ޚަބަރު

ލީބިޔާގައި ހުންނަ ތުރުކީގެ އެމްބަސީ އަލުން ހުޅުވަނީ


ލީބިޔާގެ ވެރިރަށް ތަރާބްލުސްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ އަލުން ހުޅުވުމުގެ ކަންތައް ކުރިޔަށް ގެންދާކަން ތުރުކީވިލާތުން ހާމަކޮށްފިއެވެ. 

ތުރުކީވިލާތުގެ ޚާރިޖިއްޔާއިން ބުނީ އދ. ގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ލީބިޔާގެ ވަޠަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަކީ ތުރުކީވިލާތުން ބަލައިގަންނަ ސަރުކާރަކަށްވުމުން އެސަރުކާރާ މުޢާމަލާތް ކުރުމަށްޓަކައި އެމްބަސީ އަލުން ހުޅުވުމަށް ނިންމީކަމަށެވެ. މީގެއިތުރުން ލީބިޔާގެ ވެރިރަށް ތަރާބްލުސްގައި އަމަން އަމާންކަން ޤާއިމު ކުރެވިފައިވުމަކީވެސް ތުރުކީވިލާތުގެ އެމްބަސީ އަލުން ހުޅުވަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. 

ލީބިޔާގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ބަންދުކުރީ ލީބިޔާގައި ވާދަވެރި ދެސަރުކާރު އުފެދި އެދެސަރުކާރަށް ތާއީދުކުރާ ޖަމާޢަތްތަކުން ވެރިރަށް ތަރާބްލުސްގައި ތަޅާފޮޅުންތައް ފެށުމާ ގުޅިގެން ދެހާސް ސާދަވަނަ އަހަރުއެވެ. ތަރާބްލުސްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ އަލުން ހުޅުވުމަށްޓަކައި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މަވްލޫތު ޖަވްޝޫލޫ ހޯމަދުވަހު ލީބިޔާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ޖަވްޝޫލޫ ލީބިޔާގެ ވަޠަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ފާއިޒް އައްސައްރާޖް އާއި ޚާރިޖީ ވަޒީރު މުޙައްމަދު ސިޔާލާ އާ ބައްދަލުކުރައްވާނެ ކަމަށް ތުރުކީވިލާތުގެ ޚާރިޖިއްޔާއިން ބުނެއެވެ.