ޤައުމީ އިސްލާމީ ލައިބްރަރީ އަންނަ އަހަރުގެ ޖެނުއަރީ މަހު ޤާއިމުކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އިިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މަސައްކަތްތަކާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ މަރުކަޒުގައި ކުރިން ލައިބްރަރީއެއް ހުރި ކަމަށެވެ. އެތަން ބަންދުކޮށް ފޮތްތައް މިދިޔަ އަހަރުގައި ގުދަނަށް ލާފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ބަދަލުކޮށް، ސަލްމާން މިސްކިތުގައި، މީހުންނަށް ވަދެވޭނެހެން ޤައުމީ އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރައްވާނެކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
"އެތަން ޤާއިމުކުރާނީ ދިރާސާ ކުރާ މީހުންނަށް ފަސޭހައިން ދިރާސާ ކުރެވޭނެ ފަދަ ގޮތަކަށް، ޒަމާނީ ވަސީލަތްތަކާއެކު. އަޅުގަނޑުމެންގެ އަމާޒަކީ ޖެނުއަރީ މަހުގެ ކުރިން މި ލައިބްރަރީ އިފްތިތާހުކުރުން. އަދި އިސްލާމީ އެކި މަރުކަޒުތަކުގައި ވެސް ލައިބްރަރީތައް ޤާއިމުރާނަން." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
• ގދ. ތިނަދޫ އިސްލާމިކް ސެންޓަރު
• ރ. އުނގޫފާރު އިސްލާމިކް ސެންޓަރު
• ހއ. ދިއްދޫ އިސްލާމީ ސެންޓަރު ނިމޭއިރު އިސްލާމީ ލައިބްރަރީ ޤާއިމުކުރާނެ
• އައްޑޫސިޓީ ހިތަދޫގައި އިސްލާމީ ސެންޓަރު ނިމޭއިރު އިސްލާމީ ލައިބްރަރީ ޤާއިމުކުރާނެ
• ޏ. ފުވައްމުލަކުގައި ކީރީތި ޤުރުއާނާ ބެހޭ މަރުކަޒު ނިމޭއިރު އިސްލާމީ ލައިބްރަރީ ޤާއިމުކުރާނެ
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ ވުޒާރާގެ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް މި ހުރިހާ ތަނެއްގައި އިސްލާމީ ލައިބްރަރީ ޤާއިމުކުރެއްވުންކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއަރުވާ ދަމަހައްޓަވަން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. ރާއްޖެއަށް ގެންނަން ބޭނުންފުޅުވަނީ މާއްދީ ތަރައްޤީ ނޫންކަމަށާއި ފިކުރީ ތަރައްޤީ ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ހިދާޔަތު ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ރައީސްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަމަށާއި ވުޒާރާއިން މަސައްކަތް ކުރައްވަމުންގެންދަވަނީ އެ އަމާޒަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ވަޒީރު ވަނީ އިމާމުން ތަމްރީނުކުރުމުގެ މަޝްރޫއަށް އަލިއަޅުވާލައްވާފައެވެ. އިމާމުން ތަމްރީނުކުރުމުގެ މަސައްކަތް ޤައުމީ ކަމެއްގެ ގޮތުގައި ފައްޓަވަންޖެހިވަޑައިގަތީ އެކި ރަށްތަކަށް ޒިޔާރަތްކުރިއިރު އިމާމުންގެ ދަތިކަން ހުރިކަން ފާހަގަކުރެވުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އިމާމުންގެ ތައުލީމީ ފެންވަރު މަތިކޮށް، ތަމްރީނުކުރަން ސަރުކާރުން ފެއްޓެވިކަމަށާއި މިހާތަނަށް ވަކި ޚާއްސަ މަންހަޖެއްގެ ތެރެއިން 402 އިމާމުން ތަމްރީނު ކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިސްލާމީ މުސްތަޤްބަލް ވަރަށް އުޖާލާ ކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.