ޚަބަރު

އައު ޝަރުޠަކާ ނުލައި ޔަހޫދީންނާ ސުލްޙަ ވާން ޙަމާސުން ތައްްޔާރު


އިތުރު އައު ޝަރުޠުތަކަކާ ނުލައި ޔަހޫދީންނާ އެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ތައްޔާރަށް އޮތް ކަން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަ ކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައި ނެތީ ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކަމަށް ހުރަސް އަޅަމުން ދާތީއެވެ.

ޙަމާސުން ބުނީ, ހުސްވި މަހު ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކުގައި އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައިގަންނަ ކަމަށާއި, އެ ހުށަހެޅުންތަކަށް އެެއްވެސް ފަރާތަކުން އުނިއިތުރު ނުގެންނަ ގޮތަށް ޔަހޫދީންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ތައްޔާރަށް އޮތް ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން ޙަމާސްގެ އޮފިޝަލުން ވަނީ, މަޝްވަރާތައް ވިލަރެސް ކުރާ ޤަޠަރާއި މިޞްރުގެ އޮފިޝަލުންނާ އެކު ފުޅާ ދާއިރާއެއްގައި ވާހަކަތައް ބާއްވާފައެވެ.

މަޝްވަރާތަކުގައި ޙަމާސް ތަމްސީލު ކުރައްވަނީ އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާއެވެ. ސުލްޙައިގެ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީގެ އިތުރުން މިޞްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢައްބާސް ކާމިލާއި އޭނާ ވަނީ ދަވްޙާގައި ބައްދަލު ކުރައްވާފައެވެ.

ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި މި ވަގުތު ދެބަސްވުންތައް އުފެދިފައި އޮތް މައްސަލަ ގުޅެނީ ފިލަޑެލްފީ ކޮރިޑޯއާއެވެ. އެއީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގެވެ. ޢުދުވާންތައް ހުއްޓައިލި ނަމަވެސް, ފިލަޑެލްފީ ކޮރިޑޯން ޔަހޫދީ ސިފައިން ބާލަން ނިރުބަވެރި ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, ޙަމާސުން ޝަރުޠު ކޮށްފައި ވަނީ, ފިލަޑެލްފީ ކޮރިޑޯގެ ބާރުތައް ފަލަސްޠީނުގެ މުސްލިމުންގެ އަތް މައްޗަށް ދޫކޮށްލުމަށެވެ.

އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުންތަކަށް އެއްބަސްވާން ތައްޔާރަށް އޮތް ކަން ޙަމާސުން ހާމަކޮށްފައިވީ ނަމަވެސް, މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ އެ ޤައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިޔަމް ބަރންސް ވިދާޅުވީ, އެމެރިކާއިން އަނެއްކާ ވެސް އައު ހުށަަހެޅުންތަކެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމުގައެވެ. މިއީ, ޔަހޫދީން ބުނެގެން, އެއްބަސްވުމެއް އެކުލަވައިލިޔަ ނުދިނުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ.

ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މި ވަގުތު މަޝްވަރާ ކުރަމުން ދަނީ ޖޫން މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނު ކުރެއްވި ސުލްޙައިގެ މަގުޗާޓަށް ބިނާކޮށެވެ. ތިން މަރުހަލާއެއްގެ މައްޗަށް ބިނާ ކޮށްފައިވާ އެ މަގުޗާޓުގެ ދަށުން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލަން ޖެހޭނެއެވެ. އަދި, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރަން ޖެހޭނެއެވެ. ޙަމާސުން މީގެ ކުރިން ވަނީ, އެ ހުށަހެޅުންތަކަށް އެއްބަސްވާ ކަން ހާމަ ކޮށްފައެވެ.

ނަމަވެސް, އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވަނީ ޔަހޫދީ ނަތަންޔާހޫ އެ އެއްބަސްވުމަށް އުނިއިތުރު ގެންނާތީއެވެ. ޙަމާސާ އެކު ވީ އެންމެ އަވަހަކަށް ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން އިސްރާއީލުގެ ޢާންމު ރައްޔިތުން ވެސް ދަނީ ނިރުބަވެރި ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ. އަދި, އެ ކަމަށް ގޮވައިލައި ޤުދުސްގެ އިތުރުން އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ސުލްޙަވާން އަނިޔާވެރި ނަތަންޔާހޫ ދެކޮޅު ހެދުމުގައި ސިޔާސީ މަޤުޞަދުތަކެއް ހިމެނޭ ކަމުގައެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,084އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,029އަށް އުފުލިފައެވެ.