ޚަބަރު

ގދ. މަޑަވެލީ ޕޮލިސް ޕޯސްޓުގެ ޚިދުމަތް ފަށްޓަވައިފި


ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީގައި ފުލުހުންގެ ޚިދުމަތް ތިބޭނެ ގޮތް ހަމަޖައްސައި މަޑަވެލީ ޕޮލިސް ޕޯސްޓްގެ މަސައްކަތް ފަށްޓަވައިފިއެވެ.

މަޑަވެލީ ޕޮލިސްޕޯސްޓްގެ މަސައްކަތް ފައްޓަވައި ދެއްވީ ސަދަން އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުއެވެ.

މަޑަވެލީ ޕޮލިސް ޕޯސްޓުގެ މަސައްކަތް ފައްޓަވައި ދެއްވުމަށްފަހު އެތަނުގައި މަސައްކަތް ކުރައްވާ ފުލުހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި ޖިނާޢީ ކުށްތައް ކުރުން ހުއްޓުވަން މަސައްކަތް ކޮށްދެއްވުމަށް ފުލުހުންގެ ކިބައިން ދެ ބޭފުޅުންވެސް އެދި ވަޑައިގަތެވެ. 

ރާއްޖޭގެ ގިނަ ރަށްތަކެއްްގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކޮށް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުން ރާއްޖޭގެ 79 ރަށުގައި ޕޮލިސް ސްްޓޭޝަން ހުޅުވައި އެރަށްރަށުގައި ފުލުހުްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. އަދި އިތުރު ރަށްރަށުގައިވެސް ފުލުހުންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.