މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ހިންގަމުންދާ ގަތުލުއާންމުން ސަލާމަތްވާން ބަންގްލަދޭޝަށް ހިޖުރަ ކުރާ މީހުން ހުއްޓުވަން ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފިއެވެ. މިޔަންމާގެ ރާހައިން ސްޓޭޓުން 18,000އަށްވުރެ ގިނަ ރޮހިންޔާއިން ފާއިތުވި މަސްތަކުގެ ތެރޭގައި ބަންގްލަދޭޝަން ހިޖުރަ ކޮށްފައިވާ ކަމުގައި ދާކާއިން ހާމަ ކުރިއެވެ.
ރޮހިންޔާ ދަރިކޮޅުގެ އެތަކެއް ސަތޭކަ ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަ ކޮށްފައި ވަނީ, މިޔަންމާގެ އަސްކަރިއްޔާއިން އެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުން ސަލާމަތްވުމަށެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ބަންގްލަދޭޝްގެ ދެކުނުގެ ސަރަޙައްދުތަކުގައި ގާއިމު ކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ. މި ވަގުތު ބަންގްލަދޭޝުން ޙިމާޔަތް ފޯރު ކޮށްދެމުންދާ ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ޢަަދަދު މިލިޔަނަކަށް އަރައެވެ.
ބަންގްލަދޭޝަށް ހިޖުރަ ކުރަމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ޢަދަދު އިތުރުވެފައި މި ވަނީ, މިޔަންމާގެ އަސްކަރިއްޔާއާއި އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާޢަތް, އަރާކަން އާމީއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރުވުމާ ގުޅިގެންނެވެ. ބުދުދީނަށް އަޅުކަން ކުރާ މީހުންގެ މައްޗަށް އެކުލެވިގެންވާ އަރާކަން އާމީން ވެސް ދަނީ ރޮހިންޔާ މުސްލިމުންނަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.
"ރޮހިންޔާގެ އެތަކެއް ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަ ކޮށްފި. ހިޖުރަ ކުރަން އިތުރު މީހުން ތިބީ ތައްޔާރަށް. ހާލަތު ވަރަށް ނުރައްކާތެރި،" ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ އޮފިޝަލެއް ބުންޏެވެ. ދާކާގެ ސަރުކާރުން މީގެ ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގިނަ ޢަދަދެއްގެ ރެފިއުޖީން ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މިޔަންމާގެ ސަރުކާރާއި އަރާކަން އާމީގެ ހަނގުރާމަވެރިން ދެމުންދާ ޙަމަލާތަކާ ގުޅިގެން, ބަންގްލަދޭޝްގައި މި ވަގުތު ތިބި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް އެނބުރި ޤައުމަށް ދެވޭނެ ފުރުޞަތު ހަނި ކަމުގައި ވެސް އެ ފަރާތްތަކުން ދެކެއެވެ.
"ސަރަޙައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާ ކޮށްފައި. ނަމަވެސް, އަނެއް ފަޅީގައި [މިޔަންމާގައި] ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގެ ކަންކަން ދޯދިޔާވުމުގެ ސަބަބުން 271 ކިލޯމީޓަރު ދިގު ސަރަޙައްދީ ރޮނގު ބެލެހެއްޓުމަކީ ބަންގްލަދޭޝަށް އެކަނި ކުރަން ވަރަށް ދަތި ކަމެއް،" ބަންގްލަދޭޝްގެ ސަލާމަތީ ދާއިރާގެ މާހިރެއް ބުންޏެވެ. އަދި, ރޮހިންޔާ ދަރިކޮޅު މީހުން ބަންގްލަދޭޝަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުން ދަނީ ފުރާނަ ސަލާމަތް ކުރާނެ އިތުރު ގޮތެއް ނެތުމުން ކަމުގައި ވެސް އެ އޮފިޝަލު ބުންޏެވެ.
ބަންގްލަދޭޝަށް އެންމެ ފަހުން ހިޖުރަ ކޮށްފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުން ރެފިއުޖީންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދިނުމާ ގުޅޭ ގޮތުން ދާކާގެ ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. "އަޅުގަނޑުމެން އެ މީހުން ރަޖިސްޓަރީ ކޮށްދޭން ފަށައިފި ނަމަ, ހިޖުރަ ކުރާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެގެން ދާނެ. އެއީ އަޅުގަނޑުމެންނަށް ބެލެހެއްޓޭނެ ޚަރަދެއް ނޫން. ނަމަވެސް, އެ މީހުންނާ މެދު އަޅައިނުލައި ދޫކޮށްލުމަކީ ވެސް އޮތް ފުރުޞަތެއް ނޫން،" ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ އޮފިޝަލު ބުންޏެވެ.
ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން އެހެން ޤައުމުތަކަށް ބަދަލު ކުރުމަށް ހިންގާ ޕުރޮގުރާމު ހަލުވި ކުރަން އެ ޤައުމުގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު, ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސް ދާދިފަހުން ވަނީ ގޮވައިލައްވާފައެވެ. 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެ ޕުރޮގުރާމު ފަށާފައިވާއިރު, 2,000އެއްހާ ރެފިއުޖީން މިހާރު ވެސް ވަނީ އެހެން ޤައުމުތަކަށް ފޮނުވައިލާފައެވެ. އެ މީހުން ބަލައިގަނެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ, ކެނެޑާ, އޮސްޓްރޭލިޔާ, ނިއު ޒިލެންޑު އަދި އަޔަލެންޑު ހިމެނެއެވެ.
ރާހައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން 2017ވަނަ އަހަރު ފެށި އަސްކަރީ އޮޕަރޭޝަނަކީ ގަތުލުއާންމެއްގެ ގޮތުގައި އދން ވަނީ ސިފަ ކޮށްފައެވެ. އެ ޢުދުވާނާ ގުޅިގެން 73,000އަށްވުރެ ގިނަ ރޮހިންޔާއިން އަމިއްލަ ވަޒަން ދޫކޮށް ހިޖުރަ ކުރަން މަޖުބޫރުވެފައިވާ ކަން ވެސް އދން ހާމަކުރިއެވެ. ނަމަވެސް, މިޔަންމާގެ އަސްކަރިއްޔާއިން މިހާރު ވެސް ދަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު އިތުރަށް އަނިޔާވެރި ކުރަމުންނެވެ.
ރެފިއުޖީންގެ މައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ, ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އަނބުރާ ވަޒަނަށް ފޮނުވައިލުން ކަމަށް ބަންގްލަދޭޝުން ގަބޫލު ކުރެއެވެ. ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީތެރިކަން ފޮރުކޮށްދޭން ބޭރުގެ އެހީދޭ ޖަމާޢަތްތަކުން ދީފައިވާ މާލީ އެހީތެރިކަން ހުސްވާން ފެށުމާ އެކު, ބަންގްލަދޭޝްގެ ރައްޔިތުންނާއި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނާ ދެމެދު ވެސް ވަނީ މަސްރަޙު ހޫނުވެފައެވެ.