ޚަބަރު

އިންޑިޔާގައި ތިބި ރޮހިންޔާ ރެފިއުޖީން ހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފި


އިންޑިޔާގެ އިރުއުތުރުގައި ހުންނަ ޑިޓެންޝަން މަރުކަޒެއްގައި ބަންދު ކޮށްފައި ތިބި މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން ހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފިއެވެ. އެ ޤައުމުގެ އިރުއުތުރު އަސަމް ސްޓޭޓްގެ މަޓިޔާ ޓްރާންސިޓު ކޭމްޕުގައި ރޮހިންޔާ ދަރިކޮޅުގެ 103 ރެފިއުޖީންނާއި, މިޔަންމާގެ ކްރިސްޓިޔަން ދީނުގެ ދަރިކޮޅަކަށް ނިސްބަަތްވާ 30 ރެފިއުޖީން ބަންދު ކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

މިޔަންމާގެ ރާހައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން 2017ވަނަ އަހަރު ފެށި ޤަތުލުޢާންމުން ސަލާމަތްވުމަށް މިލިޔަނަކަށް ވުރެ ގިނަ މީހުން ޤައުމު ދޫކޮށް ހިޖުރަ ކުރިއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ބަންގްލަދޭޝަށް ހިޖަރު ކޮށްފައިވާއިރު, މަދު ޢަދަދެއްގެ ބަޔަކު ވަނީ އިންޑިޔާއަށް ދަތުރު ކޮށްފައެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން އަޅާފައިވާ ލާއިންސާނީ ފިޔަވަޅުތަކާއި, މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް ނިގުޅައި ގަންނަމުން ދިޔުމާ ގުޅިގެން އެ މީހުންނަށް އަނބުރާ ޤައުމަށް ދެވޭނެ އެއްވެސް ފުރުޞަތެއް ނެތެވެެ.

އިންޑިޔާގެ މަޓިޔާ ޓްރާންސިޓު ކޭމްޕުގައި ތިބި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންގެ ތެރެއިން ގިނަ މީހުންނަކީ, ރެފިއުޖީންނާ ބެހޭ އދގެ ހައި ކޮމިޝަނަރުގެ އޮފީސް (ޔޫއެންއެޗްސީއާރު)ން ރެފިއުޖީންގެ ދަރަޖަ ދީފައިވާ މީހުންނެވެ. މަޓިޔާ ޓްރާންސިޓު ކޭމްޕަކީ އިންޑިޔާއަށް ހިޖުރަ ކުރާ މީހުން ބައިތިއްބަން ހަދާފައިވާ އެންމެ ބޮޑު މަރުކަޒެވެ. ޔޫއެންއެޗްސީއާރުން ރެފިއުޖީ ކާޑު ދޫކުރުމުން, ވަކި މުއްދަތަކަށް ފަހު އެ މީހުން ޑިޓެންޝަން މަރުކަޒުން ދޫކޮށްލަން ޖެހުނު ނަމަވެސް, އިންޑިޔާގެ ސަރުކާރުން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ.

"ގިނަ މީހުންނަކީ [އެ ތަނުގައި ތިބެން ޖެހޭ] މުއްދަތު ހަމަވެފައިވާ ބަޔެއް ނަމަވެސް, އެ މީހުން އަދިވެސް ތިބީ ތާށިވެފައި. އެއީ ކުށްވެރިންނެއް ނޫން. އެއީ, އަނިޔާވެރި ކަމުން ސަލާމަތް ވާން މަސައްކަތް ކުރާ ބަޔެއް،" މަޓިޔާ ޓްރާންސިޓު ކޭމްޕުގައި ތިބި ރެފިއުޖީންގެ ހާލަތު އިނގޭ މީހަކު ބުންޏެވެ. އެއީ, ޖަލެއް ގޮތަށް ފަރުމާ ކޮށްފައިވާ ތަނެއް ކަމަށާއި, އެ ތަނުގައި ތިބި މީހުންގެ ޢާއިލާގެ މެންބަރުންނަށް އެ މީހުންނަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ނުދޭ ކަމަށް ވެސް އެ މީހާ ބުންޏެވެ. "އެ މީހުން ބޭނުން ވަނީ މިނިވަން ކަން ހޯދައި, ހަމަޖެހޭ ދިރިއުޅުމެއް ފަށަން،" އޭނާ ބުންޏެވެ.

މަޓިޔާ ޓްރާންސިޓު ކޭމްޕުގައި ތިބި ރެފިއުޖީން ހައިހޫނު ކަމުގެ ހަޅުތާލެއް ފަށާފައި ވަނީ, އަސަމްގެ ސަރުކާރުން އެ މީހުން މިނިވަން ކުރަން ދެކޮޅު ހަދަމުންދާތީއެވެ. އަދި, އެ މަރުކަޒުގެ ހާލަތު އިންސާނީ މިންގަނޑުތަކަށް ނުފެތޭތީއެވެ. ޔޫއެންއެޗްސީއާރްގެ ބެލުމުގެ ދަށުން އެހެން ޤައުމަކަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ކަމަށް ބުނެ އެ މަރުކަޒުގައި ތިބި ރެފިއުޖީން ވަނީ އަސަމްގެ ސަރުކާރަށް ސިޓީ ފޮނުވާފައެވެ.

