އާބާދީއާގުޅޭ ކަންކަމުގައި މާލީ އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ފަންޑް ފޯ ޕޮޕިޔުލޭޝަން އެކްޓިވިޓީސް، ޔޫއެންއެފްޕީއޭއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް، އިންޑޮނޭޝިޔާއަށް މިމަހުގެ 11 އިން 13އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޢައިޝަތު ޝިހާމް ވަނީ ޔޫއެންއެފްޕީއޭގެ އޭޝިޔާ ސްޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޕިއޯ ސްމިތުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ގުޅުންހުރި ކަންކަމުގައި ޔޫއެންއެފްޕީއޭއިން މިހާރުވެސް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ވަޒީރު ޢައިޝަތު ޝިހާމް ޝުކުރުއަދާކުރެއްވިއެވެ.
ވަޒީރު އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑޮނޭޝިޔާގެ ބާލީގައި ކުރިއަށްދިޔަ "ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން"ގެ ރީ-ފްރޭމިން އޭޖިން ހައި ލެވެލް ޕެނަލް ޑިސްކަޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރީ-ފްރޭމިން އޭޖިން ހައި ލެވެލް ޕެނަލް ޑިސްކަޝަން ބައިވެރިވެވަޑައިގެން، ވަޒީރު ވަނީ ވާހަކަފުޅުދައްކަވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި މި ބަދަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށްކުރާނެ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިންގައި އެކި ޤައުމުތަކުގެ 400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.
އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަޒީރު ޢައިޝަތު ޝިހާމް ވަނީ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދި ޕެސިފިކް، އެސްކޭޕްގެ ސެކެޓްރީއާވެސް ބައްދަލުކުރައްވައިފާވެއެވެ. މި ބައްދަލުވުމުގައި އެސްކޭޕްއާއެކު ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ އިންޑޮނޭޝިޔާގައި ހުންނަ އިސްރަށްވެހިންނަށް ޚާއްސަ ކެއަރ ސެންޓަރެއްކަމަށްވާ އެލްއެލްޓީ ޖިރަންގް މެލިންޒީއަށް ޒިޔާރަތްކުރައްވައި، އެތަނުގައި ހިނގާ ހަރަކާތްތައް ބައްލަވާލައްވާފައެވެ.