ޚަބަރު

މަތީ އަރުތަވެރިންގެ އިނާމު 441 ދަރިވަރުންނަށް


  • މަތީ އަރުތަވެރިންގެ އިނާމުދިނީ ތިން ދަނފަޅިއަށް ބަހާލައިގެން

  • ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ

ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށްދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ދަރިވަރުންނަށް ދީފިއެވެ. ތިން ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

2023-2022 ވަނަ އަހަރު މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ވަނީ ހިމެނިފައެވެ. އަދި ސާނަވީ ނިންމާ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން ވަނީ އިނާމް ހާސިލްކޮށްފައެވެ.

ފަޚުރުވެރި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ދައުލަތުގެ ވަޒީރުންނެވެ. އަދި ރާއްޖެއާއި ދުނިޔޭގެ ފެންވަރުގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭލެވެލް ނިންމާ އިމްތިހާނުން ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންގެ ތެރެއިން 18 ދަރިވަރުން ވަނީ ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހާސިލްކޮށްފައެވެ. އޭލެވެލްއިން ޤައުމީ ފެންވަރުގެ އެންމެމަތީ ވަނަ 12 ދަރިވަރުން ހާސިލްކުރިއިރު، އޭލެވެލް ސެޓިފިކެޓް އޮފް އެކްސެލެންސް 27 ދަރިވަރުން ވަނީ ހާސިލްކޮށްފައެެވެ.

މީގެ އިތުރުން އޯލެވެލްއިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 25 ދަރިވަރުން ހާސިލްކުރިއެވެ. އަދި އޯލެވެލްއިން ރާއްޖޭގެ އެންމެ މަތީ ވަނަ 23 ދަރިވަރުން ހާސިލްކުރިއެވެ.

މި ރަސްމިއްޔާތުތަކުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ފާއިތުވިތަނުގައި ސެކެންޑަރީ ގްރޭޑްތަކަށްވުރެ ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން ފައިސާ ޚަރަދުކުރެވޭ މިންވަރުވެސް މަދުކަމަށާއި، ޒަމާނުއްސުރެން ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަންވެސް ކުޑަކަމަށެވެ. ނަމަވެސް އޭލެވެލްއާއި އޯލެވެލްއިން ރަނގަޅު ނަތީޖާ ހާސިލްކުރެވޭނީ ޕްރައިމަރީ ގްރޭޑުތަކުގެ ނަތީޖާ ރަނގަޅުކުރެވިގެންކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެކަމަށް ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

2022-2023 ވަނަ އަހަރު އޯލެވެލް އިމްތިހާނު ހަތް ހާހަށްވުރެ ގިނަ ދަރިވަރުން ހަދާފައިވާއިރު، އޭލެވެލް އިމްތިހާނު 2800އަށްވުރެ ގިނަ ދަރިވަރުން ހަދާފައިވެއެވެެ.