އަސަމްގެ ސަރުކާރުން ބުނީ މަޓިޔާ ޓްރާންސިޓު ކޭމްޕުގައި ތިބި ރެފިއުޖީންގެ ހާލަތު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. "އެ މީހުން ޑިމާންޑު ކުރަމުން ދަނީ މިނިވަން ކުރުމަށް،" އަސަމްގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމުގައިވާ ރަވީ ކޯޓާ ވިދާޅުވިއެވެ. އެ މަރުކަޒުގެ ހާލަތު ބެލުމަށް އިންޑިޔާގެ ޖަލުތަކާ ބެހޭ އިދާރާއާއި ދާޚިލީ ވުޒާރާގެ އޮފިޝަލުންގެ ޓީމެއް އެ ތަނަށް ޒިޔާރަތް ކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އެ ކޭމްޕުގައި [ރޮހިންޔާ] ރެފިއުޖީން ބަންދު ކޮށްފައި ވަނީ އެކި ކޯޓުތަކުގެ އަމުރުތަކުގެ ދަށުން. އެ މީހުން ބަންދު ކޮށްފައި ވަނީ ކޮން ދަޢުވާތަކަކާ ގުޅިގެންތޯ ދެނެގަތުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. އަދި, އެ މީހުންގެ [ރެފިއުޖީ] ޙާލަތު ދެނެގަންނަން މަސައްކަތް ކުރަމުން،" ކޯޓާ ވިދާޅުވިއެވެ.

އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާ ރެފިއުޖީން ބައިތިއްބާ މަރުކަޒުތަކުގައި ބަންދު ކޮށްފައި ތިބި މީހުންގެ ޢަދަދު 676އަށް އަރާ ކަމުގައި ޔޫއެންއެޗްސީއާރުން ބުންޏެވެ. އޭގެ ތެރެއިން 608 މީހަކާ ދެކޮޅަށް އިންޑިޔާ ސަރުކާރުން އެކި ދަޢުވާތައް އުފުލާފައިވާ ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ.

"ޔޫއެންއެޗްސީއާރުން ޤަބޫލު ކުރާ ގޮތުގައި, ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މިންގަނޑުތަކުގެ ދަށުން ބޭރު ޤައުމެއްގެ ޙިމާޔަތަށް އެދޭ ރެފިއުޖީން މަރުކަޒެއްގައި ބަންދު ކޮށްފައި ބައިތިއްބަން ޖެހޭނީ އިތުރު ގޮތެއް ނެތުމުން،" އެ އިދާރާއިން ނެރުނު ބަޔާނެއްގައި ހާމަކުރިއެވެ. އަދި, މަޓިޔާ ޓްރާންސިޓު ކޭމްޕުގައި ބަންދު ކޮށްފައި ތިބި ރެފިއުޖީންގެ މައްސަލަތައް ހައްލު ކޮށްދޭން ނިއު ދެއްލީގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ.

ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން އިންޑިޔާގެ ޑިޓެންޝަން މަރުކަޒުތަކުގައި ބަންދު ކޮށްފައިވާ މައްސަލައިގައި އެ މީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ރޮހިންޔާ ހިޔުމަން ރައިޓްސް އިނީޝިއެޓިވް (އާރް4އާރު)ން ވަނީ ކުށްވެރި ކޮށްފައެވެ. އެ ޖަމުޢިއްޔާއިން ބުނީ, ރާހައިން ސްޓޭޓްގެ ރައްޔިތުން ބޭރު ޤައުމުތަކަށް ހިޖުރަ ކޮށްފައި ވަނީ މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލުޢާންމާއި އަނިޔާވެރި ކަމުން ސަލާމަތްވާން ކަމުގައެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން, ޤަތުލުއާންމާއި އަނިޔާވެރި ކަމުން ސަލާމަތް ވާން ހިޖުރަކޮށް ޙިމާޔަތަށް އެދުމުން, އެ މީހުން ވަނީ ބަންދު ކޮށްފައި،" އާރް4އާރްގެ ވެރިޔާ ބުންޏެވެ. އިންޑިޔާ ސަރުކާރުގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ޖަމުޢިއްޔާތަކުގެ ތެރޭގައި ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ އިނގިރޭސިވިލާތުގެ ޖަމުޢިއްޔާއެއް ވެސް ހިމެނެއެވެ. ބަރމީސް ރޮހިންޔާ އޮގަނައިޒޭޝަން ޔޫކޭން ބުނީ, ރޮހިންޔާ ރެފިއުޖީން މިނިވަން ކުރަން ނިއު ދެއްލީގެ ސަރުކާރުން ދެކޮޅު ހެދުމަކީ އެ މީހުންނަށް ދެވޭ ބޮޑު އަނިިޔާއެއް އަދި ވެވޭ ބޮޑު ބޭއިންސާފެއް ކަމުގައެވެ.