ޚަބަރު

އަދީބު ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނެ، މީހަކު ހެކި ބަސް ދީފި


ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި ގ. ހުމަށިގޭ އެޕާރޓްމެންޓްގައި ދެ ފިސްތޯލައާއި ގޮވާތަކެތި ގެންގުޅުނުކަމަށް ދެ މީހަކު ހެކިބަސްދީފިއެވެ.

އަޙުމަދު އަދީބު ފިސްތޯލް ގެންގުޅުއްވިކަމަށް ބުނެ އޭނާއާއި ދެކޮޅަށް ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި 3 މީހެއްގެ ހެކިބަސް ނަންގަވާފައިވެއެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ކާކުކަން ނޭނގޭގޮތަށް އަޑު ބަދަލުކޮށްގެން ސިއްރު ހެކީގެ ގޮތުގައި ހެކިބަސް ދިން 2 މީހަކު ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާ ބޭއްވުމުގެ ކުރީ ރޭ އަދީބް ދިރިއުޅުއްވާ އެޕާރޓްމަންޓަށް އެ ދެ މީހުން ގެންދެވިކަމަށެވެ. އަދި މޭޑޭގައި އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީންއާއި އަޙުމަދު އަދީބާއި ހަމައަށް ނާދެވޭނެކަމަށް ވިދާޅުވެ ދެ ފިސްތޯލައާއި ގޮވާޒާތުގެ އެއްޗެއް ދައްކާފައިވާކަމަށެވެ.

އަދީބު ދެއްކެވި ތަކެތީގެ އިންސްލޭޝަން ޓޭޕްއަޅާ ނަރުކޮޅެއް ގުޅާފައި އޮތް އެއްޗެއް ދައްކަވާ އެއީ ގޮވާއެއްޗެއްކަމަށް އަދީބު ވިދާޅުވިކަމަށް ހެކިބަސް ދިން ދެމީހުން ބުނެފައިވެއެވެ. އަދި އަދީބު ދެއްކެވި ފިސްތޯލައަކީ ކަޅުކުލައިގެ އެއްޗެއްކަމަށްވެސް މި ދެމީހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހެކިބަސް ދިން ތިންވަނަ މީހާ ބުނެފައިވަނީ އަދީބު ދިރިއުޅުއްވި ހުމަށިގޭ އެޕާޓްމެންޓުންނާއި ރެހެންދި ފްލެޓްގެ އެޕާޓްމެންޓްގައި ހުންނަ އަދީބުގެ މޭޒުމަތިން ފިސްތޯލައެއް ފެނިފައިވާކަމަށެވެ. އަދި އޭރުވެސް ފިސްތޯލައަށް ވަޒަން ލޯޑްކޮށްފައިހުރިކަން އޭނާ ފާހަގަކޮށްފައިވެއެވެ. މި ދެ ފިސްތޯލަވެސް ފެނިފައިވަނީ އަދީބު އެ ދައްކަވައިގެން ނޫންކަމަށާއި އަދީބަށް ނޭނގި ވަގަށް، ފޯނުން އެ ފިސްތޯލައިގެ ފޮޓޯއެއް ނެގިކަމަށްވެސް ހެކިބަސް ދިން ތިންވަނަ މީހާ ބުނެފައިވެއެވެ. އަދި ފޯން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވެސް އެ ހެކިވެރިޔާ ބުނެފައިވެއެވެ.

ފިސްތޯލައެއް މީހެއްގެ އަތުން ފެނި އެކަން ކަމާބެހޭ ފަރާތަކަށް ނޭންގީ ކީވެއްތޯ ދިފާއީ ވަކީލުން ކުރި ސުވާލަށް ޖަވާބުދެމުން ހެކިބަސް ދިން ތިންމީހުންވެސް ބުނެފައިވަނީ ޤައުމުގެ އެހާ މަތީ މަގާމެއްގައި ހުރި މީހަކަށް އެފަދަ ތަކެތި ނުގެންގުޅޭވޭނެކަން އެނގިފައި ނެތްކަމަށެވެ.

މި މައްސަލަ ކުރިން ބައްލަވަމުން ދިޔަ ތިން ފަނޑިޔާރުންގެ ބެންޗު މިއަދު ވަނީ އުވާއްލައްވާފައެވެ. މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ކުރިމިނަލްކޯޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. މި މައްސަލާގައި ދައުލަތުން ހުށައެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ މިއަދު ވަނީ ނިންމަވާލައްވާފައެވެ. އަދި އަންނަ ހޮނިހިރު ދުވަހު ހެދުނު 09:00ގައި ޚުލާސާ ބަޔާން ހުށައެޅުމަށް އަޑުއެހުމެއް ބާއްވާނެކަން މައްސަލަ ބައްލަވާ ޤާޒީ މިއަދު އިއުލާންކުރައްވާފައިވެއެވެ.