ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހަމައެކަނި ޤާނޫނީ ވަކީލުން ހިމެނޭގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.
ޤާނޫނު ކުރިން އޮންނަ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ބަންޑާރަ ނައިބުވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ޤާނޫނަށް ގެނައި އިސްލާހާއެކު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ބަންޑާރަ ނައިބު ހިމެނިވަޑައެއް ނުގަންނަވާނެއެވެ. އޭގެ ބަދަލުގައި ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަކީ ހަމައެކަނި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި، ނައިބުރައީސަކާއި، މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މިކަމަށް މަގުފަހިކުރުމުގެ ގޮތުން އެގްޒެކްޓިވް ކޮމިޓީގައި ހިމެނުމަށް ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ ވަކީލުންގެ ޢަދަދު 6 އިން 7 އަށް ބަދަލުކޮށް، ޤާނޫނުގައި ބަންޑާރަ ނައިބާއި ގުޅޭގޮތުން ހުރި ބައިތައް ވަނީ އުނިކޮށްފައެވެ.
ޤާނޫނަށް ގެނައި އިސްލާހާއެކު ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުން ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބުކޮށް ނިންމަންޖެހޭނެއެވެ.
އޭގެއިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން، ދޫކުރާ ލިއުންތަކުގައި އެތަންތަނުގެ އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ޤައުމުތަކުގައި ބޭނުން ކުރުމަށް ދިވެހި ރައްޔިތުންގެ ބައެއް ލިއުންތަކާއި ޑިޕްލެމެޓިކް މިޝަންތަކުން އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުމަށްޓަކައި، ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުވެސް ބިލުގައި ހިމަނާފައިވެއެވެ. މިހާރު ޤާނޫނު އޮތް ގޮތުން އެޓެސްޓް ކުރުން ނުވަތަ އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދެނީ ބާ ކައުންސިލުން އެކަމުގެ ހުއްދަ ދީފައިވާ ޤާނޫނީ ވަކީލުން އެކަންޏެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 3 ވަނަ އިސްލާހުގެ ގެނައުމުގެ ބިލް ރައީސްލުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.