ޚަބަރު

ޕެރޫގެ ކުރީގެ ރައީސް އަލްބެރްތޯ ފުޖިމޮރީ އަވަހާރަވެއްޖެ


1990ގެ އަހަރުތަކުގެ ތެރޭގައި ޕެރޫގައި ވެރިކަން ކުރެއްވި ރައީސް އަލްބެރްތޯ ފުޖިމޮރީ އަވަހާރަވެއްޖެއެވެ. 1990ގެ އަހަރުތަކުގެ ތެރޭގައި ޕެރޫއަށް އިޤުތިޞާދީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވައި, މައޮއިސްޓު ހަތިޔާރު އެޅި ޖަމާޢަތާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރެއްވި ފުޖިމޮރީ އަވަހާރަވީ އިރު އުމުރުފުޅަކީ 86އެވެ.

ފުޖިމޮރީ އަވަހާރަވެފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އޭނާގެ ދަރިކަނބަލުން ކެއިކޯ ފުޖިމޮރީއެވެ. ޖަޕާނުން ޕެރޫއަށް ހިޖުރަ ކޮށްފައިވާ ދެމަފިރިއެެއްގެ ދަރިކަލުން, ފުޖިމޮރީ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޕެރޫގެ ރައީސް ކަމުގެ މަޤާމަށް ފުޖިމޮރީ އިންތިޚާބުވެ ވަޑައިގަތީ 1990ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ފުރުއްވަމުން ގެންދަވާފައި ވަނީ ދަނޑުވެރިކަމާ ބެހޭ ޔުނިވަރސިޓީއެއްގެ ޗާންސެލަރު ކަމުގެ މަޤާމެވެ. ޕެރޫގެ އެތަކެއް މިލިޔަން ރައްޔިތުންގެ ވަޒީފާ ގެއްލެން މެދުވެރިވި އިންފްލޭޝަންގެ މައްސަލައަށް އޭނާގެ ވެރިކަމުގައި ހައްލު ހޯއްދަވައިދެއްވިއެވެ. އަދި, ދަޢުލަތުން ހިންގާ ކުންފުނިތައް ޕްރައިވެޓަރިޒްކޮށް, ވިޔަފާރިން ނަގާ ޑިޔުޓީތައް ކުޑަ ކުރެއްވިއެވެ. އެ ފިޔަވަޅުތަކާ އެކު, 1990ގެ އަހަރުތަކުގެ ތެރޭގައި ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރި އަރާފައިވާ އިޤުތިޞާދަށް ޕެރޫ ވެގެން ދިޔައެވެ. ނަމަވެސް, އިދިކޮޅުން ވަނީ ވެރިކަމުގެ ބާރުތައް މުށު ތެރެއަށް ޖަމާ ކުރުމުގެ ތުހުމަތު އޭނާގެ ކޮނޑުފުޅުގައި އަޅުވާފައެވެ.

މައޮއިސްޓު ހަނގުރާމަވެރިންނާ ދެކޮޅަށް އޭނާގެ ވެރިކަމުގައި ފެއްޓެވި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގެ ތެރެއިން އެ ޖަމާޢަތުގެ ވެރިޔާ އަބީމަޔެލް ގުސްމާން ހައްޔަރު ކުރުން ވެގެން ދިޔައީ, އެ ޖަމާޢަތަށް ލިބުނު ވަރަށް ބޮޑު އެތިފަހަރަކަށެވެ. 1980ގެ އަހަރުތަކުން ފެށިގެން ޕެރޫގެ ސަރުކާރު ވައްޓައިލަން މައޮއިސްޓު ހަނގުރާމަވެރިން ކުރަމުން ދިޔަ މަސައްކަތްތައް ގުސްމާންގެ ހައްޔަރާ އެކު ނިމުމެއް އައެވެ. ގުސްމާން މަރުވީ ޖަލު ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް 2021 ސެޕްޓެންބަރުގައެވެ.

