ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން އދގެ މުވައްޒަފުންނާއި އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ މުވައްޒަފުން ޝަހީދު ކުރަމުންދާއިރު, ޔަހޫދީ ފައުޖު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތުމަކީ ބަލައިގަނަންނަން ދަތި ކަމެއް ކަމުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އދގެ ޢާންމު މަޖިލީހުގެ މި އަހަރުގެ ބައްދަލުވުން ފެށުމުގެ ކުރިން ދުނިޔޭގެ އަދުގެ ހާލަތާ ގުޅޭ ގޮތުން ދެއްވި ބަސްދީގަތުމެއްގައެވެ.
ފާއިތުވި އަހަރަކީ "ވަރަށް ދަތި, އުނދަގޫ" އަހަރެއްގެ ގޮތުގައި ގުތެރޭޝް ސިފަ ކުރެއްވިއެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ, 2023ވަނަ އަަހަރުގެ އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމަށް ފަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 41,000އަށް އުފުލިފައިވާއިރު, ގުތެރޭޝް ވިދާޅުވީ, ޢުދުވާނުން ފެނިގެން ދިޔައީ "އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރާ, ޢާންމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކޮށްދެވޭނެ އެއްވެސް ހަރުދަނާ މަގެއް ނެތް" މަންޒަރު ކަމުގައެވެ. "ޣައްޒާގައި ހިންގަމުންދާ ޢުދުވާން އެއްވެސް ހާލަތެއްގައި ބަލައިނުގަނެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި އިޖުތިމާޢީ ޚިދުމަތްތެރިންގެ ތެރެއިން 300އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރެެއިން ތިންބައިކުޅަ ދެ ބަޔަކީ އދގެ މުވައްޒަފުންނެވެ. ގުތެރޭޝް ވިދާޅުވީ, އެ މަރުތައް ތަޙުޤީޤު ކުރެވެން ޖެހޭނެ ކަމަށާއި, ޔަހޫދީ ފައުޖު ޖަވާބުދާރީ ކުރެވެން ޖެހޭނެ ކަމުގައެވެ.
"އަޅުގަނޑުމެންގެ ކޯޓުތައް އެބަހުރި, ނަމަވެސް އެ ކޯޓުތަކުގެ ޙުކުމްތަކާއި އަމުރުތަކަށް އިޙުތިރާމެއް ނުކުރޭ. މި ފަދަ ތާކުންތާކު ނުޖެހޭ ކަންކަން ބަލައިނުގަނެވޭނެ. މިއީ, ފުންކޮށް ވިސްނަން ޖެހިފައި އޮތް ކަމެއް،" ގުތެރޭޝް ވިދާާޅުވިއެވެ.
ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, އެ މީހުންގެ މައްޗަށް ޔަހޫދީން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަމަކީ ޣައިރު ޤާނޫނީ އަމަލެއްގެ ގޮތުގައި ޖުލައި މަހު އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވަނީ ކަނޑައަޅާފައެވެ. އަދި, ފަލަސްޠީނުގެ ބިންތަކުން ފޭބުމަށް ޔަހޫދީންގެ މައްޗަށް އަމުރު ކޮށްފައެވެ. ކުރިއަށް އޮތް އދގެ ޢާންމު މަޖިލީހުގައި އެ ކަމާ މެދު ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.
ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓައިލަން ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވައިލަން ކުރަމުން ދިޔަ މަސައްކަތްތައް ފޭލުވެފައިވާ ކަން ވެސް ގުތެރޭޝް ހާމަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ, ހުސްވި އަހަރުގެ އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމަށް ފަހު ނިރުބަވެރި ނަތަންޔާހޫއާ ވާހަކަ ދެކެވިފައި ނުވާ ކަމަށާއި, ފޯނު ކޯލުތަކަށް ޖަވާބު ދޭން އަނިޔާވެރި ނަތަންޔާހޫ ދެކޮޅު ހަދަމުންދާ ކަމުގައެވެ.
