ޚަބަރު

ތައިވާނުގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ޕައިލެޓު ގެއްލިއްޖެ


ތަމްރީނުތަކެއް ހަދަމުން ދަނިކޮށް ތައިވާނުގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި, އޭގެ ޕައިލެޓު ގެއްލިއްޖެއެވެ. އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ, މިރާޖް-2000 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވެއްޓިފައި ވަނީ އެ ޤައުމުގެ ހުޅަނގުއުތުރު އައްސޭރިފަށުން ކަނޑަށް ކަމުގައެވެ. ފަރަންސޭސިވިލާތުގައި އުފައްދާފައިވާ އަސްކަރީ މަތިންދާބޯޓު ވެއްޓުމުގެ ކުރިން އޭގެ ޕައިލެޓު އިޖެކްޓުކޮށް, ނުވަތަ ބޯޓުން ފުންމައިލާފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭގަނޑުގެ ވަގުތުގައި ބޭއްވި އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިންނެވެ. ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނީ, ބޯޓު ވެއްޓެން މެދުވެރިވީ, އިންޖީނު ނިވި, ބޯޓުން ކަރަންޓު ކެނޑުމުން ކަމަށް ޝައްކު ކުރެވޭ ކަމުގައެވެ. އެ ވުޒާރާއާ ހަވާލާދީ ސެންޓްރަލް ނިއުސް އޭޖެންސީން ބުނީ, އެ ބޯޓު ވެއްޓިފައި ވަނީ ތައިވާނުގެ ހުޅަނގުއުތުރު އައްސޭރިފަށުގައި އޮތް ސިންޗޫ ކައިރިން ކަނޑަށް ކަމުގައެވެ. އެއީ, އަސްކަރީ ވައިގެ ބަނދަރެއް އޮންނަ ރަށެކެވެ.

އެ ހާދިސާގައި ގެއްލުނު ޕައިލެޓު ހޯދައި ސަލާމަތް ކުރުމަށް ތައިވާނުގެ އަސްކަރިއްޔާއާއި ދިފާޢީ ވުޒާރާއިން ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއީ, ތައިވާނުގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2022ވަނަ އަހަރު ވެސް މިރާޖް މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން, އެ މަރުކާގެ ހުރިހާ މަތިންދާބޯޓެއް އުދުއްސުން ވަގުތީ ގޮތުން މެދުކަނޑައިލިއެވެ. އެ މަތިންދާބޯޓު ވެއްޓިފައި ވަނީ ތައިވާނުގެ އިރުމަތީ އައްސޭރިފަށުން ކަނޑަށެވެ.

ތައިވާނުން ފަރަންސޭސިވިލާތުގައި އުފައްދާ މިރާޖް މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކުރަން ފަށާފައި ވަނީ 1997ވަނަ އަހަރުއެވެ. އެ ޤައުމުގެ އަސްކަރިއްޔާގައި އެ މަރުކާގެ 60 މަތިންދާބޯޓު އޮވެއެވެ. އޭގެ ފަހުން, އެ މަތިންދާބޯޓުތައް އެތަކެއް ފަހަރަކު މަރާމާތުކޮށް, ޓެކްނޮލޮޖީގެ ގޮތުން އަދާ ހަމަ ކޮށްފައިވާއިރު, އެކި ހާދިސާތަކުގައި ވެއްޓިފައިވާ މަތިންދާބޯޓުތަކުގެ ޢަދަދު ހަތަކަށް އަރައެވެ. މި ވަގުތު, ތައިވާނުގެ ވައިގެ ސިފައިން ޢާންމުކޮށް ބޭނުން ކުރަނީ އެމެރިކާގައި އުފައްދާފައިވާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކެވެ.

ތައިވާނަކީ ޗައިނާގެ ބައެއް ކަމަށް އެ ޤައުމުން ވަކާލާތު ކުރަމުންދާއިރު, ތައިވާނުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަތުމުގެ އަމަލުތައް ޗައިނާގެ އަސްކަރިއްޔާއިން ހިންގަމުންދާ ކަމަށް ތައިވާނުން ދަނީ ތުހުމަތު ކުރަމުންނެވެ. ޗާއިނާއިން ދަނީ ދޭތެރެދޭތެރެއިން ތައިވާން ވަށައިގެން ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ތަމްރީނުތައް ހިންގަމުންނެވެ. މިއީ, އެ ޤައުމަށް ބިރު ދެއްކުމުގެ ގޮތުން ހިންގަމުންދާ ތަމްރީނުތަކެއް ކަމަށް ތައިވާނުން ތުހުމަތު ކުރެއެވެ. އަދި, ތައިވާނުގެ އަސްކަރިއްޔާ, އަދި ޚާއްޞަކޮށް ވައިގެ ސިފައިން, އަބަދު ވެސް އޮންނަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.