ޚަބަރު

އައިއީޑީ ތައްޔާރުކުރީ އަދީބް ވިދާޅުވެގެން- ހެއްކެއް


ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލާފައިވާ އައިއީޑީއަކީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ވިދާޅުވެގެން ތައްޔާރުކޮށްދީފައިވާ އެއްޗެއްކަމަށް ބުނެ ސިފައިންގެ މީހަކު ހެކިބަސްދީފިއެވެ.

އެމީހާ މިހެން ބުނެފައިވަނީ އަޙުމަދު އަދީބާއި އޭނާގެ ދެ ބޮޑީ ގާޑުންކަމަށްވާ ހަސަން ރިކާޒާއި އަޙުމަދު އާމިރާއި ދެކޮޅަށް ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމްގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ކާކުކަން ނޭގޭގޮތަށް އަޑު ބަދަލުކޮށްގެން ސިއްރުން ހެކިބަސްދިން ސިފައިންގެ މީހާ ބުނެފައިވަނީ އަޙުމަދު އަދީބު ވިދާޅުވެގެން ދެ އައިއީޑީ ތައްޔާރުކޮށްދީފައިވާކަމަށެވެ. ފުރަތަމަ އައިއީޑީ ތައްޔާރުކޮށްދިނީ މޭޑޭގެ މުޒާހަރާގައި ސިޔާސީ ސްޓަންޓެއް ހަދަން ބޭނުންވެގެން އެކަމަށް އަދީބު އެދިވަޑައިގަތުމުންކަމަށެވެ. މިގޮތުން މޭޑޭގެ މުޒާހަރާ ހިނގަމުންދަނިކޮށް ކުރީގެ ޕޮލިސް ކޮމިޝަނަރ ޙުސެއިން ވަހީދުގެ ކާރު ގޮއްވާލުމަށް އަދީބު ރާއްވަވާފައިވާކަމަށް އެމީހާ ބުނެފައިވެއެވެ. އަދި އެކާރު ގޮއްވާލުމަށް ރާވާފައިވަނީ ހުސެއިން ވަހީދު ކުއްލި މީޓީންއަކަށް ޓޯޔާރޑަށް ވަޑައިގެން ކާރު ޕާކުކޮށް އެބޭފުޅާ ކާރުން ފޭބުމުންކަމަށް އެމީހާ ބުނެފައިވެއެވެ. އަދި އެކަން އެ ގޮތަށް ކުރަން ނިންމީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ހައްޔަރުކުރެއްވުމުގެ ބޭނުމުގައިކަމަށް އަދީބު ވިދާޅުވިކަމަށްވެސް ހެކިބަސްދިން ސިފައިންގެ މީހާ ބުނެފައިވެއެވެ.

ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލާފައިވާ އައިއީޑީއަކީވެސް ސިޔާސީ ސްޓަންޓެއް ހެދުމަށް ލޯންޗެއް ގޮއްވާލަން ބޭނުންވާކަމަށް އަދީބު ވިދާޅުވެގެން ތައްޔާރުކޮށްދިން އައިއީޑީއެއްކަމަށް އެމީހާ ބުނެފައިވެއެވެ. ދެވަނައަށް ތައްޔާރުކޮށްދިން އައިއީޑީ ތައްޔާރުކޮށްދިން ފަހުން ގިނަ ސުވާލުތަކެއް އަދީބު ކުރައްވަމުން ގެންދެވިކަމަށް އެމީހާ ބުނެފައިވެއެވެ. މިގޮތުން އޭތި ގޮއްވާލަންބޭނުންކުރާ ރިމޯޓް ބޭނުންކުރެވޭނީ ކިހާ ދުރުމިނަކުންތޯއާއި އަދި ގޮވާ ގޮވުމުގެ ބާރުގަދަވާނީ ލޯންޗްގެ ކޮންތާކު އޭތި ހަރުކޮށްގެންތޯވެސް އަދީބު ސުވާލުކުރައްވާފައިވާކަމަށް އެމީހާ ބުނެފައިވެއެވެ.

ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި އައިއީޑީ ފުރަތަމަ ހެދީ 200 ގްރާމް ގޮވާތަކެތި ބޭނުންކޮށްގެންކަމަށާއި އެހެންނަމަވެސް ފަހުން އަދީބު އުޅުއްވި ގޮތުން ޝައްކު އުފެދިގެން އެ އައިޑީގައި ބޭނުންކުރި ގޮވާތަކެތީ މިންވަރު 60 ގުރާމަށް ދަށްކުރިކަމަށްވެސް އެ މީހާ ބުނެފައިވެއެވެ.

ސިއްރުން ހެކިބަސް ދިން ސިފައިންގެ މީހާ ބުނެފައިވަނީ އަދީބު ވިދާޅުވެގެން ހެއްދެވި 2 އައިއީޑީވެސް ތައްޔާރުކޮށްފައިވަނީ އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓްގެ ތެރޭގައިކަމަށެވެ. އަދި އޭގެ ތެރެއިން ލޯންޗްކޮޅުގައި ގޮއްވާލި އައިއީޑީ ތައްޔާރުކުރީ ރައީސް އަބުދުﷲ ޔާމީނާއި ނައިބު ރައީސް އަޙުމަދު އަދީބަށް އިންޒާރުދީ ޔޫޓިއުބްގައި އާއްމުވި ވީޑިއޯއާއި ގުޅުވައިގެން ގޮއްވާލުމަށް ކަމަށް އަދީބު ވިދާޅުވިކަމަށެވެ. އަދި ދީނީ ހަރުކަށި ޚިޔާލުގެ މީހުންކަން ދޭހަވާގޮތަށް ޔޫޓިއުބްގައި އާއްމުކުރި ވީޑިއޯއަކީވެސް އަދީބު ތައްޔާރުކުރެއްވި އެއްޗެއްކަމަށް އަދީބު ވިދާޅުވިކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވިފަހުން ވައިބަރ މެދުވެރިކޮށް އަދީބު ގުޅުއްވާ ފިނިފެންމާ ލޯންޗްކޮޅުގައި ގޮވި އެއްޗަކީ އޭރު ތައްޔާރުކުރި އެތިކަމަށް ބުނެ، ކުރަން އުޅުނު ކަން ފެއިލްވިކަމަށް އަދީބު ވިދާޅުވިކަމަށްވެސް ހެކިބަސްދިން މީހާ ބުނެފައިވެއެވެ. އަދި މަޑުން ހުރުމަށާއި އަދީބާއި ގުޅޭގޮތުން ވާހަކަ ނުދެއްކުމަށް އަދީބު އެދިވަޑައިގެންނެވިކަމަށްވެސް އެމީހާ ބުނެފައިވެއެވެ. މި މައްސަލާގައި މިއަދު ބައެއް ފުލުހުންގެ ހެކިބަސްވެސް ނަގާފައިވެއެވެ.