ގުތެރޭޝް ވިދާޅުވީ, އަންނަ ހަފުތާގައި ފަށާ އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ނިރުބަވެރި ނަތަންޔާހޫއާ ބައްދަލު ކުރައްވަން އޭނާ ތައްޔާރަށް ހުންނެވި ކަމުގައެވެ. ނަމަވެސް, ޒަޔަނިސްޓު ދަޢުލަތުން އދއަށް ކަނޑައަޅާފައި ހުންނަ މަންދޫބު, ދަނީ ދެނޯން ބުނީ ގުތެރޭޝާ ބައްދަލު ކުރަން ނަތަންޔާހޫ އެދިފައި ނުވާ ކަމަށާއި, އެ ފަދަ ބައްދަލުވުމެއް ތާވަލު ކޮށްފައި ނެތް ކަމުގައެވެ.
ގުތެރޭޝް މި ވަގުތު ދުނިޔޭގެ ހާލަތު ސިފަ ކުރައްވަނީ ހަލަބޮލިކަން ބޮޑު ހައިޖާނުގަނޑެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ, ޣައްޒާ ޢުދުވާނުގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދޭނެ ކަމުގެ ކޮޅުމަތި ފެންނަން ނެތް ކަމުގައެވެ. އުތުރު ކޮރެޔާއާއި އީރާނުން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ ހުޅަނގުން ކުރާ ތުހުމަތުތަކާ ގުޅިގެން ގުތެރޭޝް ވިދާޅުވީ, ޔޫކްރެއިން ހަނގުރާމަ އިތުރަށް ދިގުދެމިގެން ދާނެ ކޮންމެ އަމަލަކާ އެކު މަސްރަޙު އިތުރަށް ގޯސްވާނެ ކަމުގައެވެ.
ބަސްދީގަތުމުގައި ގުތެރޭޝް ވަނީ ހެއިޓީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ވެސް އަލިއަޅުއްވައިލައްވާފައެވެ. އދގެ ސުލްޙަ ބަލަހައްޓާ ފައުޖެއް ހެއިޓީއަށް ފޮނުވަން އެމެރިކާއިން ދަނީ އދގެ ސަލާމަތީ މަޖިލީހަށް ބާރު އަޅަމުންނެވެ. ނަމަވެސް, ހެއިޓީގެ މި ވަގުތުގެ ހާލަތު އޮތް ގޮތުން, އެ ޤައުމަށް ސުލްޙަ ބަަލަހައްޓާ ފައުޖެއް ފޮނުވުމަކީ އެންމެ ރަނގަޅު ހައްލުގެ ގޮތުގައި ގުތެރޭޝް ޤަބޫލެއް ނުކުރައްވައެވެ. ކުށްކުރާ ގުރޫޕުތަކުން ހެއިޓީގެ ވެރިރަށަށް ވެރިވެގަނެފައިވާއިރު, އެ ޤައުމަށް ވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ. އަދި, އެތަކެއް ހާސް ބަޔެއްގެ ގެދޮރު ގެއްލިފައިވާއިރު, ޖިންސީ އަނިޔާ ވަނީ ޢާންމުވެފައެވެ.
ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ގުތެރޭޝް ވިދާޅުވީ, އެމެރިކާގެ ވެރިކަމާ ކޮންމެ ޕާޓީއަކުން ހަވާލުވި ނަމަވެސް, އެ ސަރުކާރަކާ ގުޅިގެން މަސައްކަތް ކުރަން އދން ތައްޔާރަށް އޮތް ކަމުގައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އދއަށް މާލީ އެހީ ކަނޑައިލިއެވެ. އަދި, ޕެރިސް ތިމާވެށްޓާ ބެހޭ އެއްބަސްވުމުން އެމެރިކާ ވަކިވިއެވެ. ނޮވެންބަރު 5ގައި ބާއްވާ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސާ ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަކީ ޓްރަމްޕެވެ.