ނަމަވެސް, ޕެރޫގެ ބައެއް ރައްޔިތުން ދެކޭ ގޮތުގައި ފުޖިމޮރީއަކީ ޚުދުމުޚްތާރު ވެރިއެކެވެ. އަދި, އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމަށް އަމުރު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި 1992 ވަނަ އަހަރު އަސްކަރީ ޓޭންކުފަހަރު ބޭނުންކޮށް ޤާނޫނު ހަދާ މަޖިލިސް ބަންދު ކުރިއެވެ. އަދި, މިނިވަން ވިޔަފާރި ކުރިއަރުވައި ނިރުބަވެރިކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމުގެ ގޮތުން ޤާނޫނުއަސާސީ އިސްލާޙު ކުރެއްވިއެވެ. މީގެ އިތުރުން, އެނާގެ 10 އަހަރުގެ ވެރިކަމާ ދެކޮޅަށް ޚިޔާނާތުގެ ތުހުމަތު ކުރެވުމާ އެކު, ޢާންމުންގެ އިތުބާރު ގެއްލުނެވެ.

2000ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ފުޖިމޮރީ ވަނީ ތިންވަނަ ދައުރަކަށް އިންތިޚާބުވެފައެވެ. ނަމަވެސް, އޭނާގެ އިސް މުޝީރު އަދި ޖާސޫސީ އިދާރާގެ ވެރިޔާ ވްލަދެމީރޯ މޮންތެސީނޯސް ޚިޔާނާތުގެ ފައިސާ ބައްސަވާ މަންޒަރު ފެންނަ ވީޑިޔޯތަކެއް ޢާންމު ކުރުމާ ގުޅިގެން ފުޖިމޮރީ ވަނީ ޤަައުމު ދޫކުރައްވައި ފިއްލަވައިގެން ޖަޕާނަށް ވަޑައިގަންނަވާފައެވެ. އަދި, ރައީސް ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ފުޖިމޮރީ އެނބުރި ޕެރޫއަށް ވަޑައިގަންނަވަން ނިންމަވާފައި ވަނީ 2005ވަނަ އަހަރުއެވެ. ނަމަވެސް, ޕެރޫއަށް ވަޑައިގެންނެވި މަގުމަތީގައި 2007ވަނަ އަހަރު އޭނާ ވަނީ ޗިލީގައި ހައްޔަރު ކޮށްފައެވެ. އަދި, ޕެރޫއަށް ފޮނުވައިލައި އޭނާއާ ދެކޮޅަށް ޝަރިޢަތް ހިންގައި, 2009ވަނަ އަހަރު އޭނާއާ ދެކޮޅަށް 25 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. ފުޖިމޮރީގެ ބަލި ހާލަތު ހުރި ގޮތުން 2017ވަނަ އަހަރު ޕެރޫގެ ކުރީގެ ރައީސް ޕެދްރޯ ޕަބްލޯ ކުޗިންސްކީ ވަނީ އޭނާއަށް މަޢާފު ދެއްވާފައެވެ. ނަމަވެސް, އޭގެ މަސްތަކެއް ފަހުން ކުޗިންސްކީއާ ދެކޮޅަށް ދަޢުވާ އުފުލައި, ޕެރޫގެ ދުސްތޫރީ ކޯޓުން ވަނީ ފުޖިމޮރީއާ ދެކޮޅަށް އިއްވާފައިވާ ޙުކުމް އަލުން ރުޖޫއަ ކޮށްފައެވެ.

އެއަށް ފަހު ފުޖުމޮރީއަށް މަޢާފުދީ, މިނިވަން ކޮށްފައި ވަނީ 2003ވަނަ އަހަރުއެވެ. އަދި, 2024ވަނަ އަހަރު މޭ މަހު އޭނާ ވަނީ ޓިޔުމަރަކަށް ފަރުވާ ހޯއްދަވަން ފަށްޓަވާފައެވެ. ފުޖިމޮރީގެ ހަޔާތާއި ވެރިކަން ދިފާޢު ކުރެއްވުމުގައި އެންމެ ހަރުއަޑުން ވަކާލާތު ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ އޭނާގެ ދަރިކަނބަލުން ކެއިކޯއެވެ. ޕެރޫގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަންނަވަން ކެއިކޯ ތިން ފަހަރަކު ވާދަ ކުރައްވާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ފުޖިމޮރީ އަވަހާރަވެފައި މި ވަނީ, 2026ވަނަ އަހަރު ބާއްވަން ތާވަލު ކޮށްފައިވާ އިންތިޚާބުގައި އޭނާ ވާދަ ކުރައްވާނެ ކަން ކެއިކޯ އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޕުޖިމޮރީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1938ވަނަ އަހަރުގެ ޖުލައި މަހުގެ 28ވަނަ ދުވަހު ޕެރޫގެ ވެރިރަށް ލީމާގައެވެ. އެއީ, ޕެރޫގެ މިނިވަން ދުވަހެވެ.