ވޯލްޑް ބޭންކުން ރާއްޖެއަށް ދީފައިވާ އެހީއާއެކު ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އެންސީއައިޓީ ކުރިއަރުވައި، ޑިޖިޓަލް އައިޑެންޓިޓީ ކާޑު، އީ-ފާސް އިތުރަށް ތަރައްޤީކުރެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ ކިނާނަތު މިހެން ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިމަޝްރޫޢާ ބެހޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ ވޯލްޑް ބޭންކުން މިމަޝްރޫޢަށް 10 މިލިއަން އެމެރިކާ ޑޮލަރު އެހީގެގޮތުގައި ދީފައިވާ ކަމަށެވެ. މީގެ ދަށުން 4 އިދާރާއަކަށް ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.
• ޕްރޮޖެކްޓުގެ އިދާރީ ކަންކަމަށް: 0.5 މިލިޔަން ޑޮލަރު
• މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ: 3 މިލިޔަން ޑޮލަރު
• އެންސީއައިޓީ: 2.6 މިލިޔަން ޑޮލަރު
• ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންސް: 3 މިލިޔަން ޑޮލަރު
• ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް: 0.9
ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ އެންސީއައިޓީއަށް ދެވޭ ފައިސާގެ އެހީއާއެކު އެއިދާރާ އިތުރަށް ކުރިއަރުވައި ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް އައިޑެންޓިޓީ ކާޑު، އީ-ފާސް އިތުރަށް ތަރައްޤީކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މުޅިން އެހެން ލެވެލްއަކަށް އީފާސް އަޕްގްރޭޑްކުރަން. 10 އަހަރުން ދަށުގެ ކުޑަކުދިން ނުލައި ރާއްޖޭގެ އާބާދީގެ 65 އިންސައްތަ މީހުން އީ-ފާސް ބޭނުންކުރޭ. މިއީ ގާތްގަނޑަކަށް 230،000 ރައްޔިތުން." ޑރ. ކިނާނަތު ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ޑައިރެކްޓަރ ޑރ. އިބްރާހިމް ވަޙީދު ވިދާޅުވީ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފަށާފައިވާކަމަށެވެ. އަދި މަޝްރޫޢުގެ ނަތީޖާ 2027 ވަނަ އަހަރުގެ ތެރޭގައި ފެންނަށް ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑިޖިޓަލް މޯލްޑިވްސް އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި މީހުން ބިނާކުރުމާއި ޑިޖިޓަލް ފްރޭމްވަރކްތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި ޤާނޫނު އެކުލަވާލުމަށްވެސް މިމަޝްރޫޢުގެ ދަށުން އެހީދިނުމަށްވަނީ ހަމަޖެހިފައެވެ.