ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ތަމްސީލު ކުރައްވާ ގިނަ ޢަދަދެއްގެ މެންބަރުންނާއި އެ ޕާޓީގެ ވެރިންތަކެއް ހައްޔަރު ކޮށްފިއެވެ. 2022ވަނަ އަހަރުން ފެށިގެން 71 އަހަރުގެ ކުރިކެޓު ތަރި އަދި ކުރީގެ ބޮޑުވަޒީރު ޚާން އޮންނެވީ ޖަލުގައެވެ. އޭނާ ޖަލަށް ލާފައި ވަނީ, ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާގެ އިސް ޖެނެރަލުންނާ ދެމެދު އުފެދުނު ނުތަނަވަސް ކަމަކާ ގުޅިގެން ކަމަށް ޚާން ތުހުމަތު ކުރައްވައެވެ. ޕާކިސްތާނަކީ 241 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ.
ޤާނޫނު ހަދާ މަޖިލީހުގައި ޕީޓީއައި ތަމްސީލު ކުރައްވާ ގިނަ ޢަދަދެއްގެ މެންބަރުންނާއި އެ ޕާޓީގެ އިސް އޮފިޝަލުންތަކެއް ހައްޔަރު ކޮށްފައި ވަނީ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ, ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ. ނަމަވެސް, އެ ކަން ދޮގުކޮށް ޕީޓީއައިން ބުނީ, އެ ޕާޓީގެ 13 އޮފިޝަލުން ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ, ޚާން މިނިވަން ކުރުމަށް ގޮވައިލައި ވެރިރަށް އިސްލާމްއާބާދުގައި އެއްވުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މެންބަރުން ގެންގޮސްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިންނެވެ. ޕީޓީއައިގެ ވެރިޔާ ޢުމަރު އައްޔޫބް ޚާން ވަނީ އެއީ ވަރަށް މުޑުދާރު އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. "އިއްޔެ އަޅުގަނޑުމެން ބޭއްވި ބޮޑު މުޒާހަރާއާ އެކު ސަރުކާރުން ފިނޑިވެއްޖެ،" ޚާންގެ އިސް މުޝީރު ޛުލްފިޤާރު ބުޚާރީ ވިދާޅުވިއެވެ.
ފުލުހުން ހައްޔަރަށް ގެންގޮސްފައިވާ ބައެއް ބޭފުޅުންގެ ތެރޭގައި ޕީޓީއައިގެ ޗެއާމަން ޖަވްހަރު ޚާނާއި, އިސް އޮފިޝަލުން ކަމުގައިވާ ޝުޢަޔިބް ޝާހީނާއި ޝީރް އަފްޞަލް މަރްވާތު ހިމެނެއެވެ. އެއީ, ޣައިރު ޤާނޫނީ ހައްުޔަރުތަކެއް ކަމުގައި ބުޚާރީ ސިފަ ކުރެއްވިއެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ ކޮން ކުށެއްގެ ދަޢުވާއެއްގައި ކަން ފުލުހުން ސާފު ކޮށްދީފައެއް ނެތެވެ.
ފެބުރުވަރީ މަހު ޕާކިސްތާނުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެންމެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައި ވަނީ ޕީޓީއައިގެ ތާޢީދާ އެކު ވާދަ ކުރެއްވި ބޭފުޅުންނެވެ. ނަމަވެސް, ސަރުކާރެއް އެކުލަވައިލަން ބޭނުންވާ މިންވަރަށް ތާޢީދު ހޯދިފައެއް ނުވެއެވެ. އެހެންކަމުން, ޕީޓީއައިގެ ބައިވެރިވުމާ ނުލައި ގުޅިފައިވާ ޚާނާ ދެކޮޅު އިއްތިޙާދަކުން ސަރުކާރެއް އެކުލަވައިލައި, ބޮޑުވަޒީރު ކަމުގެ މަޤާމަށް ޝަހްބާޒް ޝަރީފް ޢައްޔަން ކުރިއެވެ.
ޚާން މިިނިވަން ކުރުމަށް ގޮވައިލައި އިސްލާމްއާބާދުގެ ރަށްބޭރު ސަރަޙައްދުތަކުގައި ބޭއްވި އެއްވުމުގައި އޭނާއަށް ތާޢީދު ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. އަދި, އެއްވުން ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ އެކު, ހަމަނުޖެހުންތަކެއް ހިނގައި, މުޒާހަރާގެ ބައެއް ބައިވެރިންނާއި ފުލުހުން އޮފިސަރުންނަށް އަނިޔާވިއެވެ. ޕީޓީއައިން ބުނީ, މުޒާހަރާ ރޫޅައިލުމަށް ފުލުހުން ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައެވެ.
މުޒާހަރާ ރޫޅައިލައި, ޕީޓީއައިގެ އިސް އޮފިޝަލުންތަކެއް ހައްޔަރު ކުރުން ކުށްވެރި ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ޕާކިސްތާނުގެ ހުޅަނގުއުތުރު ޚައިބަރް ޕަޚްތުންޚާ ޕުރޮވިންސުގެ ޗީފް މިނިސްޓަރު ޢަލީ އަމީން ގަންދާޕޫރް ހިމެނެއެވެ. "ކަލޭމެންގެ ގޭގެ ކަންތައްތައް ހަމައަކަށް އަޅުވާ. އަސްކަރިއްޔާގެ ޔުނިފޯމު އަޅާފައި ތިބި މީހުން ދެކެ އަޅުގަނޑު ޖެހިލުމެއް ނުވޭ،" ޚިޔާލު ފާޅު ކުރުމުގެ މިިނިވަން ކަމަށް ސަރުކާރާއި އަސްކަރިއްޔާއިން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރައްވައި އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ މަޢުލޫމާތާ ބެހޭ ވަޒީރު ޢަޠަالله ތާރަރް ވަނީ ގަންދާޕޫރްގެ ބަސްތަކަށް ރައްދު ދެއްވާފައެވެ. ބާރުގެ ބޭނުން ކޮށްގެން ޚާން މިނިވަން ކުރަން ޕީޓީއައިން މަސައްކަތް ކުރަމުންދާ ކަން ގަންދާޕޫރުގެ ބަސްތަކުން ހާމަވެގެން ގޮސްފައިވާ ކަމަށް ތާރަރް ތުހުމަތު ކުރެއްވިއެވެ. އަދި, ހަމަނުޖެހުން ހިންގަން ޕީޓީއައިގެ ޢާންމު މެންބަރުންނަށް ހިތްވަރު ދެއްވާފައިވާ ކަމަށް ވެސް ތާރަރް ތުހުމަތު ކުރެއްވިއެވެ.