މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދިވެހިރާއްޖޭން އަޅާ ފިޔަވަޅުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ސޮއިކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އަޕް ކްލޯޒް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ އެކުއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއެއްބަސްވުމުގެ ބޭނުމަކީ ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތަކުގެ ހާމަކަން އިތުރުކޮށް، އެކަންކަން ބެލެހެއްޓުން ހަރުދަނާކުރުން ކަމަށެވެ. އަދި މިއާއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން އަޅާ ފިޔަވަޅުތައް ބައިނަލްއަޤުވާމީ މުޖުތަމަޢުތަކަށް ރިޕޯޓުކުރާ މިންވަރު އިތުރުވާނެކަމަށްވެސް ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށާއި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިންކުރާ މަސައްކަތްތައް ހިމެނޭ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން، އެންޑީސީ ތަންފީޒުކުރާ މިންވަރު ދެނެގަތުމަށާއި މިކަމާގުޅޭ މާލީ ކަންކަން ރިޕޯޓުކުރުމުގައި ކޮންސަލްޓަންސީ ޚިދުމަތް އަޕް ކްލޯޒް ސޮލިއުޝަންސްއިން ފޯރުކޮށްދޭނެއެވެ. މިއެއްބަސްވުމުގެ ދަށުންކުރާ މަސައްކަތްތަކަށް ފަންޑު ކޮށްދެނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ، ޖީއީއެފްއިންނެވެ.
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް، އަޅާ ފިޔަވަޅުތަކުގެ ބެލެހެއްޓުން ހަރުދަނާކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގައި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްޠަފާއެވެ. އަޕް ކްލޯޒް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ހައިކަލް އިބްރާހިމެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތައް ބޮޑު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެހެންކަމުން މޫސުމީ ބަދަލުތަކަށް ވިލުންތެރިވެ، މޫސުމީ ބަދަލުތައް މެދުވެރިވާ ސަބަބުތައް ކުޑަ ކުރުމަށް ސަރުކާރުންގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.
ރައީސްގެ މި ވަޢުދުފުޅާ އެއްގޮތަށް ގޭބިސީތަކުގައި 3 ކިލޯވޮޓާއި 5 ކިލޯވޮޓާ ދެމެދުގެ ޢަދަދަކަށް ސޯލަރ ހަރުކުރުމަށް "މަގޭ ސޯލާ" ގެ ނަމުގައި މަޝްރޫޢެއް ސަރުކާރުންވަނީ ފައްޓަވާފައެވެ.