ޚަބަރު

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް އީރާނުގެ 8,000އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްފި


ދެ އަހަރާއި 6 މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ޝަހްދު މަރުކާގެ 8,060އަށްވުރެ ގިނަ އަސްކަރީ ޑްރޯން ބޭނުން ކޮށްފައިވާ ކަން ޔޫކްރެއިނުން ހާމަ ކޮށްފިއެވެ. ޝަހްދު މަރުކާގެ އަސްކަރީ ޑްރޯނަކީ އީރާނުން އުފައްދާ ހަތިޔާރެކެވެ. ޔޫކްރެއިންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރަމުންދާ ނުރައްކާތެރި ޑްރޯންތައް އީރާނުން ރަޝިޔާއަށް ފޯރު ކޮށްދެމުންދާތީ ޔޫކްރެއިނުން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.

"ރަޝިޔާއާއި އީރާނާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ޔޫކްރެއިންގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ގެދޮރު ގެއްލި, ގިނަ ޢަދަދެއްގެ ފުރާނަތައް ވަނީ ގެއްލިފައި،" އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އީރާނުގައި އުފައްދާ ޝަހްދު މަރުކާގެ އަސްކަރީ ޑްރޯންތައް އެ ޤައުމުން ރަޝިޔާއަށް ވިއްކަމުންދާ ކަމަށް ޔޫކްރެއިނުން ފުރަތަމަ ތުހުމަތު ކޮށްފައި ވަނީ 2022ވަނަ އަހަރުގެ ޚަރީފު މޫސުމުގައެވެ. ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގައި އެ މަރުކާގެ ގިނަ ޢަދަދެއްގެ ޑްރޯންތައް ބޭނުން ކުރަން ފަށާފައިވާ ކަން ވެސް ޔޫކްރެއިނުން އެއިރު ތުހުމަތު ކުރިއެވެ.

ނަމަވެސް, އީރާނުގެ އިތުރުން ރަޝިޔާއިން ވެސް ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. އީރާނުން ބުނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިޔާއަށް ހަތިޔާރު ވިއްކާފައި ނުވާނެ ކަމުގައެވެ. އަދި, ރަޝިޔާއިން ބޭނުން ކުރަމުން ގޮސްފައި ވަނީ ހަނގުރާމަ ފެށުމުގެ ކުރިން ފޯރު ކޮށްދީފައިވާ ހަތިޔާރުތަކެއް ކަމުގައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އީރާނުން ވަކި ފަޅިއަކަށް ތާޢީދު ނުކުރާނެ ކަމަށާއި, ހަނގުރާމައިގައި ބޭނުން ކުރުމަށް ހަތިޔާރު ފޯރުކޮށް ނުދޭނެ ކަމުގައި ވެސް އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ނޫހެއް ކަމުގައި ވޯލް ސްޓްރީޓް ޖަރނަލުން މޭ މަހު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ, ރަޝިޔާގެ ތަތަރްސްތާނުގައި ހުންނަ ހަތިޔާރު އުފައްދާ ކާރުޚާނާއެއްގައި އީރާނުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ރަޝިޔާއިން ޝަހްދު މަރުކާގެ އަސްކަރީ ޑްރޯންތައް އުފައްދަމުންދާ ކަމުގައެވެ. ޔޫކްރެއިންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ޝަހްދު މަރުކާގެ ޑްރޯންތައް ބޭނުން ކުރަމުންދާ ކަމުގެ ހެކިތައް ޔޫކްރެއިނުން ހާމަ ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅުވައި އެމެރިކާއިން މިހާރު ދަނީ އީރާނުގެ ކޮނޑުގައި އިތުރު ތުހުމަތުތައް އަޅުވަން މަސައްކަތް ކުރަމުންނެވެ. އީރާނުގައި އުފައްދާ ފަތުޙު-360 މަރުކާގެ ބެލިސްޓިކް މިސައިލް ރަޝިޔާއަށް ވިއްކަން ފަށާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ސެޕްޓެންބަރު 10ވަނަ ދުވަހު ތުހުމަތު ކުރެއްވިއެވެ. އީރާނުގެ އިތުރުން ރަޝިޔާއިން ވެސް ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ, އީރާނުން ރަޝިޔާއަށް ހަތިޔާރު ފޯރު ކޮށްދެމުންދާ ކަމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރަމުން ދަނީ އެއްވެސް އަސާސެއް ނެތް ޖާސޫސީ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމުގައެވެ. "އަނެއްކާ ވެސް, އެމެރިކާއާއި އީ3 (ވިލާތުގެ އިއްތިހާދުގެ ތިން ބާރު)ން އެ ދަނީ އެއްވެސް އަސާސެއް ނެތް ޖާސޫސީ މަޢުލޫމާތުތުތަކަށް ބާރޯސާވެ, ގޯސް ވިސްނުމަކުން ވިސްނަމުން. އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ވިއްކާފައެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދެމުންދާ ކަމަށް ތުހުމަތުކޮށް އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ތިން ބާރުގެ ގޮތުގައި ބެލެވޭ އިނގިރޭސިވިލާތާއި, ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުން ވަނީ އެ ދެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. ފިޔަވަޅު އަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި އީރާނުގެ ޤައުމީ އެއަރލައިން, އީރާން އެއަރގެ އިތުރުން އީރާނާއި ރަޝިޔާގެ ޝިޕިންގ ކުންފުނިތައް ހިމެނެއެވެ. ނެދަރލެންޑްސުން ވެސް ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ބާރު އަޅާފައެވެ.

އީރާނުގައި އުފައްދާ ފަތުޙު-360 މަރުކާގެ ކުރު-ރާސްތާ ބެލިސްޓިކް މިސައިލް ބޭނުން ކުރުމުގެ ތަމްރީނުތައް ރަޝިޔާގެ ސިފައިން އީރާނުގައި ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް ހުޅަނގުން ތުހުމަތު ކުރެއެވެ. އެއީ, 75 ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރެވޭނެ ހަތިޔާރެކެވެ. ފަތުޙު-360ގެ އިތުރުން އެހެން މަރުކާއެއްގެ ބެލިސްޓިކް މިސައިލްތަކެއް ގަތުމަށް ރަޝިޔާއިން ހުސްވި އަހަރުގެ ޑިސެންބަރު މަހު އީރާނާ އެކު އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

އެ ތުހުމަތުތަކާ އެކު ޔޫކްރެއިނާއި އީރާނާ ދެމެދު އޮތް ގުޅުމަށް ވެސް ވަނީ ހީނަރުކަން ކުރިމަތިވެފައެވެ. ޔޫކްރެއިނުން ބުނީ, އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޯރު ކޮށްދޭން ފަށައިފިނަމަ, އީރާނާ އެކު އޮތް ދަމަހައްޓަމުންދާ ސިޔާސީ ގުޅުންތައް ކަނޑައިލާނެ ކަމުގައެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ 24ގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިޔާއާއި އީރާނާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރަމުން ގޮސްފައިވާ ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިނުން ބުނީ ދެ ޤައުމުގެ ދެމެދުގައި ބަދަހިކުރަމުންދާ ގުޅުންތައް ބިނާވެފައި އޮތީ އަސްކަރީ ގުޅުމުގެ މައްޗަށް އެކަނި ނޫން ކަމުގައެވެ. އަދި, އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހި ކުރަމުންދާ ކަމުގައެވެ.