ޚަބަރު

ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ކުރާ ތުހުމަތުތައް އީރާނުން ދޮގުކޮށްފި


ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފަދަ ހަތިޔާރު އީރާނުން ފޯރު ކޮށްދެމުންދާ ކަމަށް ބުނެ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ކުރާ ތުހުމަތުތައް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ދޮގު ކުރައްވައިފިއެވެ. އީރާނުން ރަޝިޔާއަށް ހަތިޔާރު ވިއްކަމުންދާ ކަމަށް ތުހުމަތު ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ތިން ބާރު (އީ3) ކަމުގައިވާ އިނގިރޭސިވިލާތާއި, ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހިމެނެއެވެ.

ޢަރާޤިޖީ ވިދާޅުވީ, އީރާނުން ރަޝިޔާއަށް ހަތިޔާރު ފޯރު ކޮށްދެމުންދާ ކަމަށް އެ ޤައުމުތަކުން ތުހުމަތު ކުރަމުން ދަނީ އެއްވެސް އަސާސެއް ނެތް ޖާސޫސީ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމުގައެވެ. "އަނެއްކާ ވެސް, އެމެރިކާއާއި އީ3 (އީޔޫގެ ތިން ބާރު)ން އެ ދަނީ އެއްވެސް އަސާސެއް ނެތް ޖާސޫސީ މަޢުލޫމާތުތުތަކަށް ބާރޯސާވެ, ގޯސް ވިސްނުމަކުން ވިސްނަމުން. އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ވިއްކާފައެއް ނުވާނެ. އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ޙައްލެއް ނޫން. އެއީ, މައްސަލައެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލްތަކެއް ފޯރު ކޮށްދީފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގަައެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް އެ ހަތިޔާރުތައް ބޭނުން ކުރަން ފަށާނެ ކަމަށް ބެލެވޭ ކަމުގައި ބްލިންކަން ވިދާޅުވިއެވެ. އަދި, އީރާން-ރަޝިޔާ ގުޅުމާ ގުޅިގެން ވިލާތުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުން, އެމެރިކާއާއި އީ3ގެ ޤައުމުތަކުން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. ފިޔަވަޅު އަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި އީރާނުގެ ޤައުމީ އެއަރލައިން, އީރާން އެއަރގެ އިތުރުން އީރާނާއި ރަޝިޔާގެ ޝިޕިންގ ކުންފުނިތައް ހިމެނެއެވެ. ނެދަރލެންޑްސުން ވެސް ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ބާރު އަޅާފައެވެ. ނަމަވެސް, ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިނުން ވެސް ވަނީ, އީރާނުން އެ ޤައުމަށް ހަތިޔާރު ފޯރު ކޮށްދެމުންދާ ކަމަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ.

ބްލިންކަން ވިދާޅުވީ, އީރާނުގައި އުފައްދާ ފަތުޙު-360 މަރުކާގެ ކުރު-ރާސްތާ ބެލިސްޓިކް މިސައިލް ބޭނުން ކުރުމުގެ ތަމްރީނުތައް ރަޝިޔާގެ ސިފައިން އީރާނުގައި ފުރިހަމަ ކޮށްފައިވާ ކަމުގައެވެ. އެއީ, 75 ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރެވޭނެ ހަތިޔާރެކެވެ. ފަތުޙު-360ގެ އިތުރުން އެހެން މަރުކާއެއްގެ ބެލިސްޓިކް މިސައިލްތަކެއް ގަތުމަށް ރަޝިޔާއިން ހުސްވި އަހަރުގެ ޑިސެންބަރު މަހު އީރާނާ އެކު އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

އެމެރިކާގެ ޓްރެޜަރީ އިދާރާއިން ފިޔަވަޅުތައް އަޅާފައި ވަނީ އީރާނާއި ރަޝިޔާގެ 10 މީހެއްގެ އިތުރުން ނުވަ ކުންފުންޏަކާ ދެކޮޅަށެވެ. އަދި, އެމެރިކާގައި ހުރި އެ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފަހައްޓައި, އެ ފަރާތްތަކާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގުން އެމެރިކާގެ ރައްޔިތުންނަށް ވަނީ މަނާ ކޮށްފައެވެ. ފިޔަވަޅުތައް އަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ކެސްޕިޔަން ކަނޑުގައި އީރާނާއި ރަޝިޔާއާ ދެމެދު ދަތުރު ކުރާ އާގުބޯޓުފަހަރު ވެސް ހިމެނެއެވެ.

ރަޝިޔާއިން ހަތިޔާރު ހޯދަން ކުރަމުންދާ މަސައްކަތަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ހުރަސް އަޅަން މަސައްކަތް ކުރަމުންދާއިރު, އެ ޤައުމުތަކުން ދަނީ މެދުކެނޑުމެއް ނެތި ޔޫކްރެއިނަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރު ކޮށްދެމުންނެވެ. އަދި, ޔޫކްރެއިނާ އެކު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ބްލިންކަނާއި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވީޑް ލާމީ ޔޫކްރެއިނަށްގެ ވެރިރަށް ކީވަށް ވަޑައިގަންނަވަން އޮތީ ހަމަޖެހިފައެވެ.

އީރާނުގައި އުފައްދާ ޝަހްދު މަރުކާގެ އަސްކަރީ ޑްރޯންތަކެއް އެ ޤައުމުން ވަނީ ރަޝިޔާއަށް ފޯރުކޮށްދީފައެވެ. ނަމަވެސް, އެއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތެއް ކަމުގައި އީރާނުން ބުންޏެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވިދާޅުވީ, އެ ޤައުމުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ވިއްކަމުންދާ ކަމަށް އެމެރިކާއާއި ހުޅަނގުން ކުރަމުންދާ ތުހުމަތުތަކަކީ އީރާނުގެ އަބުރު ކަތިލުމަށް ހިންގަމުންދާ ޕްރޮޕެގެންޑާއެއް ކަމުގައެވެ. އެއީ, އެމެރިކާއާއި ހުޅަނގުން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަން ފޮރުވަން ހިންގަމުންދާ އަމަލެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ.

މި ކަމާ ގުޅުވައި ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް, އެ ޤައުމަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަރނޭޝަނަލް ސެކިޔުރިޓީގެ ވެރިޔާ ޑޭވިޑް އޮލްބްރައިޓް ވިދާޅުވީ ރަޝިޔާގެ އިތުރުން ޗައިނާއާ އެކު އީރާނުން ހަރުދަނާ ގުޅުންތަކެއް ދަމަހައްޓަމުންދާ ކަމުގައެވެ. އަދި, ދަތި ކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކޮށްގެން އެ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ.

ނަމަވެސް, އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު އީޔޫން ވެސް ވަނީ ދީފައެވެ. އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އޮފީހުގެ ތަރުޖަމާނު ޕިއެތުރޯ ސްތާނޯ ވިދާޅުވީ, އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދެމުންދާ ނަމަ އެ ކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ. އަދި, ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޮސެފް ބޮރެއިގެ އަމުރަށް, އީރާނާ ދެކޮޅަށް ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅޭ ގޮތުން އީޔޫގެ މެންބަރު ޤައުމުތަކުން މަޝްވަރާ ފަށާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.