ޚަބަރު

ތައިލެންޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހިއްޖެ


ތައިލެންޑުގެ އުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ދެ މީހުން މަރުވެއްޖެއެވެ. މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެ ޤައުމުގެ އެންމެ އުތުރުގައި އޮތް ދެ ޕުރޮވިންސެއްގެ ތެރެއިން ދެމޭ ކޯރުތައް ވަނީ ފުރިގެން ބަންޑުންވެފައެވެ. އަދި, ބައެއް ހިސާބުތަކުގެ ބިންގަނޑު ކެނޑި, ކިސަޑު ފޭބުމުގެ ހާދިސާތަކުގައި އެތަކެއް ސަތޭކަ ބަޔަކު ވަނީ ތާށިވެފައެވެ.

ތައިލެންޑުގެ އުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެމުން ދަނީ, އެ ސަރަޙައްދަށް އަރާފައިވާ ބާރުގަދަ ތޫފާނެއް ކަމުގައިވާ ޔާގީއާ ގުޅިގެންނެވެ. އެއީ, އޭޝިޔާ ބައްރުގެ ސަރަޙައްދުގައި މި އަހަރުގެ މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ އަދި ނުރައްކާތެރި ތޫފާނެވެ.

ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތު ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން 9,000އަށްވުރެ ގިނަ ގޭބީސީއަށް ގެއްލުން ލިބިފައިވާ ކަމުގައެވެ. "ކޯރުތަކުގެ އޮއި އަދިވެސް ދަނީ އިތުރަށް ބާރުވަމުން. ހުރިހާ އިދާރާއަކުން އޮތީ ތައްޔާރީ ހާލަތުގައި. އޮއި މަޑުވުމުން [ހާލުގައި ޖެހިފައިވާ ތިބި މީހުން ތިބި] ސަރަޙައްދުތަކަށް އޭޖެންސީތަކުގެ ޓީމުތަކުން ދާނެ،" އޭނާ ވިދާޅުވިއެވެ.

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޗިއަންގ މާއީއާއި ޗިއަންްގ ރާއީ ޕުރޮވިންސް ހިމެނެއެެވެ. ތޫފާނާ ގުޅިގެން ހިނގި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކެއްގައި ދެ މީހުން މަރުވެފައި ވަނީ ޗިއަންގ މާއީންނެވެ. ޗިއަންގ ރާއީ ޕުރޮވިންސުގައި ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެދޮރުގައި ތާށިވެފައެވެ. އަދި, އެ މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައި ތައިލެންޑުގެ އިދާރާތަކުން ބުންޏެވެ.

އެ ޕުރޮވިންސާއި މިޔަންމާ ގުޅޭ މެޔަ ސާއީ ޑިސްޓްރިކްޓުގެ ވެރިޔާ ނައިނަރޮންގޕޮން ކިދްއާން ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމުގައެވެ. "ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތްކޮށް, ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދޭން ހެލިކޮޕްޓަރުތައް ބޭނުން ކުރަން ފަށާނަން،" އޭނާ ވިދާޅުވިއެވެ. މެޔަ ސާއީއަކީ 28,000 ރައްޔިތުންގެ އާބާދީއެއް އޮންނަ ސަރަޙައްދެކެވެ.

ތައިލެންޑުގެ އިތުރުން ތޫފާން ޔާގީގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ވިއެޓްނާމަށެވެ. އެ ޤައުމުގެ ސަރަޙައްދުތަކަށް ސެޕްޓެންބަރު 7ވަނަ ދުވަހު އެރުމަށް ފަހު, މި ވަގުތު ތޫފާން ދަތުރު ކުރަމުން ދަނީ ހުޅަނގަށެވެ. ތޫފާނާ ގުޅިގެން އެ ޤައުމުގައި ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 143އަށް އުފުލިފައެވެ. އަދި, ރަތް ކޯރު ފުރިގެން ބަންޑުންވުމުގެ ބިރު ހީވުމާ އެކު, ވެރިރަށް ހަނޯއީން އެތަކެއް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.