ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި އޮންލައިން ނޫހަކުން ދޮގު ޚަބަރު ފަތުރާފައިވާތީ، ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިހެން ވިދާޅުވީ ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއްގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން މަޖިލީހުގެ ޕީއެންސީގެ ކޮންމެ މެމްބަރުންނަށް 75000 ރުފިޔާ ބަހާފައިވާކަމަށް ބުނެ ޚަބަރު ފަތުރާފައިވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންނަށް ފައިސާ ދެއްވިކަމަށް ބުނެ ފަތުރަމުންދަނީ ޙަގީގަތާ ޚިލާފު ދޮގު ޚަބަރެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެކެވެ.
— Heena Waleed (@MvSpokesperson) September 11, 2024
ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް…
އަދި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ޙަގީގަތާއި ޚިލާފު ވާހަކަތަކެއް ދައްކާފައިވަނީ ފިތުނަ އުފެއްދުމުގެ ބޭނުމުގައިކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން ގޮދު ޚަބަރު ފެތުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅާ އެކަމުގައި ހިމެނޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހިނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކޮށް ފާޅުގައި ގޮދު ޚަބަރު ފަތުރަމުންދާތީ، އެފަދަ ފަރާތްތަކާމެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމަށެވެ.