ރާއްޖޭގައި މުޅިން އަލަށް ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް މާދަމާ ފަށާނެއެވެ. ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.
ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން މިހާރު ވަނީ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ. އެސްޓީއޯއިން ވިދާޅުވީ، ބަންކަރިން ޚިދުމަތަށް މިހާރުވެސް ބުކިން ލިބެމުންދާކަމަށެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން މިހާރު ވަނީ 2 ބޯޓުވެސް ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ.
އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭނީ ޤައުމީ ޝިޕިންގް ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއާރ"އަށެވެ. އަދި މިއީ މި އުޅަނދަށް ޝެޑިއުލްކުރެވި ދެވޭ ޚިދުމަތެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ. މީގެ ކުރިން ބަންކަރިން ހޯދުމަށް މި އުޅަނދު ދަތުރުކުރަނީ، އަވަށްޓެރި ލަންކާއަށެވެ. އެއީ ރާއްޖެއިން "ލޯ ސަލްފާ ފިއުލް" ލިބެން ނެތުމުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ބަންކަރިން ޚިދުމަތް ފެށުމަކީ ސަރުކާރުގެ މުހިންމު ޢިޤްތިޞާދީ ސިޔާސަތެކެވެ. ރާއްޖެ ސަރަހައްދަކީ ދުވާލެއްގެ މައްޗަށް އެތައް ބޯޓެއް ދަތުރުކުރާ ސަރަހައްދެކެވެ. މިސަރަހައްދުގައި ބަންކަރިން ޚިދުމަތް ދެނީ އަވަށްޓެރި ލަންކާ، އާއި އިންޑިއާއިންނެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.
ބަންކަރިންއާ ގުޅިފައިވާ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ޤާއިމްކުރާ އުތުރު މެރިޓައިމް ސަރވިސަސް މިރޭ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މިތަން ހުޅުވަނީ ހއ.އުލިގަމުގައެވެ. މިތަނުގައި އެމްޕީއެލްގެ އިތުރުން އިމިގްރޭޝަން، ކަސްޓަމްސް އަދި އެމްއެންޑީއެފުންދޭ ޚިދުމަތްތައްވެސް ލިބެންހުންނާނެއެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.
ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަޙައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެނަމަ މިއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.