މުސްލިމުން އެންމެ ލޯބިވާ އިންސާނާ، ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ޖާހިލުކަމާއި ޝިރްކުގެ ސުންޕާކަމުން ދުނިޔެ ސަލާމަތްކުރެއްވި ވަރުގަދަ ރިސާލަތާއިގެން ވަޑައިގެންނެވި މާތްﷲގެ ރަސޫލާއެވެ. ވަރުގަދަ އުއްމަތެއް ބިނާކުރައްވައި، އާރާސްތު ކުރެއްވި ވަރުގަދަ ޒަޢީމެވެ. ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލުކޮށްލެއްވި ޙަޟާރަތެއްގެ މޭސްތިރިޔާއެވެ.
އެކަލޭގެފާނު ގެންނެވި އިސްލާމީ ދަޢުވަތުގެ ސަބަބުން، އިމާންކަން މުޅިދުނިޔެއަށް ޢާއްމުވެ، ސަލާމު ފެތުރި، އެއްގަމަށާއި، ކަނޑުތަކަށާއި، އިންސާނުންނަށާއި، ޖިންނިންނަށާއި، ގަސްގަހާގެއްސަށާއި ދިރުންހުރި އެއްޗެއްސަށާއި ދިރުން ނެތް އެއްޗެއްސަށް އަލިކަމާއި އަމާންކަމާއި އުފާވެރިކަން ލިބިގެން ދިޔައެވެ. މާޔޫސްކަން ނެތިގޮސް އުއްމީދުގެ އަލިކަން ލިބުނެވެ.
ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ޤުރައިޝުވަންހައިގެ ހާޝިމީ ދަރިކޮޅުގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު ފެށެނީ ސަލާމްލެއްވި އިބްރާހީމުގެފާނުންގެ ދަރިކަލުން ސަލާމުލެއްވި އިސްމާޢީލުގެފާނާ ހަމައިންނެވެ. ބައްޕާފުޅު ޢަބްދުﷲ ގެފާނަކީ، ހާޝިމުގެފާނުގެ ޢަބްދުލްމުއްޠަލިބުގެފާނުގެ ދަރިކަލެކެވެ. މައިކަމަނާއަކީ ޤުރައިޝުވަންހައިގެ ޒަހްރަތު ދަރިކޮޅުގެ ޢަބްދު މަނާފުގެ ވަހަބުގެ އާމިނަތުގެފާނެވެ.
ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގައި އުޅުއްވީ މީގެ ސާދަސަތޭކަ އަހަރު ކުރިންނެވެ. އިންސާނިއްޔަތަށް ނިޢުމަތެއްގެ ގޮތުގައި މާތްﷲ ދުނިޔެއަށް ފޮނުއްވި މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަތީ އެކަލޭގެފާނާ މާތްﷲ ޙަވާލުކުރެއްވި ރަސޫލުކަން ފުރިހަމަ ކުރައްވައި، އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާގެ ގޮތުގައި މީސްތަކުންނަށް އިސްލާމްދީން ފުރިހަމަކޮށްދެއްވުމަށްފަހުގައެވެ. އަދި މީސްތަކުންގެ ދެދުނިޔެ ބާއްޖަވެރިވާނެ މާތް ފޮތަކާއި އެކަލޭގެފާނުގެ ސުންނަތް ވަނީ އުންމަތަށް ހަދިޔާއެއްގެ ގޮތުގައި ދޫކުރައްވާފައެވެ.
މިއުންމަތުގެ ލޮބުވެތި ރަސޫލާގެ އިންސާނީ ވަންތަކަމާއި އަޚްލާޤީ މަތިވެރި ސިފަތަކަކީ އެއީ މުޅި އިސްލާމީ އުންމަތް ފާހަގަކުރަންޖެހޭ ކަމެކެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ރަނގަޅުކުރަންޖެހެއެވެ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ނަމޫނާ އިންސާނަކަށެވެ. އެކަލޭގެފާނު، އަހްލުންނާއި، އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާއެކު އެމީހުންގެ ބުރަތަކާއި ދަތިތައް ތަޙައްމުލުކުރެއްވުމުގައި އެއްބާރުލުން ދެއްވިއެވެ.
އެކަލޭގެފާނުގެ ގާތްތިމާގެ ބޭފުޅުންނާއެކު މުޞީބާތްތަކުގައި ހަމްދަރްދީވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެ ވަޑައިގެންނެވިއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުއްވެވިއެވެ. މެހެމާނުންނަށް ކަމޭ ހިއްތަވާ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތްތެވިއެވެ. ޣައިރު މުސްލިމުންނާ އެކުގައިވެސް ރިވެތި ގޮތުގައި މުޢާމަލާތު ކުރެއްވިއެވެ. ހުރިހާ ވަގުތެއްގައިވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ. ތެދުބަސް ވިދާޅުވެ، އަމާނަތްތައް އަދާކުރެއްވި، ނިކަމެތީންނަށް އަޅައިލެއްވި ބޭކަލަކަށެވެ.
ވެރިއެއްގެ ޙައިސިއްޔަތުން، އަޚްލާޤުގެ ޙައިސިއްޔަތުން، ދީނަށް ގޮވައިލެއްވި ރަސޫލުބޭކަލެއް ހައިސިއްޔަތުން، މުރައްބީއެއްގެ ހައިސިއްޔަތުން އެކަލޭގެފާނަކީ މަތިވެރި އިންސާނެކެވެ. މިއަދު ދުނިޔޭގެ އެންމެހައި މުސްލިމުން، އެޝަޚްސިއްޔަތެއްގެ ޢީދުމީލާދު ފާހަގަކުރަމުން އަންނަ ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލޭގެފާނު ޝަޚްސިއްޔަތާމެދު ހުރިހާ ދީނެއްގެ ހުރިހާ ނަސްލަކާއި ނަޞަބެއްގެ މީހުންގެ ހެޔޮބަސް ލިބިވަޑައިގެންފައިވާ ނަމޫނާ ބޭފުޅެކެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކަށް ތަޢުރީފް ލިބިވަޑައިގަތުން ނިމުމެއް ނާންނާނެއެވެ.
ކީރިތި ރަސޫލާ ދެއްކެވި ނަމޫނާއާއި އެކަލޭގެފާނު ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކާއި ޚުލްޤުފުޅާއި ޝަޚްސިއްޔަތާމެދު ޢިލްމުވެރިންނާއި ޙިކުމަތްތެރިން އެކި ޒަމާނުގައި ވަނީ މުހިންމު ވާހަކަތައް ދައްކާފައެވެ. މީގެތެރޭގައި މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނެއެވެ.
ކީރިތި ރަސޫލާގެ ސީރަތުން ޢިބްރަތް ހާޞިލްކޮށް އަޅުގަނޑުމެންގެ އިސްލާމީ އުއްމަތް މިއަދު މިއޮތް ޙާލަތުން ސަލާމަތްކޮށް އިސްލާމީ ރިވެތި ސިފަތަކުން މުޅި އުއްމަތް ޒީނަތްތެރިކުރުމަކީ ކޮންމެ މުސްލިމަކުވެސް އަޒުމު ކަނޑައަޅަންޖެހޭ ކަމެކެވެ.