ޚަބަރު

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު 648 މީހަކަށް ހުޅުމާލެއިން ގޯތި ހަވާލުކޮށްފި


  • ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ގޯތި ދޫކޮށްފައިވޭ

  • ބައެއް ގޯތި ދޫކޮށްފައި ހުރީ ހުޅުމާލޭގެ މަގުތައް މަތިން ނުވަތަ ބިން ސާފުނުކޮށް

  • ގޯތި ހަވާލުކުރެވޭނީ، ގޯތި ދިން ތަންތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށްފަހު

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 648 މީހަކަށް ގޯތި ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ގޯތިވަނީ ދޫކޮށްފައެވެ. މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މީގެ ތެރެއިން ދޫކޮށްފައިވަނީ 11 ގޯއްޗެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރަން ނިންމި 1351 ގޯތީގެ ތެރެއިން މިހާތަނަށް 648 ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކޮށްފައިވަނީ އަވަސް އަރުވާލައިގެން ރަނގަޅަށް ތައްޔާރުނުވެއެވެ. މީގެ ސަބަބުން ގޯތި ލިބުނު މީހުންނަށް، ގޯތި ހަވާލުކުރުން އޮތީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ، ގޯތި ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ހުޅުމާލެއިން ގޯތި ދޫކުރަން ނިންމާފައިވާ ބިންތައް ސާފުކުރުމާއި މަގުތަކަށް އަރާގޮތަށް ގޯތި ދޫކޮށްފައި ހުރުމުގެ ސަބަބުން އެކަންކަން ދަނީ އިސްލާހުކުރަމުންނެވެ.

އަދި ހުޅުމާލޭގައި ދޫކޮށްފައިވާ ބައެއް ގޯތިތައް ހުރީ އާންމު ޚިދުމަތްތައް ދިނުމަށް ބިމު އަޑިން އަޅާފައިވާ މައި ނެޓްވޯކްތަކަށް އަރާގޮތަށް ކަމުން އެނެޓްވޯކްތައް ރަނގަޅުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ބާކީހުރި ގޯތިތައް ހަވާލުކުރެވޭނީ މިގޮތަށް ހުރި މަސައްކަތްތައް ނިމުމުންކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގައި ދޫކުރަން ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. ނަމަވެސް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1096 ގޯތި، ސަރުކާރުން މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްދީފައެވެ.

ބިންވެރިޔާ ސްކީމްގެ ގުޅީފަޅާއި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތި ހަވާލުކުރެވޭނީ އެތަންތަން ހިއްކުމަށްފަހު އެތަނުގައި އާންމު ޚިދުމަތްތައް ޤާއިމްކުރުމަށްފަހުގައިކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.