ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން، ޤާނޫނާ ޤަވާއިދާ ޚިލާފަށް އެކި މަސައްކަތްތައް ކުރާކަމީ އެނގެން އޮތް ހަގީގަތެކެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން، އެކި ނަންނަމުގައި ތަފާތު ގިނަ ވިޔަފާރިތައް ދަނީ ހިންގަމުންނެވެ. މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރުމާއި، ހަށިވިއްކާ ތަންތަން ހިންގުމާއި، ކުދި އަދި ބޮޑެތި ކުށްކުށަށް އަރައިގަތުންވެސް ދަނި އިތުރުވަމުންނެވެ.
ޒަމާންވީ މި ބޮޑު އިޖުތިމާޢީ މައްސަލައަށް ހައްލެއް ނުގެނުވުނުތާގައި ދެމެހެއްޓެނިވި މަސައްކަތެއްވެސް ކުރެވިފައިނެތެވެ. ނަމަވެސް އަދުގެ ސަރުކާރުން އިޖްތިމާޢީ މި ބޮޑު މައްސަލައާ ކުރިމަތިލަނީ މީގެކުރިން ދުވަހަކުވެސް ސަރުކާރަކުން ކުރިމަތިނުލާހާ ހިތްވަރާއެކުއެވެ. ފާއިތުވި ނުވަ މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ތަފާތު ނަތީޖާއެއް ދައްކުވައިދީފިއެވެ.
މިކަމުގެ އެންމެ ބޮޑު ތާރީފެއް ހައްގީ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއި، އެވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް އިމިގްރޭޝަނަށެވެ.
މޯލްޑިވްސް އިމިގްރޭޝަން މިފަހަރު އޮތީ މި މައްސަލައަށް ދުދޭނެ ގޮތަކަށްނޫނެވެ. ބިދޭސީން ހިންގަމުންދާ މުޑުދާރު އެތައް ވިޔަފާރިއެއް ހުއްޓުވައިފިއެވެ. ޤަވާއިދާ ޚިލާފަށް ކުރަމުން އައި އެތައް މަސައްކަތެއް ހުއްޓުވައި، އެތައް ބިދޭސީންނެއް ޑީޕޯޓުކޮށްލައިފިއެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ހަރަކާތެއް ފެށިގެން މިހާރު އެބަ ކުރިއަށްދޭ. މި ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވޭ. އަދި 52 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި… pic.twitter.com/Z8TPwhDU8P
— Maldives Immigration (@ImmigrationMV) August 28, 2024
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ބުރަ އަދި ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެ މަސައްކަތުގެ ދަށުން މުޅި އިމިގްރޭޝަނުގެ ހުރިހާ އޮފިސަރުން ހިމެނޭހެން މަގުތަކަށް ނިކުމެ ވަނީ ޤަވާއިދާ ޚިލާފަށް އުލޭ ބިދޭސީން ދެނެގަތުމުގެ ޚާއްޞަ އިންސްޕެކްޝަނެއް ފަށާފައެވެ.
ޖުމްލަ 211 އޮފިސަރުން ހިމެނޭހެން މުޅި މާލޭގައި ވަނީ ހަރަކާތްތެރިވެފައެވެ. މާލޭގައި އިމިގްރޭޝަނުގެ އޮފިސަރެއް ނުފެންނަ މަގެއްނެތެވެ. ޚާއްޞަކޮށް ބިދޭސީންގެ އައްޑާތައްކަމަށް ފާހަގަވާ ތަންތަނުގައި އިމިގްރޭޝަނުގެ އޮފިސަރުން ޚާއްސަ އިސްކަމެއްދީގެން ހަރަކާތްތެރިވިއެވެ. އެއީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ހިމެނިވަޑައިގަންނަވާހެން އެންމެ ދަށް އޮފިސަރާހަމައަށެވެ.
މަގުތަކަށް ނިކުތުމުގެ ކުރިން ހުރިހާ އޮފިސަރުން އެއްވީ ސޯޝަލް ސެންޓަރަށެވެ. 211 އިމިގްރޭޝަން އޮފިސަރުންނަށް ފުރަތަމަ ބްރީފިން ދިނެވެ. އަދި އެ ހުރިހާ އޮފިސަރުން 52 ގްރޫޕަކަށް ބަހާލިއެވެ. މާލެ 26 ޒޯނަކަށް ބަހާލައިގެން މުޅި މާލެ ތެރޭގައި ހަރަކާތަށް ނިކުތެވެ.
