ދުނިޔެ

އިރާޤުގެ ލަޝްކަރުތަކަށް އައި.އެސް ޖަމާއަތުން ޙަމަލާތަކެއް ދީފި


އިރާގުގެ ރަށެއްކަމަށްވާ ފަލޫޖާ މިނިވަންކުރުމަށް މަސައްކަތްކުރާ އިރާގުގެ ލަޝްކަރުތަކަށް އައިއެސް ޖަމާއަތުން ވަރުގަދަ ޙަމަލާތަކެއް ދީފިކަމަށް ޚަބަރު ލިބިއްޖެއެވެ. 

އިރާގުން ލިބޭ ޚަބަރުތައް ބުނާގޮތުން އައިއެސްގެ ހަނގުރާމަވެރިން ކާރުބޮމުންނާއި، ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށް އަމިއްލައަށް މަރުވެގެންދިން ޙަމަލާތަކުގައި އިރާގު ސިފައިންގެ ބައެއްމީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެ އަސްކަރީ އޮޕަރޭޝަނަށްވެސް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އިރާގު ސިފައިން ބުނާގޮތުން ފަލޫޖާގެ އެތެރޭގައިވާ އަވަށްތަކަށް ވައިގެ މަގުން ހަމަލާދިނުމަށާއި އެއަވަށްތަކަށް ބަރުހަތިޔާރާއެކު ވަދެގަތުމަށް އުނދަގޫ ވެފައިވަނީ އައިއެސްގެ ހަނގުރާމަވެރިން ފަލޫޖާގެ އާންމުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔުމުގެ ސަބަބުންނެވެ. 

ފަލޫޖާގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާދޭން ފަށާތާ ދެދުވަހުގެ ތެރޭގައި އައިއެސްގެ އަތްދަށުން އެރަށް މިނިވަން ކުރެވޭނެ ކަމަށް އިރާގު ސިފައިންގެ ކޮމާންޑަރުން ވިދާޅުވެއެވެ. ފަލޫޖާ މިނިވަންކުރުމުގެ އޮޕަރޭޝަން ފެށިތާ ހަފްތާއެއްވެފައިވާއިރު އިރާގު ސިފައިން ބުނަނީ އެމީހުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާ އަދި ފަލޫޖާގެ ވަށައިގެންވާ ސަރަހައްދުތައް ސަރުކާރުގެ ބާރުގެ ދަށަށް މިހާރު ގެނެވިފައިވާކަމަށެވެ. 

ފަލޫޖާ މިނިވަން ކުރުމުގެ ހަނގުރާމަ ވަރުގަދަވަމުންދާއިރު އދ.އިން ވަނީ އެރަށުގެ އެތެރޭގައި ތާށިވެފައިވާ ބައިލައްކަ އެއްހާ އާންމުންގެ ސަލާމަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.