ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގަސް އިންދުން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އޯޒޯން ދުވަހާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި ރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރަންޖެހޭކަމަށެވެ. އަދި ގަސް އިންދުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތް ވުމަށް ޚަރަދުކުޑަ، ޔަޤީންކަން ބޮޑު ހައްލެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
— Dr Mohamed Muizzu (@MMuizzu) September 16, 2024
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގަސް އިންދުން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، މި ދައުރުގައި 5 މިލިއަން ގަސް އިންދުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެކެވެ. އަދި އެ ވައުދާއި އެއްގޮތަށްް 5 މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ސަރުކާރުން ފެއްޓެވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިދިޔަ ޖޫންމަހުއެވެ.
ގަސް އިންދުމުގެ ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، މި ޕްރޮގްރާމްގެދަށުން އިންދުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަށް ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސަރުކާރުން ވަނީ ގޮވާލައްވާފައެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުންވެސް ގަސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.