ޚަބަރު

ގަދަ ދިހައެއްގައި ހިމެނުނު ކުދިންގެ ނިސްބަތް %77 އިތުރުވެއްޖެ


މަތީ ސާނަވީ އިމްތިޙާނުން ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަދަދު އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މަތީ ސާނަވީ އިމްތިޚާނުން އެކި ވަނަ ހާޞިލުކުރި ދަރިވަރުންނަށް އިނާމް ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މިރަސްމިއްޔާތުގައި ގަދަ ދިިހައެއްގައި ހިމެނުނު 28 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހަވާލުކޮށްދެއްވިއެވެ. ދަރިވަރުންނާއި ސްކޮލަރޝިޕް ހަވާލުކޮށްދެއްވާ، ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއެވެ. 

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޚާނުން ގަދަ ދިހައެއްގައި ހިމެނުނު ކުދިންގެ އަދަދު، 2014 ވަނަ އަހަރު މަތީ ސާނަވީ އިމްތިޚާނުން ގަދަ ދިހައެއްގައި ހިމެނުނު ކުދިންނާއި އަޅާ ބަލާއިރު، 77 އިންސައްތަ އިތުރުވެފައިވާކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14645463882621.jpg|އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް / ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ހުރިހާ މާއްދާއަކުން އޭ އަދި ބީ ފާސް ހޯދި ދަރިވަރުންގެ އަދަދުވެސް 23 އިންސައްތައިން 31 އިންސައްތައަށް މައްޗަށް ގޮސްފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކައުންޓިންގއިން ސައްތައިން ސައްތައިގެ ފުރިހަމަ ނަތީޖާއެއް ހޯދައިގެން ރާއްޖޭގެ 12 ދަރިވަރަކު ދުނިޔޭގެ އެއްވަނަ ހޯދާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ޒަޢާމަތުގެ ދަށުން ތަޢުލީމް ފޯރުކޮށްދިނުމުގައި އިންޤިލާބީ ބަދަލުތަކެއް ގެންނަވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިން ތައުލީމީ ދާއިރާ ބިނާވެފައި އޮންނަނީ ސްކޫލްތައް ހިންގުމަށް އެކަނިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ތަޢުލީމީ ދާއިރާއަށް ގެނެވުނު ބަދަލުގެ ދަށުން މިހާރު ތައުލީމަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.