ރާއްޖެއިން ނަގާފައިވާ ދަރަނިތައް ބަރާބަރަށް އަދާކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން މިކަން ހާމަކުރީ ކްރެޑިޓް ރޭޓިން އެޖެންސީއެއްކަމަށްވާ މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ ބަދަލުކުރުމާއި ގުޅިގެނެވެ.
ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓީންގ ސީއޭއޭ1 އިން ސީއޭއޭ2 އަށް ބަދަލުކުރި ސަބަބެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އިތުރުވުންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ނިމިދިޔަ ސަރުކާރުން ޗާޕުކޮށްފައިވާ 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވުމަކީވެސް މޫޑިސްގެ ރޭޓިންގ ބަދަލުކުރި ސަަބަބެކެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން މޫޑީސް ރޭޓިންސްއިން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އެމްއެމްއޭއިން ވިދާޅުވީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.9 އިންސައްތައިން މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 އިންސައްތާގައިކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ރާއްޖެ އަށް ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މުމުއްދަތާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ. މީގެއިތުރުން މިއަހަރުގެ ޖުލައި މަހާއި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަތުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް ވަނީ 7 އިންސައްތަ އިތުރުވެފައިކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.
ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރެވެ.
މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރައްވައެވެ.
ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް މޫޑީސް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ އެމްއެމްއޭއިން ވިދާޅުވީ ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައިކަމަށެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ފައިސާ މޮޕްއަޕް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.
މީގެ އިތުރުން ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކޮށް މި ބަދަލުތައް މިމަހު އިއުލާންކުރެވޭނެކަމަށްވެސް އެމްއެމްއޭޢިން ވިދާޅުވެއެވެ.
އެމްއެމްއޭއިން ވިދާޅުވީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އަދި އެ ޕޭމެންޓް ދައްކަންޖެހޭ ތާރީޚަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ. އެމްއެމްއޭއިން ވިދާޅުވީ އެމްއެމްއޭ އާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.