ޚަބަރު

ޝަރަފުވެރިކަމުގެ އިނާމު 7 ބޭފުޅަކަށް، ހިތްވަރުދިނުމުގެ އިނާމު 10 ބޭފުޅަކަށް


  • ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން / ފޮޓޯ: ޕީއެސްއެމް ނިއުސް

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ދެއްވައިފިއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމު ހަވާލުކުރުން އޮތީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއެކެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުން

އަލްމަރްޙޫމް މުޙައްމަދު ތައުފީޤު (ދެމިހުންނަނިވި ހިދުމަތްކުރުމުގެ ދާއިރާއިން)
ޑރ. އަބްދުލް އަޒީޒު ޔޫސުފް (ސިއްހީ ދާއިރާއިން)
މުހައްމަދު މާޖިދު (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން)
މޫސާ ލަތީފް (ޚަބަރާ މައުލޫމާތު ފެތުރުމުގެ ދާއިރާއިން)
މުހައްމަދު ނާސިރު (ކުޅިވަރުގެ ދާއިރާއިން)
އަހްމަދު މުހައްމަދު (ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން)
ހަސަން މަނިކު (ޕަރފޯމިންގ އާޓްސްގެ ދާއިރާއިން)

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހަވާލުކޮށްދެއްވުން / ފޮޓޯ: ޕީއެސްއެމް ނިއުސް

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 10 ބޭފުޅުންނާއި ކުންފުންޏަކަށް:

އަލްޤާރީ އަހްމަދު އިބްރާހިމް (ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ރޮނގުން)
އަލްއުސްތާޒް އަބްދުއްރަހްމާން ޔޫނުސް (ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ރޮނގުން)
އައްޝައިހް އިއްޒުއްދީން އަދްނާން (އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާ، ދީނަށް ހިދުމަތްކުރުމާ، ދީނީ ރޮނގު އުނގަންނައިދިނުމުގެ ދާއިރާއިން، ދީނީ ރޮނގުން ހިދުމަތް ކުރެއްވުމާ، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން)
އައްޝައިހް އަހްމަދު މައުމޫން (އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާ، ދީނަށް ހިދުމަތްކުރުމާ، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، ދީނީ ރޮނގުން ހިދުމަތް ކުރެއްވުމާ، މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން)
އިސްމާއިލް ސާޖިދު (ތައުލީމީ ދާއިރާއިން ފަންނީ މީހުން ބިނާކުރުން)
އިބްރާހީމް ތައްޚާން (މަސްވެރިކަން ކުރުމުގެ ދާއިރާ، ދޮށީގެ މަސްވެރިކަން)
އިބްރާހީމް ހަމީޒް (ރިޔަން ކުންފުނި، ވިޔަފާރީ އާއި އިޤްތިސާދީ ދާއިރާ)
އާމިރު މަންސޫރު (ވިޔާފާރީ އާއި އިޤްތިސާދީ ދާއިރާ، އިޤްތިސާދަށް މުޅިން އައު ހިދުމަތްތައް ތައާރަފުކޮށް ތަރައްޤީކޮށް ކުރިއެރުމުގެ ރޮނގުން)
އަބްދުއްރަހްމާން ޔޫސުފް (އޮޑިދޯނިފަހަރު ބަނުމާ ޔޮޓްފަހަރު ބަނުމުގެ ދާއިރާއިން)
ފާތިމަތު އުމަރު (ކަލިނަރީ އާޓްސްގެ ދާއިރާއިން)
ހުސެއިން އަލީ (ހިލޭ ސާބަހަށް މަސައްކަތްކުރުމާ މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ ދާއިރާއިން)

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަވާލުކޮށްދެއްވުން / ފޮޓޯ: ޕީއެސްއެމް ނިއުސް

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާޣައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން ހޮއްވެވީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.