ޚަބަރު

ޣައްޒާގައި ދިރާސީ އަހަރު ފެށި ނަމަވެސް ކިޔަވައިދެވޭނެ ގޮތެއް ނެތް


ފަލަސްޠީނުގެ ޣައްޒާގައި ދިރާސީ އައު އަހަރު ފަށައިފިއެވެ. ނަމަވެސް, މީގެ 11 މަސް ކުރިން އެ ސަހަރުގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ފެށި ލާއިންސާނީ ޢުދުވާނާ އެކު ޣައްޒާގެ މަދަރުސާތައް ވަނީ ބަންދު ކޮށްފައެވެ. ބައެއް މަދަރުސާތައް ވަނީ ބޮންއަޅައި ސުންނާފަތި ކޮށްލާފައެވެ. އަދި, ގެދޮރު ގެއްލުވައިލާފައިވާ މީހުން ވަގުތީ ހިޔާވަހިކަމަށް ބައެއް މަދަރުސާތައް ބޭނުން ކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި ޣައްޒާގެ އެތަކެއް ސަތޭކަ ހާސް ދަރިވަރުންނެއް ވަނީ ތަޢުލީމުން މަހުރޫމު ކުރުވާފައެވެ.

ނަމަވެސް, ޒަޔަނިސްޓު ދަޢުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ޢުދުވާނާއި ޤާތުލުޢާންމު ހުއްޓައިލަން ދެކޮޅު ހަދަމުންނެވެ. އަދި, ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ދަނީ ޢުދުވާން އިތުރަށް ފުޅާ ކުރަމުންނެވެ. އެ ގޮތުން, ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތައް ހުސް ކުރުމަށް ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ރެފިއުޖީންނަށް އަންގާފައެވެ.

އުންމު ޛަކީގެ 15 އަހަރުގެ ދަރިފުޅު މުޢަތަޛަކީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ޢުދުވާނާ ގުޅިގެން ތަޢުލީމް ހާސިލު ކުރުމަށް ހުރަސް އެޅިފައިވާ އެއް ދަރިވަރެވެ. އެއީ, އޭނާ ގުރޭޑު 10ގައި ތަޢުލީމު ފަަށަށް ޖެހޭ އަހަރެވެ. ނަމަވެސް, ތަޢުލީމު ހާސިލު ކުރުމުގެ ބަދަލުގައި މި ވަގުތު އޭނާއަށް ޖެހިފައި އޮތީ އަމިއްލަ ފުރާނައާއި ޢާއިލާގެ މެންބަރުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރުމެވެ. ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ހޯދަން ޢާއިލާއަށް އެހީތެރިވެ ދިނުމެވެ. ޔަހޫދީ ފައުޖުން ޙަމަލާދީ އޭނާގެ ޢާއިލާ ދިރިއުޅޭ ގެ ސުުންނާފަތި ކޮށްލުމުން މުޢަތަޛާއި އޭނާގެ ޢާއިލާ މި ވަގުތު ދިރިއުޅެނީ ދަޔިރް އަލް-ބަލަޙުގެ ޖަހާފައިވާ ފޭލިގެއެއްގައެވެ.

"ޢާންމު ގޮތެއްގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަހަކީ ވަރަށް ވެސް އުފާވެރި މުނާސަބާއެއް. ދަރިވަރުން ޔުނިފޯމު އަޅައިގެން, ފޮތް ބަދަސް ހިފައިގެން މަދަރުސާއަށް ދާ މަންޒަރަކީ އުފާވެރި މަންޒަރެއް. އެއީ, ކޮންމެ ވެސް ދުވަހަކުން ޑޮކްޓަރުންނާއި އިންޖިނޭރުންނަށް ވުމުގެ ހުވަފެން ދެކެމުންދާ ދަރިވަރުން. ނަމަވެސް, މިއަދު އެއްވެސް އުންމީދެއް ނެތް. ހަނގުރާމަ [ޢުދުވާން] ހުއްޓައިލާނެ ދުވަހެއް ނޭނގޭ. ހަނގުރާމައިން އެ ކުދިން ސަލާމަތް ވާނެ ކަމެއް ނޭނގޭ،" މުޢަތަޛުގެ މަންމަ އުންމު ޛަކީ ބުންޏެވެ.

ފަލަސްޠީނުުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ, ޢުދުވާނާ ގުޅިގެން ޣައްޒާގެ ހުރިހާ މަދަރުސާއެއް ބަންދު ކޮށްފައިވާ ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކުގައި އޭގެ ތެރެއިން 90 އިންސައްތަ ސުންނާފަތިކޮށް ފުނޑުފުނޑު ކޮށްލާފައިވާ ކަމުގައެެވެ.

ކޮޅަށްހުރި މަދަރުސާތައް މި ވަގުތު ބޭނުން ކުރަމުން ދަނީ ވަގުތީ ހިޔާތަކުގެ ގޮތުގައެވެ. ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢާއިލާތަކުން ދިރިއުޅުމަށެވެ. އެ ތަންތަނުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް, ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (އުންރްވާ)ން ދަނީ މަސައްކަތް ކުރަމުންނެވެ. މަދަރުސާތަކުގައި އެތަކެއް ހާސް ޢާއިލާއެއް ދިރިއުޅެމުންދާ ކަމުގައި އުންރްވާން ބުންޏެވެ.

"ކިލާސްތަކާ ދުރުގައި ދަރިވަރުން ހޭދަ ކުރާ ކޮންމެ ދުވަހަކާ އެކު, އަލުން ފިލާވަޅުތައް ފަށައިގަންނަން އެ ކުދިންނަށް އިތުރަށް ދަތިވާނެ. އެއާއެކު, ޖީލެއް ހަލާކުވެގެން ދިޔުމުގެ ބިރު އެބައޮތް. ބައެއް ކުދިންނަށް ޅައުމުރުގައި ޒަވާޖީ ހަޔާތެއް ފަށަން ޖެހުމާއި, ވަޒީފާގެ މައިދާނަށް ނިކުންނަން މަޖުބޫރު ވާނެ،" އުންރްވާގެ ތަރުޖަމާނު ޖޫލިޔަތު ތޫމާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ, ޣައްޒާގެ މަދަރުސާތަކުގައި ތަޢުލީމު ހާސިލު ކުރަމުންދާ 625,000 ދަރިވަރުންނަށް ތަޢުލީމު ފޯރު ކޮށްދެވޭނެ އެއްވެސް މަގެއް ނެތް ކަމުގައެވެ. އަދި, މި އަހަރު ގުރޭޑު އެކަކާ ގުޅެން ޖެހޭ ދަރިވަރުންގެ ޢަދަދު 58,000އަށް އަރާއިރު, އެ ކުދިންނަށް ވެސް ކިޔަވައިދެވޭނެ ގޮތެއް ނެތް ކަމުގައެވެ.

ނަމަވެސް, މި ކަމަށް ކޮންމެ ވެސް ވަރެއްގެ ޙައްލުތަކެއް ހޯދައިދިނުމަށް އުންރްވާން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން, އެ އިދާރާއިން ބަލަހައްޓާ 45 މަދަރުސާއެއްގައި ވަގުތީ ކިލާސްތައް ކަނޑައަޅައި, ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަދަރުސާތަކުގައި ދިރިއުޅޭ ޢާއިލާތަކުގައި ހިމެނޭ ކުޑަކުދިންނަށް ކިޔަވައިދޭން ފަށާފައި ވަނީ, އެ ކުދިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

ޣައްޒާގައި ދިރާސީ އައު އަހަރު ފަަށާފައި މި ވަނީ, ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޕޯލިޔޯ ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ސަހަރުގައި ދިރިއުޅޭ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް އދން ފަށައިގެން ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މި ވަގުތު ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރަނީ ޣައްޒާގެ އުތުރުގައެވެ. އދއާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އަމާޒަކީ, ޣައްޒާގެ އާބާދީގައި ހިމެނޭ 10 އަހަރުން ދަށުގެ 640,000 ކުދިންނަށް ވެކްސިން ޖަހައިދިނުމަށެވެ. 25 އަހަރަށް ފަހު ޣައްޒާއިން ޕޯލިޔޯ ޖެހިފައިވާ ތުއްތު ކުއްޖަކު ދެނެގަނެވިފައި ވަނީ ހުސްވި އޮގަސްޓު މަހުގެ 25ވަނަ ދުވަހުއެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,020އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,925އަށް އުފުލިފައެވެ.