފަދަ ކަންތައްތަކަށް ހައްލުލިބިގެންދާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ޞަދަޤާތަށް ޚާއްސަ ޕޭޖުން ޞަދަޤާތްތަކާއި ގުޅޭ ޚަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ޤާއިމްކުރާ މިސްކިތްތަކުގެ މަޢުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.