ޚަބަރު

ޓްރަމްޕްގެ މައްޗަށް އޮތް ތާޢީދު ހެރިސް ފުޅާ ކުރައްވަނީ


ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ނައިބު ރައީސާ ކަމަލާ ހެރިސް, އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކުރި ހޯއްދަވާ މަންޒަރު ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަން ފަށައިފިއެވެ. ދެ ކެނޑިޑޭޓުންގެ މެދުގައި ދާދި ފަހުން ބޭއްވި ރިޔާސީ ބަހުސަށް ފަހު, ހެރިސަށް އޮތް ތާޢީދު އިތުރުވެފައިވާ ކަން ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެނެއެވެ.

ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ދާދި ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ ތެރެއިން 47 އިންސައްތަ މީހުން ހެރިސަށް ތާޢީދު ކުރާ ކަން ހާމަ ކޮށްފައިވާއިރު, ޓްރަމްޕަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ އޭގެ ތެރެއިން 42 އިންސައްތަ މީހުންނެވެ. ބަހުސްގެ ކުރިން ނަގާފައިވާ އެ ފަދަ ވޯޓުތަކުގެ ނަތީޖާތަކާ އަޅައިބަލާއިރު, ހެރިސަށް އޮތް ތާޢީދު ދަނީ އިތުރުވަމުންނެވެ.

ބަހުސްގައި ކުރި ހޯއްދަވާފައި ވަނީ ކޮން ކެނޑިޑޭޓެއްތޯ ސުވާލު ކުރުމުން ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 53 އިންސައްތަ މީހުން ބުނީ, އެއީ ހެރިސް ކަމުގައެވެ. ބަހުސްގައި ކުރި ލިބިވަޑައިގަތީ ޓްރަމްޕަށް ކަމަށް ޤަބޫލު ކުރަނީ އޭގެ ތެރެއިން 24 އިންސައްތަ މީހުންނެވެ. އަދި, ބާކީ ތިބި މީހުން ބުނީ އެއްވެސް ކެނޑިޑޭޓަކަށް ކުރި ހޯއްދެވިފައިވާ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. ވޯޓުގައި ބައިވެރިވި ރިޕަބްލިކަން ޕާޓީގެ ކޮންމެ ފަސް މެންބަރެއްގެ ތެރެއިން އެކަކު ބުނީ ޓްރަމްޕް ފެނިގެން ގޮސްފައިވަނީ ވަރަށް "ކޮށި"ކޮށް ކަމުގައެވެ. އަދި, ވޯޓުގައި ބައިވެރިވި ޖުމުލަ މީހުންގެ ތެރެއިން 52 އިންސައްތަ މީހުން މި ކަމާ އެއްބަސްވެއެވެ.

ބަހުސުން ފެނިގެން ދިޔައީ, 59 އަހަރުގެ ހެރިސް, 78 އަހަރުގެ ޓްރަމްޕް ދިފާޢަށް ވައްޓައިލެއްވި މަންޒަރެވެ. ޓްރަމްޕަކީ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ, ހެރިސް ވަނީ ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ ގިނަ ޖިނާޢީ ދަޢުވާތަކަށް އިޝާރާތް ކުރައްވާފައެވެ. އަދި, ޓްރަމްޕަކީ ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވައިލައްވައި މަކަރު ހެއްދެވުމުގެ ދަޢުވާ ސާބިތުވެފައިވާ ކުށްވެރިއެއްގެ ގޮތުގައި ހެރިސް ސިފަ ކުރެއްވިއެވެ.

ޚިޔާލު ހޯދުމުގެ ވޯޓުގައި ސުވާލު ކުރި މީހުންގެ ތެރެއިން 52 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި ހެރިސަކީ ޓްރަމްޕަށް ވުރެ ނަޒާހާތްތެރި ބޭފުޅެކެވެ. ނަމަވެސް, ވޯޓުގައި ބައިވެރިވި ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރެއިން 53 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި ބަހުސްގައި ކުރި ހޯއްދެވީ ޓްރަމްޕެވެ. ބަހުސްގައި ކާމިޔާބީ ލިބިވަޑައިގެންނެވީ ހެެރިސަށް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން 91 އިންސައްތަ މީހުން ޤަބޫލު ކުރާއިރު, އޭގެ ތެރެއިން 14 އިންސައްތަ މީހުން ބުނީ ބަހުސްގައި ހެރިސް ޓްރަމްޕް ލަދުގަންނަވައި ލައްވާފައިވާ ކަމުގައެވެ.

އޭބީސީ ނިއުސުން އިންތިޒާމު ކޮށްގެން ބާއްވާފައިވާ ބަހުސް ބެލި މީހުންގެ ޢަދަދު 67.1 މިލިޔަނަށް އަރާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޓްރަމްޕާއި ރައީސް ޖޯ ބައިޑަނާ ދެމެދު ޖޫން މަހު ބޭއްވި ރިޔާސީ ބަހުސް ވަގުތުން ބަލާފައި ވަނީ 51 މިލިޔަން މީހުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ހެރިސަށް އަރުވާފައި ވަނީ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގެންނެވުމުންނެވެ.

ރިޔާސީ ރޭހުން ބައިޑަން ވަކިވެވަޑައިގަންނަވައި ހެރިސަށް ޓިކެޓު އަރުވާފައި ވަނީ, އެ ބަހުސަށް ފަހު ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެންނެވެ. އޭނާގެ ޑިމޮކްރެޓިކް ޕާޓީގެ އިސް ވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ, ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެވޭ ވަރަށްވުރެ 81 އަހަރުގެ ބައިޑަންގެ އުމުރު ދޮށި ވެފައިވާ ކަމަށް ބުނެފައެވެ. ޓްރަމްޕް ވެސް ވަނީ ބައިޑަންގެ އުމުރާ ގުޅުވައި އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަމަވެސް, ހާލަތު ބަދަލުވެ, ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ކުރައްވާ އުމުރުން ދޮށި ކެނޑިޑޭޓަކީ މިހާރު ޓްރަމްޕެވެ.

ރޮއިޓަރސް އަދި އިޕްސޮސުން އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 52 އިންސައްތަ މީހުން ބުނީ, ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ވަރަށްވުރެ ޓްރަމްޕްގެ އުމުރު ވެސް ދޮށި ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. މި މޭރުމުން ހެރިސާ މެދު ދެކެނީ އޭގެ ތެރެއިން ހަތެއް އިންސައްތަ މީހުންނެވެ.

ޚިޔާލު ހޯދުމުގެ ވޯޓުގައި އެމެރިކާގެ އެކި ކަންކޮޅުތަކުން 1,690 މީހުން ބައިވެރިވެފައިވާއިރު, އޭގެ ތެރޭގައި ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ 1,405 މީހުން ހިމެނެއެވެ. ނޮވެންބަރު 5ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ނަތީޖާ ނިމިގެން ގޮސްދާނެ ގޮތުގެ މަންޒަރު މި ފަަދަ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެނިގެންދާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރި ނަމަވެސް, އެމެރިކާގެ އިންތިޚާބީ ނިޒާމު ބައްޓަން ކޮށްފައި އޮތް ގޮތުން އިންތިޚާބުގައި ކާމިޔާބީ ލިބޭ ކެނޑިޑޭޓެއް ކަނޑައަޅާނީ އިލެންޓޯރަލް ކޮލެޖުންނެވެ.