ޚަބަރު

ޣައްޒާއިން 100އެއްހާ ބަލިމީހުން ފަރުވާ ދިނުމަށް ޔޫއޭއީއަށް


ފަލަސްޠީނުގެ ޣައްޒާގައި ތިބި ބަލި މީހުންގެ ތެރެއިން 97 މީހުން އިތުރު ފަރުވާ ދިނުމަށް އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް ގެންގޮސްފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ, މިއީ މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތައް ފެށި ފަހުން ހިންގާފައިވާ މި ފަދަ އެންމެ ބޮޑު, އަދި ކާމިޔާބު އޮޕަރޭޝަން ކަމުގައެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ އެ ސަހަރުގެ ފުރަބަންދު ހަރުކަށި ކޮށްފައެވެ. އަދި, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގަށް އަތްގަދަކޮށް, އެ ތަން ބަންދު ކުރުމާ އެކު, ޣައްޒާގައި ތިބި އެތަކެއް ހާސް ބަލި މީހުންނަށް ފަރުވާ ހޯދުމަށް ބޭރު ޤައުމުތަކަށް ދަތުރު ކުރުމުގެ ދޮރުތައް ވަނީ ބަންދުވެފައެވެ.

ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ ނިރުބަވެރި ޙަމަލާތައްދީ, ޣައްޒާގެ ޞިއްޙީ ނިޒާމު ބަލިކަށި ކޮށްލާފައެވެ. ޣައްޒާގެ 36 ހަސްފަތާލުގެ ތެރެއިން މި ވަގުތު ޚިދުމަތް ފޯރުކޮށްދެމުން ދަނީ 17 ހަސްފަތާލެއްގައެވެ. އެހެން ހުރިހާ ހަސްފަތާލެއް ވަނީ ބޮންއަޅައި ސުންނާފަތި ކޮށްލާފައެވެ. މި ވަގުތު ހުޅުވާފައިވާ ހަސްފަތާލުތަކުން ވެސް ފޯރުކޮށްދެނީ މަދު ޚިދުމަތްތަކެކެވެ. ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ޣައްޒާއަށް އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ.

ޣައްޒާއިން 97 ބަލިމީހުން ޔޫއޭއީއަށް ގެންދެވުމަކީ ބޮޑު އޮޕަރޭޝަނެއް ކަމުގައި ފަލަސްޠީނުގެ ބިންތަކަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބު ރިޗަރޑް ޕީޕަރކޯން ވިދާޅުވިއެވެ. "މިއީ 2023 އޮކްޓޫބަރަށް ފަހު ޣައްޒާގައި ތިބި ބަލި މީހުން ބޭރަށް ގެންދަން މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަން. ޣައްޒާގައި ތިބި ބަލި މީހުން ބޭރު ޤައުމުތަކަށް ގެންގޮސް ފަރުވާ ދެވޭނެ އިތުރު ދޮރުތައް ބޭނުންވޭ. އެ ކަމަށް ހަރުދަނާ ނިޒާމެއް ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާއިން އެއްގަމު މަގުން އިސްރާއީލުގެ ރަމޯން ވައިގެ ބަނދަރަށް ގެންގޮސް, ވައިގެ މަގުން ޔޫއޭއީއަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކެންސަރާއި, ލެއާއި ކިޑުނީގެ ބަލިތަކަށް ފަރުވާ ހޯދަން ޖެހިފައިވާ މީހުން ކަމުގައި ޕީޕަރކޯން ވިދާޅުވިއެވެ. ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލާފައިވުމާ އެކު ބޭރު ޤައުމުތަކަށް ގެންގޮސް ފަރުވާ ދޭން ޖެހިފައިވާ އިތުރު 10,000އެއްހާ މީހުން އަދިވެސް ތިބި ކަން އޭނާ ހާމަ ކުރެއްވިއެވެ.

ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޕޯލިޔޯ ޖެހިފައިވާ ތުއްތު ކުއްޖަކު ޣައްޒާއިން ފެނުމާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް ވެސް އދއާއި ޑަބްލިޔުއެޗްއޯން މި ވަގުތު ދަނީ ކެމްޕޭނެއް ހިންގަމުންނެވެ. ޕީޕަރކޯން ވިދާޅުވީ, އެ ކެމްޕޭނުގެ ދަށުން 500,000އެއްހާ ކުޑަކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދެވިފައިވާ ކަމުގައެވެ. 25 އަހަރަށް ފަހު ޣައްޒާއިން ޕޯލިޔޯ ޖެހިފައިވާ ކުއްޖަކު ދެނެގަނެވިފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އޮގަސްޓު މަހުގެ 25ވަނަ ދުވަހުއެވެ.

"އެހާ ގިނަ ޢަދަދެއްގެ ކުޑަކުދިންނަށް ކާމިޔާބުކަމާ އެކު ވެކްސިން ޖަހައިދެވިފައިވާތީ އަޅުގަނޑުމެން އުފާ ކުރަން. އަޅުގަނޑުމެންގެ އުންމީދަކީ ޣައްޒާގެ ކުޑަކުދިންގެ އާބާދީގައި ހިމެނޭ 90 އިންސައްތަ ކުދިންނަށް ވެކްސިން ޖަހައިދިނުން،" ޕީޕަރކޯން ވިދާޅުވިއެވެ. ޣައްޒާގައި ޕޯލިޔޯ ފެތުރުން ކޮންޓްރޯލްކޮށް, އެ ބަލި އެހެން ޤައުމުތަކަށް ފެތުރުނަ ނުދީ ހުއްޓުވޭނީ ކުޑަކުދިންގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ ކުދިންނަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްދީގެންނެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,118އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,125އަށް އުފުލިފައެވެ.