ގާތް ގަޑަކަށް 3 ގަޑިއިރަށް ކުރިއަތް ގެންދިޔަ އޮޕްރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދާއި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާންވެސް ވަނީ މަގުމައްޗައް ނިކުމެވަޑައިގެން މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި އޮޕްރޭޝަންގެ ޒަރިއްޔާއިން ވަނީ ގަވައިދާ ޚިލާފަށް ހިންގާ އެތައް ތަނެއް ދެނެގަނެވިފައެވެ. އަދި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންވެސް ދެނެގަތެވެ.
މަގުމަތިން އިމިގްރޭޝަންގެ އޮފިސަރެއް ފެންނައިރަށް ބައެއް ބިދޭސީން ބިރުން ދުވެ ފިލައެވެ. ބައެއް ތަންތަނުގެ ކަންކަން މަތީ ފާރައަށް މީހުން ތިބޭހެންވެސް ހީވެއެވެ. އިމިގްރޭޝަނުގެ އޮފިސަރެއް ފެނިއްޖެނަމަ ވަގުތުން ފިހާރަ ބަންދުކޮށް ފިލުމަށް ތައްޔާރަށެވެ.
ދިވެހިރާއްޖޭގައި ހުއްދަނެތި ދިރިއުޅޭ ބިދޭސީންނަށް ފިލުމަށް އެހީތެރިވުމާއި، އެފަދަ މީހުން އަމިއްލަ ބެލުމުގެ ދަށުގައި ބެހެއްޓުމަކީ ޤާނޫނާ ޚިލާފު ޢަމަލެކެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅަނެކަމުގެ އިންޒާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޗަން މުޙައްމަދު ޝަމްޢާން ވަޙީދު ދެއްވިއެވެ.
"އިމިގްރޭޝަން ގާނޫނުގެ ދަށުން މި ފަދަ ފަރާތްތައް ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ދެވެން އޮވޭ. އަޅުގަނޑުމެންގެ އިންސްޕެކްޝަންތަކުގައި މިފަދަ ކަންކަން ފާހަގަވާ މިންވަރަކަށް އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން." ޝަމްޢާން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުން އެނގުނު އެއްކަމަކީ ބިދޭސީން ލައްވާ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވާ ދިވެހީންވެސް ތިބިކަމެވެ. އެފަދަ ދިވެހިންނަށް ލިޔުމުން ނަސޭހަތްތެރިވެ ޤާނޫނީ އިމިގެ ތެރެއަށް ވަނުމަށް ވަނީ އެދިފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެންމެ ފަހުން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ޖުމްލަ 257 ތަނެއް ރެއިޑްކުރިއެވެ. ޤާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ 3،322 ބިދޭސީން އެ މީހުންގެ އަމިއްލަ ޤައުމުތަކަށް ޑީޕޯޓްކޮށްލާފައިވެއެވެ. މި މަސައްކަތް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުގައި މި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.
Good work Team @ImmigrationMV. Keep up the 🔥 https://t.co/7kot7rcpB7
— Minister of Homeland Security & Technology (@min_mohst) August 28, 2024
އިމިގްރޭޝަނުން ކުރިއަށްގެންދާ މި ޚާއްޞަ އޮޕަރޭޝަނަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރުވެސް ވަނީ ތަޢުރީފްކުރައްވާފައެވެ. ޤަވައިދަ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނެވެންދެން އިމިގްރޭޝަނުން ކުރިއަށްގެންދާ މި މަސައްކަތް ހުއްޓަނުލާނެކަމުގެ ޔަޤީންކަން އިމިގްރޭޝަނުންދެއެވެ. މޯލްޑިވްސް އިމިގްރޭޝަނާއި، އެ އިދާރާގެ ހުރިހާ މުވައްޒަފުން މިކުރާ ހިތްވާރައި މަސައްކަތަށް ސާބަސް ހައްގެވެ.