ޚަބަރު

ބަންގްލަދޭޝްގައި ދިވެހި ޑޮކްޓަރުންނަށް ހަމަލާދިނުން ސިޔާސީ ނުކުރުމަށް އެޑޮކްޓަރުން ގޮވާލައިފި


  • މިހާދިސާގައި ދިވެހި 2 ޑޮކްޓަރުންނަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވޭ

  • ހޮސްޕިޓަލުން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ވޯޑުތަކުގައި ސެކިއުރިޓީ ދަށްވުމުގެ ސަބަބުންކަމަށް

ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި އިންޓަރންޝިޕް ފުރިހަމަ ކުރަމުން އަންނަ ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާ ދީފައިވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ޑީޕޯޓްކުރަމުންދާތީ ނޫން ކަމަށާއި މިކަން ސިޔާސީ ނުކުރުމަށް އެހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޑޮކްޓަރުން ގޮވާލައިފިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ބަންގްލަދޭޝްގެ ޗިޓަގޮންގް ހޮސްޕިޓަލުގައި އިންޓަރންޝިޕް ފުރިހަމަ ކުރަމުން އަންނަ ދިވެހި 2 ޑޮކްޓަރަކަށް ހަމަލާދީފައިވާކަން އެވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެހޮސްޕިޓަލުގެ މެނޭޖްމަންޓާއި ކުރެވުނު މަޝްވަރާތަކުން އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. މިހާދިސާގައި ދިވެހި 2 ޑޮކްޓަރުންނަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މިހާދިސާއާ ގުޅިގެން އެހޮސްޕިޓަލުގައި މަސައްކަތްކުރަމުންދާ ދިވެހި ދަރިވަރުން ވަނީ ހޮސްޕިޓަލުގެ ޑިރެކްޓަރާއި ބައްދަލުކޮށްފައެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ވޯޑުތަކުގައި ސެކިއުރިޓީ ދަށްވުމުގެ ސަބަބުން ކަމަށާއި، ކުރިއަށް އޮތްތަނުގައި ވޯޑުތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރެވޭނެ ކަމުގެ ޔަޤީންކަން ދިވެހި ޑޮކްޓަރުންނަށް ދީފައިވާ ކަމަށް ޗިޓަގޮންގް މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި އިންޓަރންޝިޕް ފުރިހަމަ ކުރަމުން އަންނަ ޑޮކްޓަރުންވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ޗިޓަގޮންގް ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން އިންޓަރންޝިޕް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ ހޮސްޕިޓަލެކެވެ.