އުރުދުންގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނައިގެ އަރިސް ބޭފުޅެއް ކަމުގައިވާ ޖަޢުފަރު ޙަސަން ޢައްޔަން ކުރައްވައިފިއެވެ. ބޮޑުވަޒީރު ކަމުގެ މަޤާމަށް އުރުދުންގެ ޝާހީ ގަނޑުވަރުގެ އިސް މުޝީރެއްގެ ގޮތުގައި ހުންނެވި ޙަސަން ޢައްޔަން ކުރައްވާފައި ވަނީ އެ ޤައުމުގެ ސަރުކާރު އިސްތިޢުފާ ދިނުމާ ގުޅިގެންނެވެ. އުރުދުންގެ ޝާހީ ގަނޑުވަރުން ބުނީ ސަރުކާރު އިސްތިޢުފާ ދީފައި ވަނީ, ހުސްވި ހަފުތާގައި ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅުން ކާމިޔާބީތަކެއް ހޯދުމާ ގުޅިގެން ކަމުގައެވެ.
ޙަސަންގެ ކުރިން ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާފައި ވަނީ ބަޝަރު ޚަޞަވްނާއެވެ. ޝާހީ ގަނޑުވަރުގައި އިސް މުޝީރެއްގެ މަޤާމު ފުރުއްވާފައިވާ ޚާރިޖީ ދާއިރާގެ މާހިރެއް ކަމުގައިވާ ޚަޞަވްނާ އެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. ޚަޞަވްނާގެ ބަދަލުގައި ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ޙަސަނަކީ ކުރިން ޕްލޭނިންގ ދާއިރާގެ ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އުރުދުންގެ ޝާހީ ގަނޑުވަރުން ބުނީ, ޙަސަންގެ އައު ސަރުކާރު އެކުލަވައިލެވެންދެން ޚަޞަވްނާ ވަގުތީ ގޮތުން ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތުތައް ފުރުއްވާނެ ކަމުގައެވެ.
އެމެރިކާގެ ހާވަރޑް ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ޙަސަނަށް ބޮޑުވަޒީރު ކަމުގެ މަޤާމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އޭގެ ތެރޭގައި, ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އުރުދުންގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި, އިންވެސްޓްމެންޓުތައް މަދުވުމުގެ އިތުރުން ފަތުރުވެރިކަން ދަށަށް ދިޔުން ހިމެނެއެވެ.
އަވައްޓެރި ޢިރާޤާއި ސޫރިޔާގެ ދާޚިލީ ހަމަނުޖެހުންތަކުގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ވެސް އުރުދުންގެ އިޤުތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވިއެވެ. އަދި, އެ ޤައުމުގެ އިޤުތިޞާދީ ދުވެލި ވަނީ 2 އިންސައްތައަށް ވެއްޓިފައެވެ. ޙަސަނަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އިތުރު ގޮންޖެހުންތަކުގެ ތެރޭގައި 50 ބިލިޔަން އެމެރިކާ ޑޮލަރަށް އުފުލިފައިވާ ދަރަނި ދަށްކޮށް, އިންތިހާއަށް އުފުލިފައިވާ ވަޒީފާ ނެތް މީހުންގެ ޢަދަދަށް ހައްލުތަކެއް ހޯއްދެމުން ހިމެނެއެވެ. މި ވަގުތު އުރުދުންގެ އިޤުތިޞާދު ހަމަ މަގުގައި ހިފަހައްޓަމުން ދަނީ ހުޅަނގުން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަމާ އެކުގައެވެ.
އުރުދުންގައި ދާދިފަހުން ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި, މުސްލިމް ބްރަދަރހުޑާއި އިސްލާމީ ޝަރީޢަތަށް ތާޢީދު ކުރާ އިދިކޮޅު ސިޔާސީ ޕާޓީން ވަނީ 31 ގޮނޑި ކާމިޔާބު ކޮށްފައެވެ. މިއީ, 1989ވަނަ އަހަރު އުރުދުންގައި ޤާނޫނު ހަދާ މަޖިލިސް އަލުން އެކުލަވައިލި ފަހުން އިދިކޮޅުން މިހާ ގިނަ ޢަދަދެއްގެ ގޮނޑި ކާމިޔާބު ކޮށްފައިވާ ފުރަތަމަ ފަހަރެވެ. މި ވަގުތު މަޖިލީހުގައި އެންމެ ގިނަ ގޮނޑީގެ އަޣުލަބިއްޔަތު އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ ވެސް އެއީއެވެ. ނަމަވެސް, މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އަދިވެސް އޮތީ ސަރުކާރަށް ތާޢީދު ކުރާ މެންބަރުންގެ އަތުގައެވެ.
އުރުދުންގެ އިދިކޮޅު ޕާޓީއަށް ތާޢީދު ބޮޑުވެފައި ވަނީ ޣައްޒާ ޢުދުވާނާ ގުޅިގެން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަކީ ވެސް މުސްލިމް ބްރަދަރހުޑްގެ ގޮތްޕެކެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން އުރުދުންގެ ޢާންމު ރައްޔިތުންގެ ހިތްތަކުގައި ޔަހޫދީންނާ މެދު އޮތް ނަފުރަތު އެތަކެއް ގުނައަކަށް އިތުރުވެފައިވާއިރު, ޔަހޫދީންނާއި ޣައްޒާ ޢުދުވާނާ ދެކޮޅަށް އަޑު އުފުލަން އެ ޤައުމުގައި ބޮޑެތި އެއްވުންތަކެއް ބާއްވަމުންދާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެެއެވެ.
އުރުދުންގެ ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން, އެ ޤައުމުގެ އަދި ދަޢުލަތުގެ އެންމެ މަތީ ވެރިއަކީ ރަސްގެފާނެވެ. އަދި, ސަރުކާރު އެކުލަވައިލެއްވުމާއި, ޤާނޫނު ހަދާ މަޖިލިސް އުވައިލެއްވުމުގެ ބާރު ވެސް ރަސްގެފާނަށް ލިބިވަޑައިގަންނަވައެވެ. ނަމަވެސް, އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި, ސަރުކާރު ވައްޓައިލުމުގެ ބާރު ޤާނޫނު ހަދާ މަޖިލީހަށް ލިބިދީފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އިދިކޮޅު ޕާޓީއަށް ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ލިބުނު ކާމިޔާބީއާ އެކު, އިޤުތިޞާދީ އިސްލާޙުތަކާއި, ޚާރިޖީ ސިޔާސަތުގެ އިތުރުން ޚާރިޖިއްޔާގެ ނިންމުންތަކަށް ބާރު ފޯރުވުމުގެ ފުރުޞަތު އިދިކޮޅު ޕާޓީއަށް ލިބިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.